ޔަހޫދީންގެ ދީނީ ޖަމާޢަތް, "ނާޓޯރީ ޤަރްޓާ" އިން ގޮވާލަނީ އިސްރާއީލޭ ކިޔާ ދައުލަތް ރޫޅައިލަން

Loading

Facebook
Twitter
WhatsApp

ޔަހޫދީންގެ ދީނުގައި ޔަހޫދީންގެ ދައުލަތެއް އުފައްދާނެ ބިމެއް ނެތެވެ. އެކަން ޤަބޫލުކުރާ ޔަހޫދީންގެ ދީނީ ޖަމާޢަތްތައް ވެއެވެ. އެއިން އެއް ޖަމާޢަތަކީ ”ނާޓޯރީ ޤަރްޓާ“ އެވެ، ކިޔާ ޖަމާޢަތެވެ. ”ނާޓޯރީ ޤަރްޓާ“ އަކީ އަރަމައިކް ނުވަތަ އާރާމީ ނަމެކެވެ. މި ނަމުގެ މާނައަކީ ”ސަހަރުގެ ފާރަވެރިން“ އެވެ. އިނގިރޭސި ބަހުން އެ ޖަމާޢަތަށް ކިޔަނީ (Guardians of the City) އެވެ. ޔަހުދީންގެ ޢިބްރާނީ ބަހުން އެ ޖަމާޢަތުގެ ނަން ލިޔަނީ (שׁוֹמְרֵי הָעִיר) މިހެންނެވެ. އާރާމީ ބަހުން އެ ޖަމާޢަތުގެ ނަން ލިޔަނީ (נטורי קרתא) މިހެންނެވެ. ”ނާޓޯރީ ޤަރްޓާ“ ނުވަތަ ”ސަހަރުގެ ފާރަވެރިން“ ގެ ޖަމާޢަތުގައި ހިމެނޭ ޔަހޫދީން ދިރިއުޅޭ ތަންތަނުގެ ތެރޭގައި ފަލަސްޠީނުގެ އަލްޤުދުސް ސަހަރާއި، ލަންޑަނާއި، ނިއުޔޯރކް ހިމެނެއެވެ.

އެމީހުންނަކީ، ފަލަސްޠީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތެއް ހެދުމާ ދެކޮޅުވެރި ބަޔެކެވެ. 1935 ވަނަ އަހަރު އެ ޖަމާޢަތް އުފެދުނީއްސުރެ، ޒަޔަނިސްޓު ނިރުބަވެރި ޔަހޫދީންގެ ފިކުރާ ދެކޮޅަށް އެ ޖަމާޢަތުން ވަކާލާތުކުރެއެވެ. އެ ޖަމާޢަތުން ގޮވައިލަމުންދަނީ، ޞުލްޙަވެރިކަމާއެކު އިސްރާއީލު އެވެ، ކިޔާ ދައުލަތް ރޫޅައިލުމަށެވެ. އަދި ޞުލްޙަވެރިކަމާއެކު ފަލަސްޠީނުގެ އަހުލުވެރިންނަށް ފަލަސްޠީނުގެ ބިން ދިނުމަށެވެ. ”ސަހަރުގެ ފާރަވެރިން“ ގެ ޖަމާޢަތުން އީމާންވާ ގޮތުގައި، މަސާޔާ އައުމުގެ ކުރިން ދައުލަތެއް އުފެއްދުމަކީ ޔަހޫދީންގެ ދީނުގައި ޔަހޫދީންގެ މައްޗަށް ޙަރާމްކުރައްވާފައިވާ ކަމެކެވެ. (އިސްލާމީ ނަޒަރުން ބަލާއިރު، އެމީހުންގެ މަސާޔާ އަކީ ދައްޖާލެވެ.) އެ ޖަމާޢާތުގެ ޙާޚާމުން (ޔަހޫދީންގެ ތައުރާތުގެ ޢިލްމުވެރިން) ބުނާ ގޮތުގައި، ޔަހޫދީންނަކީ އިސްރާއީލުގެ ބިމުން މާތް ރަސްކަލާނގެ ބޭރުކުރައްވާފައިވާ ބަޔެކެވެ. އެކަލާނގެ އެމީހުން އެ ބިމުން ބޭރުކޮށްލެއްވީ އެމީހުން ކުރި ފާފަތަކުގެ ސަބަބުންނެވެ.

ބާބިލިއްޔަ ތުލްމޫދު (ޔަހޫދީން ޤަބޫލުކުރާ ތައުރާތު) ގެ އަލީގައި އެމީހުން އީމާންވަނީ، ބާރުގެ ބޭނުންކޮށްގެން ޔަހޫދީންގެ އަމިއްލަ ދައުލަތެއް އުފައްދަން އުޅުމަކީ އިލާހީ އިރާދަފުޅާ ޚިލާފު ކަމެއް ކަމަށެވެ. އެ ޖަމާޢަތުން ގޮވާލާ މައިގަނޑު ދެ ކަމެއް ވެއެވެ.

އެއީ؛

. ޔަހޫދީންނަށް އެ ބަޔެއްގެ ތެރޭގައި އަމާންކަމާއެކު އުޅެވޭނެ މަގު ތަނަވަސްކޮށްދީފައިވާ ބަޔަކާ ދެކޮޅުވެރިނުވުން.

. ޖަމާޢީ ގޮތެއްގައި ފަލަސްޠީނުގެ ބިމަށް ހިޖުރަނުކުރުން.

”ނާޓޯރީ ޤަރްޓާ“ ނުވަތަ ”ސަހަރުގެ ފާރަވެރިން“ ގެ ޖަމާޢަތުގެ އަހުލުވެރިންނަކީ ފަލަސްޠީނުގެ ބިމުގައި ހަދައިގެންއުޅޭ އިސްރާއީލުގެ ދައުލަތާ ވަރަށް ބޮޑަށް އިދިކޮޅު ބަޔެކެވެ. އެމީހުންނަކީ އިސްރާއީލުގެ ސަރުކާރަށް ޓެކްސް ދެއްކުމަށް ވެސް އިންކާރުކުރާ ބަޔެކެވެ. އަދި އިސްރާއީލަކީ ދައުލަތެއް ކަމަށް ވެސް އެމީހުން ޤަބޫލެއް ނުކުރެއެވެ.

ޒަޔަނިސްޓުންގެ އެއްވެސް ޝިޢާރެއް ކުރަހާފައިވާ ނޫޓެއްގައި ނުވަތަ ފައިސާފޮއްޗެއްގައި އަތްލުމަކީ ވެސް އެމީހުން ކުރާ ކަމެއް ނޫނެވެ. އެމީހުން އީމާންވާ ގޮތުގައި، މަސްޖިދުލްއަޤުޞާގެ ”ޙާއިޠުލްބުރާޤު“ އެވެ، ކިޔާ ފާރުކޮޅަށް އަރައިގަނެ، ޒަޔަނިސްޓުން ވަނީ އެ ފާރުކޮޅު ނަޖިސްކޮށްފައެވެ. މިހެންވެ، އެ ޖަމާޢަތުގެ މީހުން އެ ފާރުކޮޅާ ގާތްނުވެއެވެ. މިހާރު ފަލަސްޠީނުގެ ބިމުގައި ކުރެވެމުންދާ ހަނގުރާމަ ދިރާސާކުރާ ގިނަ ފަރާތްތަކުން ދެކެނީ، އިސްރާއީލުގެ ނިމުން ގާތްވެއްޖެ ކަމަށެވެ.

އެހެނީ، ފަލަސްޠީނުގެ ބިމުގައި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ދައުލަތެއް ހަދައިގެން ދެމިތިބުމަކީ މުސްތަޙީލު ކަމެކެވެ. ފަލަސްޠީނުގެ ބިން ދޫކޮށްލުމަށާއި، ކޮންމެ ޔަހޫދީއަކު އެމީހަކު އައި ޤައުމަކަށް އެނބުރި ދިއުމުގެ ފިކުރު ޔަހޫދީންގެ ތެރޭގައި ވަނީ އުފެދިފައެވެ. އަދި ޢަމަލީ ގޮތުން އެކަން ކުރުން ވެސް ކުރިއަށް އެބަދެއެވެ. ޙަމާސްގެ މުޖާހިދުން ދިފާޢީ ޙަރަކާތް ފަށާ ކޮންމެ ފަހަރަކުމެ އެކަން އިތުރުވެއެވެ.

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ފަލަސްޠީނުގެ ބިމުގައި އަނިޔާވެރިވަމުންދާ ޔަހޫދީން ބަލިކުރައްވައި، އެމީހުން އެ ބިމުން ބޭރުކުރައްވައިފާންދޭވެ! އާމީން.

Loading

3 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް