އެމެރިކާގެ އެހީއާއެކު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ސްޓްރިޕްގައި ހިންގަމުންގެންދާ ގަތުލުއާންމަށް 64 ދުވަސް ވެގެންދިޔައިރު، މިދުވަހަށްވެސް އަލިވިލުނީ ޣައްޒާގެ ގެތަކާއި، ކޮށިތައް ބިމާހަމަކޮށް، އާންމު ރައްޔިތުންގެ ގިނަބަޔަކު ޝަހީދުކޮށްލަމުންނެވެ.
މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދީންނެވެ. ޚަބަރުތަކުން ބުނާގޮތުގައި، ރޭ އެކަނިވެސް އިސްރާއީލުގެ ނިރުބަވެރި ސިފައިން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް އެތައް ސަތޭކަ އޭރިއަލް އަދި އާޓިލަރީ ހަމަލާތަކެއް ދީފައެވެ. ގުނަވަންތައް ވަކިވެފައިވާ ހަށިގަނޑުތަކާއި، އަނިޔާވެފައިވާ ގިނަ އަންހެނުންނާއި ކުޑަކުދީންގެ އިތުރުން، އާންމުންގެ ތެރެއިން ހާލުބޮޑު ބަލި މީހުން ހޮސްޕިޓަލްތަކަށް ގެންދިޔަނަމަވެސް ހޮސްޕިޓަލްތަކުން ފަރުވާދެވޭވަރަށްވުރެ ބަލިމީހުންގެ އަދަދު މިވަނީ އިތުރުވެފައެވެ.
ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންނާއި، އެކިވަރުގެ ޒަޚަމްތަކާއެކު މަގުތަކުގެ މަތީގައި އެހީއަށް އެދިއެދި ތިބެ މީހުންނާއި ހަމައަށް އެހީތެރިވާ ފަރާތްތަކާއި އެމްބިއުލާންސްތަކަށް ނުދެވޭއިރު، މިފަދަ ހިތްދަތި އެތައް މަންޒަރުތަކެއް ޣައްޒާގެ މަގުތައްމަތީން ދަނީ ފެންނަމުންނެވެ. އެހެންނަމަވެސް، އެމެރިކާގެ ސަރުކާރުން ތިބީ ޣައްޒާގައި އިސްރާއީލުން ހިންގާ ބިރުވެރިކަމާއި، ފަތުރާ ނާމާންކަމުގައި އިސްރާއީލުގެ ފަހަތުގައި އެކަމަށް ވާގިވެރިވުމަށެވެ.
މިގޮތުން، އިސްރާއީލުގެ ހަމަލާތައް އަލުން ނުފަށާގޮތަށް ހުއްޓާލުމަށް ގޮވާލާ ނެގި ވޯޓުގައި އެމެރިކާއިން ވަނީ ހަނގުރާމަ ހުއްޓައިލުމާއި ދެކޮޅަށް ވޯޓުދީފައެވެ. ޣައްޒާގެ ސިއްހީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި އޮކްޓޫބަރު 7 ގެ ފަހުން މިހާތަނަށް ފަލަސްތީނުގެ 17،487 ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 46،480 މީހުން ވަނީ ޒަޚަމްވެފައެވެ.