އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ފެށުނުފަހުން އެމެރިކާގެ ގިނަބަޔަކު އިސްލާމްވެއްޖެ

Loading

December 9, 2023
profile
Facebook
Twitter
WhatsApp

އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ފެށުނުފަހުން ރިކޯޑު އަދަދަކަށް އެމެރިކާ ރައްޔިތުން އިސްލާމްދީނަށް ވަންނަމުން އަންނަ ކަމަށް ބައިލައިން ޓައިމްސްގެ ކޮލަމްނިސްޓެއްކަމަށްވާ ކޯޓްނީ ޖޭ ވާލްމަންގެ ”ދަ ސީޖޭ ވާލްމަން ޝޯވ“ ގައި ޝާއިއުކުރި ވީޑިއޯއެއްގައި އޭނާ ބުނެފިއެވެ. 

އެގޮތުން، ވާލްމަން ބުނީ އިސްލާމްވަމުންދާ އެމެރިކާ ރައްޔިތުންގެ އަދަދު އިތުރުވެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދޭތެރޭގައި ކަންތައް ކުރަމުން ގެންދާ ގޮތް ފެނި، މައްސަލައިގެ ހޭލުންތެރިކަން އިތުރުވުމުން އާންމުންގެ ޚިޔާލު ފަލަސްތީނާއިއެކުގައި ވާތީ ކަމަށެވެ. އަދި ފަލަސްތީނުންގެ މުސްލިމުންގެ އީމާންތެރިކަމުގެ އިންތިހާ ދުނިޔެއަށް މިއަދު ފެންނަމުންދާ ކަމަށާއި، އެމެރިކާގެ އެކި ސްޓޭޓްތަކުގެ ގިނަ ބަޔަކު ފަލަސްތީނުގެ ބިމާއި އެބިމުގައިވާ ރައްޔިތުން އިސްރާއިލުގެ ހިޞާރުވެރިކަމުން މިނިވަންކުރުމަށް ގޮވާލަމުން ގެންދާކަމަށް އޭނާ ބުންޏެވެ. 

ވާލްމަން ބުނީ ޕްރޯ-އިސްރާއީލް މީޑިއާއިން ފަލަސްތީނު ރައްޔިތުންގެ ކާޓޫނުތައް ކުރަހައި ފުރައްސާރަކުރަމުން ދާކަމަށާއި، އެމެރިކާ ސަރުކާރުގެ އެއްބާރުލުމާއެކު އިސްރާއީލުން ފަލަސްތީނު ހިޞާރުކޮށް ކުރިއަށްގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އިސްލާމްދީން ގަބޫލުކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށެވެ. އިސްލާމްދީނަކީ އުނގެނުމަށް ދައުވަތުދޭ ދީނެކެވެ. އިސްލާމީ މިފިކުރުގެ އަޑު މީސްމީޑިއާގައި ގުގުމާލައި، ”#ޤުރްޢާންބުކްކްލަބް“ ހޭޝްޓެގް އިންޓަނެޓުގައި ޓްރެންޑްވާން ފެށިއެވެ. އަދި ގިނަ ބަޔަކު އިސްލާމްދީން ދިރާސާކުރުމުގެ ނަތީޖާއަކަށްވީ، ކީރިތި ޤުރްޢާން ދިރާސާކޮށް އިސްލާމީ ދައުވަތު ގަބޫލުކުރުމެވެ. 

ވާލްމަން ބުނީ، ޣައްޒާގެ ގަތުލުއާންމު ވެގެންގޮސްފައިވަނީ އެމެރިކާގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ބޮޑު ކަމަކަށްކަމަށެވެ. އެގޮތުން، ޣައްޒާގެ މުޖާހިދީންނާއި، މުސްލިމުންގެ ގުޑުމެއްނުވާ އަޒުމާއި އިމާންތެރިކަން ވެގެންދާނީ އެމެރިކާ ރައްޔިތުންނަށް ބޮޑު ފިކުރީ އިންޤިލާބެއް ގެނުވާ ކަމަކަށް ކަމަށް ވާލްމަން ބުނެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް