ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ 27 ވަނަ ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސް އޮފް ދަ ކޮމަންވެލްތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންފިއެވެ.
މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ 27 ވަނަ ކޮންފަރެންސްގައި ތިމާވެއްޓާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު މައުޟޫގައި އަސްލަމް ވަނީ އިންޓަރވެންޝަންއެއް ދެއްވައިއެވެ.
އަަސްލަމް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ މޫސުމަށާއި ކަނޑުގެ ދިޔަވަރަށް އަންނަ ބަދަލުތަކުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެއް ގައުމު ކަމަށެވެ.
އެކަން ފާހަގަކުރައްވައި އަސްލަމް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ލިބޭ ގެއްލުމާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާއި އެފަދަ މަސައްކަތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
އެގޮތުން ތިމާވެށި ރައްކާތެރި ކުރުމަށާއި 2030 ވަނަ އަހަރު ނެޓް ޒީރޯ ގައުމަކަށް ވުމަށް ރާއްޖެއިން ކުރަމުންދާ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފާހަގަ ކުރައްވައި މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާގުޅޭ ކޮމިޓީގެ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވައިލެއްވިއެވެ.
މި ކޮންފަރެންސްގެ ހަވާސާގައި އަަސްލަމް ވަނީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދާނާ އާއި ޔޫގެންޑާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް އަނީތާ އަމޮންގްއާ ވެސް ބައްދަލު ކުރައްވައިފައެވެ.
މި ދަތުރުފުޅަށްފަހު އަސްލަމް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.