އަންހެނުންނަށް ދިމާވާ ”އެންޑޮމެޓްރިއޯސިސް“ އަދި ”ޕީސީއޯއެސް“ ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.
މި ނިންމެވުން މިފަދައިން ނިންމަވާފައި ވަނީ އަންހެނުންނަށް ދިމާވާ މިފަދަ ޞިއްޙީ މައްސަލަތަކުގެ ފަރުވާތަކަކީ މިހާރުވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކެއް ނަމަވެސް، ”އިންފަރޓިލިޓީ“ ޑައިގްނޯސިސް ހިމެނޭގޮތަށް މިފަދަ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހާލަތްތަކުގައި ސްކީމުން މި ފަރުވާ ”ރިޖެކްޓް“ ކުރަމުންދާ ދިއުމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުންނެވެ.
ހަމަ އެހެންމެ މިކަން ތަންފީޒު ކުރުމަށްޓަކައި، މި ބަލިތަކާ ގުޅޭގޮތުން ޞިއްޙީ ޚިދުމަތްތެރިން އަހުލުވެރި ކުރުވައި ހޭލުންތެރި ކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއެކު މިކަމާ ގުޅޭ ފަރުވާގެ ނިޒާމު ސަރުކާރު ހޮސްޕިޓަލްތަކުގައި ހަރުދަނާ ކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ވެސް ހިމަނުއްވާފައިވާ މުހިންމު ކަންކަމެވެ.
![]()
