ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއުއަށް ސޯޝަލްމީޑިއާގައި މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ފުލުހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.
“ސޯޝަލްމީޑިއާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިނުމާ ގުޅިގެން އެ މައްސަލަ ބައްލަވައި ތަހުގީގުކޮށްދެއްވުން އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ވާނީ މި އިދާރާއިން މައްސަލަ ހުށަހަޅާފައެވެ.“ ޝިފާއުއަށް ދިން އިންޒާރު ކުށްވެރިކޮށް މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މީގެއިތުރުން މެންބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް އެދި ދިފާއީ ވުޒާރާގައި ވެސް އެދިފައިވާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
ޝިފާއުއަށް އިންޒާރު ދިން މައްސަލާގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ މެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ޚިޔާލުތަކާއި މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން އެ ޕާޓީން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ. އަދި މެންބަރު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް އެ ޕާޓީން ދިވެހި ފުލުހުންނަށް ވަނީ ގޮވައިލާފައެވެ.