20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް އެކްސްގައި ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އާންމުކޮށް އިއުލާން ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ އިންތިޚާބާބެހޭ ޖަލްސާ އިން ކަމަށް ޙަބީބް ވިދާޅުވިއެވެ.
އިންތިޚާބުގެ އެކި ދާއިރާތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ޖެނުއަރީ 10 ވަނަ ދުވަހު އާންމުކުރުމަށް ވެސް ކޮމިޝަނުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ވެސް ޙަބީބް ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ އިންތިޚާބު އަވަސް ކޮށްދިނުމަށް އެދި އީސީއިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީން ނިންމީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން އީސީއަށް ލަފާދިނުމަށެވެ. ނަމަވެސް ރޯދައިގެ ފަހުން އިންތިޚާބު ބާއްވާނަމަ ދެވަނަ ބުރަކަށް ދާންޖެހޭ ހާލަތުގައި އެކަން ކުރުމަށް ގާނޫނު ތަނެއް ނުދޭތީ އީސީން ބުނެފަައިވަނީ ގޮތެއް ނިންމާނީ އެ ކޮމިޝަނުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.