މަޖިލީސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ: ފާރިސް

Loading

Facebook
Twitter
WhatsApp

މަޖިލިސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަކަމަށް ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް މިހެން ވިދާޅުވީ، މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމާފައި ވާތީއެވެ. 

އެގޮތުން ފާރިސް ވިދާޅުވީ މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެންދަނީ އެމްޑީޕީ  ވިޔަސް ޕީޕީއެމް-ޕީއެންސީ  ވިޔަސް، ބޮޑެތި ޕާޓީތަކުން އަމަލު މި ކުރަނީ ހަމަ އެއްގޮތަކަށްކަން ކަމަށެވެ. 

ހަމަ އެހެންމެ ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަނީ ކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފައެވެ.  

އެގޮތުން މި ނިޒާމު ބަދަލުކުރުމަށް އާ ވިސްނުމެއްގެ މީހުން ހޮވަން ޖެހޭ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ރާއްޖޭގެ އާބާދީގެ ނިސްބަތުން، މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ މަދުކުރަން ޖެހޭ ކަމަށާއި މަޖިލީސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. 

މެންބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތަށް ހަމަޖައްސަން ޖެހޭކަމަށްވެސް ފާރިސް ވަނީ ގޮވާލައްވާފައެވެ. 

މެމްބަރުންނާއި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމާފައިވާ ނިންމުން ހާމަކުރުމާއެކު އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ. 

ބައެއް ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި އާންމު ރައްޔިތުން ޒަރޫރީ ކަންކަމަށް ސަލާން ޖަހަމުން ދަނިކޮށް އެ މައްސަލަ ހައްލު ނުކުރެވެނީސް، ރައްޔިތުން ހޮވާ މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކޮށްގެން ނުވާނެ ކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެބައެއްގެ މަސްލަހަތު ހިމެނޭ ކަމެއްގައި، މުސާރަ މަޖިލީހުން ކަނޑައެޅުން ކަމު ނުދާ ކަމަށާއި އެކަން އެހެން ކުރުން ރަނގަޅެއްނޫން ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ހިމެނޭހެން ފަނޑިޔާރުންނާއި މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށެވެ. 

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000 އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000 ރުފިޔާއަށް ބޮޑު ކުރުމަށް ފާސްކޮށްފައިވާއިރު، ކުރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ އިސްގާޒީންގެ މުސާރާ ޖުމްލަ 62،000 ރުފިޔާއަށް، އަދި އެ ކޯޓުތަކުގެ ގާޒީންގެ މުސާރަ 60،000 އަށް ބޮޑުކުރަން ވަނީ ފާސްކޮށްފައެވެ. މެޖިސްޓްރޭޓު ކޯޓުތަކުގެ ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރަ 43،000 ރުފިޔާއަށް އަދި އެ ކޯޓުގެ އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓަރުންގެ މުސާރަ 41،000 ރުފިޔާއަށް ބޮޑުކުރަން ވެސް ވަނީ ފާސްކޮށްފައެވެ.

 މޭޔަރުންގެ މުސާރަ 46،000 ރުފިޔާއަށް ބޮޑު ކުރުމަށް ފާސްކޮށް، އަތޮޅު ކައުންސިލް ރައީސްގެ މުސާރަ 33،000 އަށް ބޮޑުކޮށްފައި ވާއިރު ރަށު ކައުންސިލް ރައީސްގެ މުސާރަ 25،000 އަދި ކައުންސިލް މެންބަރުންގެ މުސާރަ 18،000 ރުފިޔާއަށް ބޮޑު ކުރަން ވަނީ ފާސްކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް