ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަ މެދުއިރުމަތީގެ އެހެން ސަރަހައްދުތަކަށް ފެތުރިގެން ދިއުމަށް އެމެރިކާއިން އަދި އީރާނުންވެސް ބޭނުން ނުވާކަމަށް ދެ ގައުމުންވެސް ގެންދަނީ ބުނަމުންނެވެ.
އެހެންނަމަވެސް އޮކްޓޯބަރ 7 ގައި ފަލަސްތީނުގެ ޙަމާސްއިން ޖަމާޢަތުން އިސްރާއީލަށް ދިން ކުއްލި ޙަމަލާއަށްފަހު އީރާނުގެ މަދަދު ލިބެމުންދާ ހަނގުރާމަވެރި ޖަމާއަތްތަކުން އިރާގާއި ސީރިޔާގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ގިނަ ރޮކެޓް ޙަމަލާތަކެއް ދަނީ ދެމުންނެވެ. އަދި އެފަދަ ޙަމަލާތަކަށް މެދުކެނޑުމެއްވެސް ނާދެއެވެ.
ހަމައެއާއެކު އެމެރިކާގެ ސިފައިންވެސް އަޅާނުލާ ތިބެނީއެއް ނޫނެވެ. ހަނގުރާމަވެރިންގެ ޙަމަލާތަކަށް އެމެރިކާ ސިފައިން ދިން ރައްދުގައި 15 މީހުން މަރާލެވިފައިވާ ކަމަށް ޕެންޓަގަނުން ބުނެއެވެ. އެއީ އާންމު ރައްޔިތުން ކަމެއް ނުވަތަ ހަނގުރާމަވެރިން ކަމެއް ނުބުނެއެވެ. އަދި ހަނގުރާމަވެރިންގެ ޙަމަލާތަކުގައި އެމެރިކާގެ ވަސީލަތްތަކަށް ނުވަތަ ސިފައިންނަށް ލިބުނު ގެއްލުމެއްވެސް ހާމައެއް ނުކުރެއެވެ.
އެހެންނަމަވެސް މިގޮތަށް ދެމުންގެންދާ ޙަމަލާތައް އަތުން ދޫވެ ނުކިއްސަރު ފިޔަވަޅެއް އެޅިއްޖެނަމަ ނިއްވާލަން އުނދަގޫ އަލިފާންގަނޑެއް މުޅި މެދުއިރުމަތީގައި ރޯވެދާނެ ކަމުގެ ބިރު ވަރަށްވެސް ބޮޑުކަމަށް އެމެރިކާއާއި އަދި އީރާނުންވެސް ގަބޫލުކުރެއެވެ.
އެއީ މީގެ ވިހި ބާވީސް އަހަރުގެ ކުރިން އެމެރިކާއިން އިރާގުގައި ހިންގިފަދަ ނުރައްކާތެރި ހަނގުރާމައަކަށް ވުމުގެ ފުރުސަތުވެސް ކުޑަނޫންކަމަށް މުޙައްލިލުން ބުނެއެވެ. ދެފަރާތަށްވެސް އެނގޭކަމަކީ މިއީ 1988 އެއް ނޫންކަމެވެ. އީރާނުގެ މިލިޓަރީ ބާރުވެރިކަން އޭރަށްވުރެ އެތައްގުނައެއް މިހާރު ގަދަކޮށްފި ކަމެވެ.
އެމެރިކާއިން ދިން ރައްދު ޙަމަލާތަކުގެ ސަބަބުން މިހާތަނަށް އެ ސަރަޙައްދުގެ މަސްރަހަށް މާބޮޑު ބަދަލެއް ނާދެއެވެ. އެމެރިކާގެ ރައްދު ޙަމަލާތަކުގައި ޙިޒްބުއްލާގެ ބައެއް ހަނގުރާމަވެރިން މަރުވުމާ ގުޅިގެން މިދުވަސްވަރު އިތުރު ހަމަލާއެއް އަދި ނުހިންގައެވެ. އެންމެ ފަހުން ޙަމަލާތައް ބަދަލުކުރެވިފައި ވަނީ ވަގުތީ ގޮތުން އިސްރާއީލުގެ ގަތުލު އާންމު ހުއްޓާލުމުގެ އެއްދުވަސް ކުރިންނެވެ.
އެކަމަކު އީރާނަށާއި އީރާނުގެމަދަދު ލިބެމުންދާ ހިޒްބުއްލާ އަށާއި ޔަމަނުގެ ހޫތީންނަށާއި އިރާގާއި ސީރިޔާގައި ޙަރަކާތްތެރި ވަމުން ގެންދާ މުޖާހިދުޖަމާއަތްތަކަށް އެމެރިކާއިން ގެންދަނީ ވަރަށް ގާތުން ފާރަލަމުންނެވެ. ދާދި މިދާކަށްދުވަހުވެސް ޔަމަނުގެ ހޫތީން ވަނީ އެމެރިކާގެ މަނަވަރަކަށް ދެކުނު ރެޑްސީގައި ޑްރޯނަކުން ޙަމަލާދޭން މަސައްކަތް ކޮށްފައެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ މެދުއިރުމައްޗާބެހޭ ދިރާސާތަކަށް ޚާއްސަ ޕްރޮފެސަރ ވާލީ ނަސްރު ވިދާޅުވެފައިވަނީ “ ކޮންމެ މީހަކުވެސް ދެކެމުން މިއަންނަނީ އަސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލު އާންމަކީ ވަގުތީ ކަމެއް ކަމަށެވެ.
އަދި ގައްޒާއާއި ފަލަސްތީނަށް އެމިހުން ބޭނުންވާގޮތެއް ހަދާލުމަށްފަހު ހިޒްބުއްލާއާއި އީރާނުގެ މަދަދުލިބޭ ކަމަށް އެމީހުން ބުނަމުންގެންދާ ހަނގުރާމަވެރި ޖަމާއަތްތަކާ އަދި ކިއެއްތަ އީރާނާވެސް ދިމާކުރާނެކަމަކަށް އެކަކުވެސް ނުވިސްނައެވެ.
އެކަމަކު އިސްރާއީލުގެ މަގްސަދަކީ ފަލަސްތީނަށްފަހު އީރާން ކަން އެއީ ދެބަސްނުވެވޭނެ ޙަގީގަތެކެވެ. އަދި އެއަށްފަހު އިސްރާއީލުން ހުވަފެނުން ދެކެމުންއަންނަ “ ގްރޭޓަރ އިސްރާއީލު “ ގެ ވިސްނުން ޙަގީގަތަކަށް ހަދައި ފުރާތު ކޯރުން ފެށިގެން އެރޭބިއަން ޕެނިންސޫލާވެސް ހިމެނޭގޮތުގައި ތޫނިސްއާއި ހަމަޔަށް އެކުލެވިގެންވާ މުސްލިމް ގައުމުތަކަށް ވެރިވެ ގަތުމަށް މަސައްކަތް ފަށާ ގަންނާނެއެވެ.
އިސްރާއީލުގެ މި މަގްސަދު ކާމިޔާބު ކުރުމަށްޓަކައި އެމީހުންނަށް އޮތް ހަމައެކަނި ހުރަހަކީ އީރާނުކަން އެ ސަރަޙައްދުގެ އެހެން ގައުމުތަކުން ގަބޫލު ކުރިޔަސް ނުކުރިޔަސް އިސްރާއީލަށް ވަރަށް ރަނގަޅަށް އެނގެއެވެ. އީރާނަކީ މެދުއިރުމަތީގެ ގައުމުތަކަށް އޮތް ނުރައްކަލެއް ކަމުގައި އެމެރިކާއާއި އިސްރާއީލުން ޚާއްސަކޮށް ޢަރަބި ގައުމުތަކުގެ ވެރިންނަށް ވިސްނާދޭން މަސައްކަތް ކުރަނީ އެ ސަބަބާހުރެއެވެ.
ގައްޒާއަކީ އެމެރިކާއާއި އިސްރާއީލުން މުސްލިމުންގެ ރަށްތަކަށް ވެރިވެގަނެ އެ ގައުމުތަކުގެ މުއްސަދިކަން ފޭރިގަތުމަށް ރާވާފައިވާ ހަންފެތުރުމުގެ ސިޔާސަތުގެ ފުރަތަމަ މަރުޙަލާއެވެ. “ މި ހަގީގަތަށް ވެލިއަޅާ ފޮރުވުމަށްޓަކައި ހުޅަނގުގެ ދިފާއީ ތަޖްރިބާކާރުންގެ ދޭތެރެޖެއްސުމުގެ ވިސްނުމުން ދުނިޔެއަށް ހާމަކޮށްދޭން ބޭނުންވަނީ ހިޒްބުއްލާ ފަދަ ”ހަނގުރާމަވެރި“ ޖަމާއަތްތަކުގެ ބޭނުންކޮށްގެން އީރާނުން އެމެރިކާއާއި އިސްރާއީލަށް އެކިއެކި ބަހަނާތައް ދައްކައިގެން ވިޔަސް ހަނގުރާމަ އެހެން ސަރަހައްދުތަކަށް ފުޅާކުރަން ރާވައިފިނަމަ ނުވަތަ އީރާނުގެ ނިއުކްލިއަރ ސައިޓަކަށް ޙަމަލާދީފިނަމަ މަސްރަޙް ބަދަލުވެގެން ހިނގައިދާނެގޮތުގެ އިންޒާރު ދިނުމަށެވެ.
ހިޒްބުއްލާ އާއި އިސްރާއީލާ ދެމެދު މެދުކެނޑުމެއްނެތި ބަދަލުކުރެވެމުންދާ ޙަމަލާތައް ހުއްޓުވޭނެ މަގެއް ހޯދަން އެމެރިކާއިން ގެންދަނީ މަސައްކަތްކުރަމުންކަމަށް ވަނަވަރު ހާމަނުކުރުން އެދި އެމެރިކާގެ އޮފިޝަލަކު މަޢުލޫމާތު ދީފައިވެއެވެ.
އެކަމަކު އެއީ އިސްރާއީލުގެ އަމާންކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ބޭނުންވާ ފިޔަވަޅެއް ކަމަށާއި ގައްޒާ ފިޔަވައި އިތުރު ދިމަދިމާލުން އިސްރާއީލަށް ޙަމަލާދެވިދާނެ މަގުތައް ބަންދުކުރަން އަޅާ ފިޔަވަޅެއް ކަމަށްވެސް އޭނާބުނެފައިވެއެވެ.
މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުނުތަނާހެން ހަނގުރާމަ އެހެން ސަރަހައްދުތަކަށް ފެތުރިދާނެފަދަ ޙަރަކާތްތަކަށް ފުރުސަތު ނުދިނުން އެދި އެމެރިކާއާއި އީރާނާދެމެދު ގިނަ މެސެޖްތަކެއް ބަދަލު ކުރެވިފައިވާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައިވަނީ އެމެރިކާއިންވެސް ހަނގުރާމަ އިތުރު ސަރަޙައްދު ތަކަށް ފެތުރިގެން ދިއުމަކަށް ބޭނުމެއް ނުވެއެވެ. އެކަމަކު ހަނގުރާމައިން ގައްޒާއަށްދެވޭގެއްލުންތައް ގިނަކޮށް އަދިވެސް ބޮޑަށް ހޫނުކުރަން އެމެރިކާއިން ބޭނުންވެއެވެ.
އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދެމުން ގެންދާ މިލިޓްރީ އަދި މާލީ އެހީތަކުގެ ބޭނުމަކީ މިއީ ނޫންކަމަށް ބެލޭނެ އެއްވެސް ގޮތެއް ނެތެވެ.
އޮކްޓޯބަރ 7 ގެ ޙަމަލާތައް ފެށުމއިާއެކު ރައީސް ބައިޑްން ގެ ސިއްރު އޭޖެންޓުން ގެންދަނީ އީރާނުގެ ޙަރަކާތްތަކަށް ފާރަލަމުންނެވެ. މިހާތަނަށް އެނގިފައިވާގޮތުގައި އީރާނުން ހަނގުރާމައިގެ ތެރެއަށް ވަނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް އެމެރިކާއިންވެސް ގަބޫލުކުރެއެވެ.

ސިއްރު އޭޖެންސީ ތަކުން ފޯރުކޮށް ދެމުން ގެންދާ މަޢުލޫމާތުގެ އަލީގައި އެމެރިކާގެ ޑިރެކްޓަރ އޮފް އިންޓެލިޖެންސް އޭޖެންސީ އަވްރިލް ޑީ. ހައިނެސް އާއި ރައީސް ބައިޑްންގެ މަޝްވަރާގައި ނިންމާފައިވަނީ އީރާނަށް ސީދާ ޙަމަލާދިނުމުގެ ބަދަލުގައި އީރާނުގެ މަދަދު ލިބެމުންދާ މުޖާހިދީންގެ ޖަމާއަތްތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުން ގެންދިއުމަށެވެ.
އެމެރިކާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ސިޔާސަތަކީ މެދުއިރުމަތީގެ މަސްރަހް ފިނިކުރުމެވެ. އެހެން ބުނިނަމަވެސް ސީރިއާ އާއި ލެބަނާން އަށްވެސް ކިތަންމެފަހަރަކު މިހާރުވެސް ޙަމަލާ ދީފިއެވެ.
އެމެރިކާގެ މަނަވަރުތައް މެޑިޓެރޭނިއަން ކަނޑާއި ޕާރޝިއަން ގަލްފު ސަރަޙައްދަށް ފޮނުވުމުގެ ބޭނުމަކީވެސް އެއީ ކަމުގައި އެމެރިކާއިން ބުނެއެވެ. ހަމައެއާއެކު އީރާނުގެ މަދަދުލިބޭ މުޖާހިދީން އެމެރިކާގެ ވަސީލަތްތަކާއި އަމާޒުތަކަށް ޙަމަލާދެމުން ގެންދާތީ އެކަން ކުށްވެރިކޮށް ނުރުހުން ފާޅުކުރަމުން ގެންދެއެވެ. މިޙަމަލާތަކުގެ ރައްދެއްގެ ގޮތުން އިރާގާއި ސީރިޔާގައި ހުރި އެޖަމާއަތްތަކުގެހަތިޔާރު ގުދަންތަކަކަށް އެމެރިގެ މަތިންދާ ބޯޓުތަކުން ޙަމަލާދޭކަމަށާއި އެޙަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ބުނެފައި ވެއެވެ.
އެހެންނަމަވެސް ނޮވެމްބަރު 12 ވަނަދުވަހު އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން އިރުމަތީ ސީރިޔާގެ ސަރަޙައްދުތަކަށް ދިން ޙަމަލާ ތަކުގައި 6 މީހަކު މަރާލެވުނުކަމަށް ބުނެފައިވެއެވެ.
ޕެންޓަގަންގެ ތަރުޖަމާނު ސަބްރީނާ ސިންގ ބުނެފައިވަނީ އެމެރިކާއިން މެދުއިރުމަތީގެ ”ހަނގުރާމަވެރި“ ޖަމާޢަތްތަކަށް ޙަމަލާދެމުން ގެންދަނީ ވަރަށްބޮޑަށް ބަލައިގެން އެންމެ ގެއްލުން ކުޑަވާނެ ގޮތްގޮތަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިހާރު ހިނގަމުންދާ ހަނގުރާމަވެސް ގައްޒާއިން ބޭރަށް ދިއުމަކީ އެމެރިކާއިން ބޭނުންވާގޮތެއް ނޫންކަމަށެވެ.
އެހެންނަމަވެސް އެމެރިކާ ސަރުކާރުން ބުނަނީ އެ ޙަމަލާތައް ދެމުންގެންދަނީ އީރާނުން އެ ކަމަށްހިނގާ ޚަރަދުގެ ބުރަ އުފުލަންޖެއްސުމަށް ކަމަށާއި އަދި އެކަމުގެ ސަބަބުން ހަނގުރާމައެއްގެ ތެރެއަށް ވަންނަން އެމެރިކާއަށް މަޖުބޫރު ނުވާނެވަރު ބަލައިގެން ކަމަށެވެ. ތަނެއްދޮރެއް ނުބަލާ އިސްރާއީލުން ގައްޒާއަށް ބޮން އެޅުމަކީވެސް ރައީސް ބައިޑްން ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް އެމެރިކާގެ ވަރަށް ސީނިއަރ މިލިޓްރީ ބޭފުޅަކު ވަނީ ބުނެފައެވެ. އެހެން ބުނިނަމަވެސް ޢަމަލީގޮތުން ބައިޑަން ސަރުކާރުން އިތުރު އެނހީގެގޮތުގައި އެތަކެއް ބިލިއަން ޑޮލަރެއް އިޒްރާޢީލަށް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދެއެވެ.
ކަންދިމާވާ ގޮތަކުން އީރާނުގެ ޙަމަލާއަކުން އެމެރިކާގެ ވަސީލަތަކަށް ނުވަތަ އަމާޒަކަށް ގެއްލުމެއް ލިބުނު ކަމުގައިވިޔަސް އެމެރިކާއިން އެ ޙަމަލާއަކާ ދޭތެރޭ ފިޔަވަޅު އަޅާނީ އެކަމުގެ ސަބަބުން އިސްރާއީލަށް ނުވަތަ އެމެރިކާގެ ވަސީލަތަކަށް ނުވަތަ އަމާޒަކަށް އެހެން ދިމާލަކުން އަތުވެދާނެ ޙަމަލާއަކަށް ވަރަށްބޮޑަށް ވިސްނާފައިކަމަށް ޑިޕާރޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ޑިރެކްޓަރ ކްރިސްޓީން އަބީޒައިދު ބުނެފައިވެއެވެ.
ސުވާލު އުފެދެނީ އިސްރާއީލުން ރައީސް ބައިޑްންގެ ބަސް އަހާފާނެތޯ ނުވަތަ ނޫންތޯ މިހިސާބުންނެވެ. ރައިސް ބައިޑްންގެ ސަރުކާރުން އީރާނާއި އީރާނުގެ މަދަދު ލިބެމުންދ ާކަމަށްބުނާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދޭތެރޭ އަޅަމުންގެންދާ ފިޔަވަޅުތަކުން ނުފުދޭކަމަށްބުނެ ކޮންގްރެސް ބައެއް ރިޕަބްލިކުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ދެކޭގޮތުގައި އީރާނާއެކު ހަނގުރާމަ އަކަށްދާން ރައީސް ބައިޑްން ބޭނުންފުޅެއް ނޫނެވެ. ހަމަ އެހެންމެ އީރާނުންވެސް ސަރަޙައްދީ ބޮޑު ހަނގުރާމަކަށް އެގޮތް ދާކަށް ބޭނުމެއް ނުވެއެވެ.
އެހެނަސް އެމެރިކާއިން ބުނާގޮތުގައި އެމީހުންގެ ސިފައިންނަށާއި އަމާޒުތަކަށް ޙަމަލާދިނުމެއްވެސް އީރާނަކުން ނުހުއްޓުވާނެއެވެ. އާރކިންސްގެ ސެނޭޓަރ ޓޮމް ކޮޓްން ދެކޭގޮތުގައި އީރާނު ބިރުގަންނަވާލުން ނޫންގޮތެއް އެމެރިކާއަކަށް ނެތެވެ. މިސާލަކަށް އީރާނުން އަގުބޮޑުކަމަށް ދެކޭ ތަންތަނާ އެއްޗެހި އެމެރިކާގެބާރުގެދަށަށް ގެނެވިއްޖެނަމަ ގުދުސް ފޯސްއާއި ރިވޮލިއުޝަނަރީ ގާރޑުންވެސް ތިބެންޖެހޭނީ ބިމަށް ތުން ހަރާލައިގެން ނެވެ. އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ނުރައްކަލުން އާންމު ރައްޔިތުން ދިފާއުކުރަން ކަމަށްބުނެ އިރާގުގައި އެމެރިކާގެ 2500 ސިފައިންނާއި ސީރިޔާގައި 900 ސިފައިން އެބަތިއްބެވެ.
އިރާގާއި ސިރިޔާގައި ތިބި އެމެރިކާގެ ސިފައިންނަށް ދީފައިވާ ޙަމަލާތަކުގެ ސަބަބުން 60 އަށްވުރެން ގިނަ މީހުންނަށް ވަނީ ސިކުނޑިއަށް ގެއްލުން ލިބިފައެވެ. އޭގެތެރެއިން ގިނަމީހުން ރަނގަޅުވެގެން މިހާރު އެނބުރި ވަޒީފާއަށް ނިކުމެއްޖެ ކަމަށް ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ދިފާއީ ވަޒީރު މިމޭރުމުން ވާހަކަފުޅު ދެއްކެވިނަމަވެސް އެސަރަހައްދު ތަކުގައިތިބިއެމެރިކާގެ ސިފައިން މަޢުލޫމާތު ހާމަކުރަމުން ގެންދާ ގޮތުގައި އެމެރިކާގެ ސިފައިންނާއި އަމާޒުތަކަށް ބޮޑެތި ގެއްލުންތައް ނުލިބި ސަލާމަތް ކުރެވިފައިވަނީ ނަސީބު ރަނގަޅުކަމުންނެވެ.
މިދިޔަ އޮކްޓޯބަރު މަހުގެފަހުކޮޅު ގޮވާތަކެތިން ބަރާކޮށްފާއޮތް ކަމަށްބެލެވުނުޑްރޯނެއް އިރާގުގެ އިރްބިލްގައި ހުންނަ އެމެރިކާގެ ބޭސްއަށް ޖެހިގަތެވެ. ވަރަށް ސީނިއަރ މިލިޓްރީ އޮފިޝަލަކު ބުނެފައިވަނީ ނަސީބު ރަނގަޅުކަމުން އެއީ ޙަގީގީ ޑްރޯނެއް ނޫނެވެ. އެހެންނޫންނަމަ ޒަޚަމްވެ އަދި މަރުވެގެންދާނީ ކިތައް ސިފައިކަމެއްވެސް ބުނާކަށް ނޭގެއެވެ.
އިސްރާޢީލުން ފަލަސްތީނަށް ދެމުން ގެންދާ ކޮންމެ ޢުދުވާނެއްގައިވެސްއެމެރިކާގެ ފުލް ސަޕޯޓްދީ ފަލަސްތީނު ސުންނާފަތިކޮށް އަޅުވެތި ކުރުވޭތޯ ބަލަނީ މިސަބަބަކަށްޓައި ކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ.
2 Responses
އެމެރިކާއިން އީރާނާއެކު މިވަގުތު ހަނގުރާމައަކަށް ދާން ބޭނުން ނުވާ ސަބަބު ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ މެދުއިރުމައްޗާބެހޭ ދިރާސާތަކަށް ޚާއްސަ ޕްރޮފެސަރ ވާލީ ނަސްރު އެވަނީ ބުއްދި ސަލާމަތުން ހުރިބަޔަކަށް ވިސްނޭ ވަރަށް ބުނެދީފައެވެ. އެމެރިކާއާއި އިސްރާއީލް ކިތަންމެބާރުގަދަ ކަމަށް ބެލެވުނަސް އެ ސަރަހައްދުގެ އެކިއެކި ދިމަދިމާލުން އަންނަ ހަމަލާ ތަކަށް ކުރިމަތިލާންޖެހުމަކީ އެމީހުންގެ ބޮލަށާއި ފަޔަށްވެސް ބޮޑު ރިހުމަކަށް ޥާނެއެވެ. އެހެންނަމަވެސް އަރަބި ގައުތަކުގެ ތެލާއި ގޭސް ރިޒާވަށް ބާރުގަދަ ހަމަލާތަކެއްދީ އެކަމުގެ އިލްޒާމް އީރާނުގެ ބޮލުގައި އެޅުވިދާނެއެވެ. އަރަބިންނަށް ލިބިފައިވާ މުއްސަނދި ކަމުގެ ސަބަބުން އެމީހުންގެ ވިސްނުމާއި ފިކުރު ޚަރާބު ކޮށްފިއެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވަމުންގެންދާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު ކަނޑުވާ ލެވެންދެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމައެއް ނުކުރާނެއެވެ.. އިރާގު ހަނގުރާމައިގާ ފެނުނު ހަގީގަތްތައް ބައެއް އަރަބި ގައުމުތަކުން ހަނދާނެއް ނުނެތެއެވެ.