ރަޝިޔާއާއި ޗައިނާއިން މިލިޓްރީ އެއްބަސްވުމަކަށް

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ފުންނާބު އުސް މިލިޓްރީ ތަޖްރިބާކާރުން ގެ ނަޒަރުގައި ރަޝިޔާއާއި ޗައިނާއިން މިލިޓްރީ އެއްބަސްވުމެއް ގާއިމް ކުރުމަކީ މިހާރުވެސް ދުނިޔޭގެ ކުރިމަތީގައި ބާރުކެނޑެމުންދާ އެމެރިކާގެ ނުފޫޒަށް ލިބިގެންދާނެ އިތުރު ހީނަރުކަމެކެވެ. 

އަދި އެތައްޒަމާނަކަށް ދެމިގެންމިދާ އެމެރިކާގެ ބާރުގަދަ ރަސްކަމަށް މެދުވެރިވާނެ ނުރައްކަލެއްވެސް މެއެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުމާއެކު މި ނުރައްކަލުގެ ފެށުމާ ކުރިމަތިލާން ޖެހޭނެކަން އެމެރިކާއަށްވެސް ކޮންމެވެސް ވަރަކަށް އެނގިއްޖެކަމަށް ބެލެވެއެވެ.

ރަޝިޔާއާއި ޗައިނާ މިލިޓްރީގޮތުން ގުޅުން ބަދަހިވަމުން ދާތަން އެމެރިކާއިންވެސް ދަނީ ބަލަމުންނެވެ. މިލިޓްރީގޮތުން އެއްވެސް ގައުމަކަށް އެމެރިކާއާއި ކުރިމަތި ލުމުގެ ކުޅަދާނަކަން ލިބިފައިނެތި އެތައް ޒަމާނެއް ފާއިތުވެގެން ދިއުމަށްފަހު މިއަދު އެމެރިކާއަށްވެސް މިއޮތީ އެއްވެސް ޙާލަތެއް ދާއިމަށް ދެމިގެން ނުދާނެކަމުގެ ހަގީގަތާ ކުރިމަތިލާން ޖެހިފައެވެ.                                                      

1991 ވަނައަހަރު ސޯވިއެޓް ޔުނިއަން ރޫޅިގެން ދިއުމަށްފަހު މިލިޓްރީގޮތުން އެމެރިކާ އޮތީ ދުނިޔޭގެ ހަމައެކަނި ސުޕަރ ޕަވަރުގެ މަގާމުގައެވެ. އެމެރިކާގެ އެކުވެރިންނާއި ބައިވެރިންގެ ސަލާމަތާއިރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މުޅިދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާގެ ލަޝްކަރުތައް އެއޮތީ ރުކުރުވާލާފައެވެ.

އެހެންނަމަވެސް މިހާރު 2023 ވަނައަހަރު ނިމުމަކަށް ދާއިރު ފެންނަމުން ދަނީ މުޅިން ތަފާތު މަންޒަރެކެވެ. ދުނިޔެއަށް ފެތުރިފައިވާ އެމެރިކާގެ ނުފޫޒާއި ބާރު ކަނޑުވާލަން އަޒުމް ކަނޑައަޅާފައިވާ ރަޝިޔާއަކާއި ޗައިނާއެކެވެ. 

ޗައިނާގެ ރައީސް ޝީޖިންޕިން އާއި ރަޝިޔާގެ ރައީސް ޕޫޓިން ބަލަމުންގެންދަނީ އެމެރިކާގެ ބައިވެރިންނާއި އެކުވެރިންގެ މެދަށްދެމިގަނެ ހަމަނުޖެހުން އުފައްދުން ކަމުގައި މުޙައްލިލުން ބުނަމުން ގެންދެއެވެ. ކޮންމެއެއަކަސް ޗައިނާއާއި ރަޝިޔާގެ މިލިޓްރީ ގުޅުމަކީ ގާތް މުސްތަގުބަލެއްގައި އެމެރިކާއަށް ކުރިމަތިލާން ޖެހޭނެ އެންމެ ނުރައްކާތެރި ޙާލަތެވެ.                                                      

އެޓްލާސް ގްރޫޕުގެ ސީ. އީ. އޯ. ޖޮނަތަން ވާރޑް ބިޒިނަސް އިންސައިޑަރަށް ކިޔާދިން ގޮތުގައި ޗައިނާއާއި ރަޝިޔާގެ މިލިޓްރީ ގުޅުން މިހާތަނަށް އިއުލާން ކޮށްފައި ނެތަސް އެ ގުޅުން މިހާރު އޮތީ ވަރަށް ފުޅާދާއިރާއެއްގައި ގާއިމް ކުރެވިފައެވެ.

އެ ދެގައުމުންވެސް ގެންދަނީ މިލިޓްރީ ރިސޯސަސް ޙިއްސާކުރަމުންނެވެ. އެ ދެ ގައުމުގެ މެދުގައި އެއްބަސްވެފައިވާ “ ކޮމްޕްރެހެންސިވް ސްޓްރާޓީޖިކް ޕާރޓްނަރޝިޕް “ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ މިލިޓްރީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމެވެ. 

ސީ އޮފް ޖަޕާނުގައި ފާއިތުވެގެންމިދާ ދެ އަހަރުދުވަހު އެ ދެގައުމުން ގުޅިގެން ހިންގަމުން ގެންދާ ކަނޑު ސިފައިންގެ ތަމްރީނު ތަކަކީ އޭގެ ހެއްކެއް ކަމުގައި ފުދޭނެއެވެ. ޗައިނާގެ ކަނޑު ސިފައިންގެ ލަޝްކަރުތައް ހުރިހާ ގޮތަކުންވެސް އެމެރިކާ އެއްފެންވަރެއްގައި ނުވަތަ އެއަށްވުރެންވެސް ކުރިއެރުވުމުގެ ގޮތުން ރަޝިޔާއިން ވަނީ ސަބްމެރިން ޓެކްނޯލޮޖީ  ޗައިނާއަށް ފޯރުކޮށްދީފައެވެ. އޭގެ އިތުރުން ރަޝިޔާއިން ވަނީ އެސް. ޔޫ -25 މަރުކާގެ ހަނގުރާމަމަތީ ޖެޓާއި އެމް. އައި -17 މަރުކާގެ ހެލިކޮޕްޓަރާއި އެސް-400 ގެ އެއަރޑިފެންސް ސިސްޓަމްވެސް ޗައިނާއަށްވެސް ފޯރުކޮށްދީފައެވެ.

ދުނިޔޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުން މިކަމަށް ހެކިލިބިގެން ދެއެވެ. ޔޫކްރެއިން ހަނގުރާމައިގާ ޗައިނާއިން ރަޝިޔާއަށް ސިޔާސީ އަދި އިގްތިސާދީ ސަޕޯރޓް ފޯރުކޮށްދެމުން ގެންދާއިރު އެމެރިކާއިން ގެންދަނީ އެތައް ބިލިއަން ޑޮލަރެއްގެ މިލިޓްރީ އެހީ ޔޫކުރެއިން އަށް ފޯރުކޮށްދެމުންނެވެ. މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާވެސް ޗައިނާއާއި ރަޝިޔާއިން ތެދުވެފައިވަނީ  އިސްރާއީލާ ދެކޮޅަށް އަދި އީރާނުގެ މަދަދު ލިބެމުންދާ ފަލަސްތީނު ޙަމާސް އާ އެއްކޮޅަށެވެ. 

އެކަމަކު އެމެރިކާއިން މިލިޓްރީ އަދި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ ވަރަށް ފައުޅުގައި އިސްރާއީލަށެވެ.                      

ޗައިނާގެ ބެލުން މިހާރު އަމާޒުކޮށްފައި އޮތީ ޔޫކްރެއިންގެ ހަނގުރާމައިގާ ދުނިޔެއިން ދެކޭގޮތް ބެލުމަށެވެ. ޗައިނާގެ ބާރުގެ ދަށަށް ތައިވާނު ގެނައުމާދޭތެރޭ ގޮތެއް ނިންމާނެކަމަށް ބެލެވެނީ އެހިސާބުންނެވެ.                  

ރަޝިޔާއާއި ޗައިނާގެ ވެރިން މިހާތަނަށް ރަސްމީގޮތުން މިލިޓްރީ އެއްބަސްވުމުގައި ސޮއިކޮރައްވާފައި ނެތަސް އެ ދެ ގައުމުން ކަށަވަރުކުރަމުން ގެންދާ އެއްބައިވަންތަކަން އެއީ އެމެރިކާއާއި އެމެރިކާގެ ބައިވެރިނަނށް ނިދި ގެއްލުވާނެ ކަމެއް ކަމުގައި ޔޫރަޕިއަން ޕޮލިސީ ސެންޓަރުގެ މުޙައްލިލު ޗެލްސް މައިތާ ބުނެފައިވެއެވެ. މައިތާ އިތުރަށް ބުނެފައިވާގޮތުގައި ރަޝިޔާއާއި ޗައިނާގެ ފުރިހަމަ މިލިޓްރީ އެއްބައިވަންތަ ކަމަކީ ފިނި ހަނގުރާމައަށް ފަހު އެމެރިކާއަށް ކުރިމަތިލާން ޖެހޭނެ އެންމެ ބޮޑު ނުރައްކަލެވެ.                     

ފިނި ހަނގުރާމައިގެ ދުވަސަވަރު ޕެންޓަގަންގެ މިލިޓްރީ ސިޔާސަތަށް ވެފާ އޮތީ އެއްފަހަރާ ބާރުގަދަ އެއްގައުމަކާއިއެކު ހަނގުރާމަ ކުރުމާއި އާދައިގެ ފެންވަރުގެ ދެ ގައުމަކާއެކު ހަނގުރާމަ ކުރުމުގެ ގާބިލުކަން ދެމެހެއްޓުމެވެ.

އެހެންނަމަވެސް ދިމާވަމުންދާ ގޮންޖެހުންތަކާ ހުރެ މިހާރު އެ ސިޔާސަތު ވަނީ ބާރުގަދަ އެއްގައުމަކާއެކު ހަނގުރާމަ ކުރުމަށް ބަދަލު ކޮށްފައެވެ. މިދިޔަ އޮކްޓޯބަރ މަހުގެތެރޭގައި އެމެރިކާގެ ކޮންގެރެޝަނަލް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއާއި ޗައިނާގެ މިލިޓްރީ ކުރިއެރުންތަކުގެ ސަބަބުން އެމެރިކާއަށް މިހާރު ކުރިމަތިލާން ޖެހިފައި މިވަނީ ފިނި ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްތަކަށް ވުރެންވެސް ނުރައްކާތެރި ޙާލަތެކެވެ.

މިސަބަބަށްޓަކައި ރަޝިޔާއާއި ޗައިނާއާ ދެކޮޅަށް އެއްފަހަރާ ހަނގުރާމައެއް ކުރަން ޖެހުނަސް އެކަމަށް ކުރިމަތިލެވޭނެ ޙާލަތަކަށް އަލުން ސިޔާސަތު އެކުލަވާލުމަށް ޕެންޓަގަންއަށް އިރުޝާދު ދީފައި ވެއެވެ. ޗައިނާއާއި ރަޝިޔާއިންވެސް މިލިޓްރީގޮތުން ދުނިޔޭގެ  ބޮޑު ބާރެއްގެ ރޯލް ކުޅެން ބޭނުންވެފާ ތިބި ދަނޑިވަޅެއްގައި އެ ދެގައުމު މިލިޓްރީގޮތުން އެއްބައިވުމަކީ މިހާރު އަހަރެމެންގެ ބޮލުގައި އެޅިފައި އޮތް ޔޫރަޕާއި އޭޝިޔާއާއި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖެހޭ މައްސަލައެއްކަމަށް އެމެރިކާވެސް މިހރު އެއްބަސްވެއެވެ.

ރަޝިޔާއާއި ޗައިނާގެ މިލިޓްރީ އެއްބައިވަންތަކަމާއި މެދު ދެކެވޭ ވާހަކަތަކަށް ބައެއް ތަޖްރިބާކާރުނެ މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ. އެމީހުން ދެކޭގޮތުގައި ޗައިނާއިން ބޮޑަށް ބުރަވަމުންދާނީ ޔޫރަޕްގެ ފައިސާވެރި ބާޒާރުން އެމީހުންގެ ހަތިޔާރުތަކަށް މާކެޓް ހޯދުމެވެ. ހަމައެއާއި އެކު އެ ދެ ގައުމުގެ މިލިޓްރީ އެއްބައިވަންތަކަން އަޅާނުލާ ދޫކޮށްލެވޭކަށް ވެސް ނޯންނާނެއެވެ.

އެޓްލާސް ގްރޫޕުގެ ސީ. އީ. އޯ. ޖޮނަތަން ވާރޑް ބުނެފައިވާގޮތުގައި ބާރުގަދަ އެހެން ގައުމުތަކުން އެމެރިކާއަށް ކުރިމަތިވެދާނެ ނުރައްކަލުން ރައްކާތެރި ވުމަށްޓަކައި ޔޫރަޕާއި އަދި އެމެރިކާއާއި ގުޅުން ރަނގަޅު ގައުމުތަކުގައި މިލިޓްރީގޮތުން ރަނގަޅަށް ފައި ހަރުކޮށްލަން ޖެހޭނެއެވެ. 

ރަޝިޔާއާއި ޗައިނާގެ މިލިޓްރީ ގުޅުމަށް ބަލައިފިނަމަ އެފަދަ ފިޔަވަޅުތައް އަޅާފައި ބެހެއްޓުމުގެ މުހިންމުކަން އަދި މާބޮޑެވެ.                        



Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް