މާލެ ސަރަހައްދުން ފައިލޭރިއާގެ އިތުރު ކޭސްތަކެއް, ޕޮޒިޓިވްވި މީހުންގެ އަދަދު 32 އަށް

Loading

Facebook
Twitter
WhatsApp

މާލެ ސަރަހައްދުން ފައިލޭރިއާގެ އިތުރު ކޭސްތަކެއް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

ރާއްޖެއިން 2016 ވަނަ އަހަރު ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ކުޅުދުށްފުށި ސިޓީއިން ފެނުނީ މި މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު އެ ރަށުގައި ކުރިއަށްގެންދިޔަ ބިދޭސީ މަސައްކަތެރިންގެ ސްކްރީނިންގ ކެމްޕޭނުގެ ތެރޭގައި ޓެސްޓުކުރުމުގެ ތެެރެއިންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުން ކުޅުދުށްފުށިން ޕޮޒިޓިވްވި ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ ’އެންޑެމިކް‘ ގައުމުތަކުންނެވެ.

ފައިލޭރިއާ އަށް އެ ރަށުން މިހާތަނަށް 25 ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފަޔާއެކު ކުރެވެމުންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން ބައްޔަށް ޓެސްޓުކުރުމުގެ ތެރޭގައި އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މި މަހުގެ 22 އަދި 23 ގައި ފައިލޭރިއާއަށް ޓެސްޓުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައިވަނީ ހުޅުމާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށްޓާއި މާލޭގެ ސަރަހައްދުތަކުގައި ކަމަށާއި މައިގަނޑު ގޮތެއްގައި ޓެސްޓުކުރުން ކުރިއަށް ގެންދެވިފައިވަނީ ބިދޭސީން މަސައްކަތް ކުރާ ސައިޓުތަކުގައި ކަމަށެވެ.

ޕޮޒިޓިވް ކޭސްތަކުގެ ތަފްސީލު:

ހުޅުމާލެ- 05

ގުޅީފަޅު- 01

މާލެ- 01

އެހެންކަމުން ފައިލޭރިއާއަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައެވެ.

“މިހާތަނަށް ކުރެވުނު ޓެސްޓުތަކުން ދިވެއްސެއް ޕޮސިޓިވްވެފައި ނުވެއެވެ. ޕޮސިޓިވްވެފައިވާ ނަތީޖާތަކަށް ބަލާއިރު އޭގެތެރޭގައި ހިމެނެނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 ފަރާތަކާއި އިންޑިއާގެ ބިހާރުގެ 18 ފަރާތަކާއި އިންޑިއާގެ ޓެނިލްނާޑޫގެ 01 ފަރާތަކާއި އިންޑިއާގެ ގޯޕާލްބަންޖުގެ 01 ފަރާތަކާއި ބަންގްލަދޭޝްގެ 02 ފަރާތެކެވެ.“

އެޗްޕީއޭއިން ބުނީ މިހާތަނަށް ޕޮޒިޓިވްވި ހުރިހާ ފަރާތްތަކަށް ބޭސްދީފައިވާ ކަމަށެެވެ.

ފައިލޭރިއާއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ (ޕެރަސައިޓް) ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް