އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ރެއިން ފަށައިގެން ހޯދަމުން އެބަދެއެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 22:10 ހާއިރުއެވެ.
އެމްއެންޑީއެފްއިން ބުނީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝް ކަމަށާއި އޭނާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށެވެ.
ގެއްލުނު މީހާ ހޯދުމުގެ މަސަައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ”ދޮށިމޭނާ“ އާއި ”ހާބަރކްރާފްޓް 105″، ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ.
މީގެއިތުރުން ފުލުހުންނާއި އާންމު ރައްޔިތުންގެ އުޅަނދުތައް ވެސް ހަރަކާތްތެރިވެފައިވެއެވެ.
އޭނާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ. އަދި ފެކްސް ކުރައްވާނަމަ 3391665 މި ނަންބަރަށް ފެކްސް ކުރެއްވުމަށް އެދިފައިވެއެވެ.