ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ގާއިމުވެ ނުތިބޭ ބިމަކަށް މި ލޮބުވެތި ދިވެހި ބިން ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން އަނެއްކާވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ހުރަވީ ދުވަސް ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރުން އެ ދައުލަތަށް އެންގިން ކަމަށާއި އެކަމާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަތީފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ. އަދި އިންޑިޔާ ސަރުކާރުން ދެއްވާފައިވާ ޔަގީންކަމަކީ އިންޑިޔާ ސިފައިން އަނބުރާ ރާއްޖެއިން ގެންދާނެކަން ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވާ ކަށަވަރުކަމަކީ އިރާދަކުރެއްވިއްޔާ ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ގާއިމުވެ ނުތިބޭ ބިމަކަށް މި ލޮބުވެތި ދިވެހި ބިން ހަމަޖެހިގެންދާނެކަން. އިރާދަކުރެއްވިއްޔާ އެކަން ހާސިލު ކުރާނަން.“
މީގެއިތުރުން ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން ކަމަށާއި ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް އަދި ދިވެހީންގެ ގައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ސަބަބަށްޓަކައި އިންޑިޔާއާއެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު އިހަށް ދުވަހު ހަމަވުމުން، އެ އެއްބަސްވުން އަލުން ކުރިޔަށް ނުގެންދަން ނިންމައި އެ ކަން ވެސް އިންޑިޔާ ސަރުކާރަށް އަންގާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. “ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން. އެކަމުގެ ގާބިލުކަން ދިވެހި ސިފައިންގައި އަށަގެންނެވުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެންގެ ސަރުކާރުވާނީ މި 14 ހަފުތާގެ ތެރޭގައި ފަށައިފައި.“ ރައީސް ވިދާޅުވީ އެ ކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި، ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް، މިހާރު ފެށިގެން ހަލުވިކަމާއެކު ކުރިޔަށް އެބަ ގެންދާ ކަމަށެވެ.