ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއްކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަސް ފާހަގަކުރުމަށްޓަކައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް ބަލާ އިރު، އެ ކަމުގައި ތާރީޚުގެ އަލިފަރާތަކާއި ތާރީޚުގެ އަނދިރި ފަރާތެއް ވާ ކަމަށާއި ތާރީޚުގެ އަލިފަރާތުން ފެންނަނީ ދުވަހުގެ ބަތަލު މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިންނާއި، އެމަނިކުފާނަށް ވަފާތެރި ދިވެހީންގެ ލަޝްކަރު ކަމަށެވެ.
އަދި ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ގައުމަށް ޚިޔާނާތްތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތައި މަރާލި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދައުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމަށެވެ.
“ޝަމްސުއްދީނާއި މުޙްޔިއްދީނަކީ ދިވެހި ދައުލަތުގެ ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ދެ ބޭފުޅުން. ވެރިކަމުގެ ދަހިވެތިކަމުގައި އެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދެވި. އަދި ކަނޑައެޅިގެން ދޮގު ވާހަކަތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސިޓީބިޓީގެ ޒަރީއާއިން ހޮޅީންނަށް ލިޔުއްވި. ނަތީޖާއަކަށްވީ ހޮޅީންގެ ލަޝްކަރު މާލެ އަރައި މާލެ ސުންނާފަތިކޮށްލުން. އަދި އެންމެ ފަހުން ތިމާގެ އަމިއްލަ ގައުމަށް ޚިޔާނާތްތެރިވި ބަޔަކު އެހެން ދައުލަތަކަށް ވަފާތެރިވާނެހޭ ބުނެ ހޮޅީން، މި ޣަދަރުވެރި ދެ ދިވެހީން ކަނޑުފައްތައިމެރުން. މި ހުންނަނީ ދިވެހިރާއްޖެ ދެމި އޮތްހައި ދުވަހަކު ހަމަ ކޮންމެ ދިވެހި ދަރިޔަކު ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަން.“
ރައީސް ވިދާޅުވީ ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ޚާއްސަކޮށް، ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި ރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން ކަމަށެވެ. އަދި ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް ކަމަށެވެ.