އަމީނީމަގުގެ މަސައްކަތް އަލުން ހަދަން ފެށުމުން ބަސްރޫޓަށް އިތުރު ބަދަލުތަކެއް

Loading

Facebook
Twitter
WhatsApp

އަމީނީ މަގުގެ ނުނިމި އޮތްބައިގެ މަސައްކަތް މިއަދު ފެށުމުން އެމްޓީސީސީގެ ބަސްރޫޓަށް ބައެއް ބަދަލުތަށް ގެނެސްފިއެވެ.
އެމްޓީސީސީއިން ރޭ ނެރުނު ނޯޓިސް އެއްގައި ބުނެފައިވަނީ އަމީނީމަގުގެ މަސައްކަތް ނިމެންދެން މިއަދުން ފެށިގެން މާލޭގައި އާރުޓީއެލް ބަސްދުއްވާ ރޫޓުތަކަށް ބައެއްބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ބަހުގެ ރޫޓްތަކަށް ގެނައި ބަދަލު:

▪︎އަމީނީ ރޫޓުގެ ދަތުރުތައް ދެން ކުރާނީ އަމީނީމަގުން ގޮސް ހަނދުވަރީ ހިނގުމަށް އެޅުމަށްފަހު އެމަގުން މަޖީދީމަގަށް އަޅައިގެން.

▪︎ އޯކިޑު ރޫޓުގެ ދަތުރުތައް ދެން ކުރާނީ މަޖީދީމަގުން ގޮސް ވެސްޓްޕާކު ބަސްޓޮޕުން އަނބުރާލާ ގޮތަށް.

▪︎ހުޅުމާލެއާއި މާލެއާއި ދެމެދު ދަތުރުކުރާ ބަސްތަކުގެ ދަތުރު ފަށާ އަދި ނިމޭ ބަސްޓޮޕަކީ މާފަންނު ބަސް ޓާމިނަލް.

އާރުޑީސީ އިން މިއަދު ހެނދު އެކްސްގައި ކުރި ޕޯސްޓެއްގައިބުނީ އަމީނީ މަގުގެ ސެގްމަންޓް 12 އަދި 13 ހެދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަމީނީ މަގުގެ މަސައްކަތް އަލުން މިފެށީ ގިނަދުވަސް ތަކެއްވަންދެން އެ މަސައްކަތް މެދު ކަނޑާލާފައި އޮތުމަށްފަހުއެވެ. އަމީނީ މަގާއި ޢިއްޒަތްދީނު މަގާއި ގުޅޭ ހިސާބަށް ތާރުއެޅުމަށްފަހު އެމަސައްކަތް މެދުކަނޑާލީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ދިމާކޮށެވެ.

އެ މަސައްކަތް ފެށުމަށް ފުލުހުންވަނީ އެސަރަހައްދުގެ ޓްރެފިކަށްވެސް ބައެއް ބަދަލު ގެނެސްފައެވެ. އެސަރަހައްދަކީ އަމީނީމަގުގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދެވެ. އެހެންވެ، ޢާންމުންނަށް ދަތިނުވާނެގޮތަށް މަސައްކަތް ފެށުމަށް އާރުޑީސީއާއިއެކު ކޮންސްޓްރަކްޝަން އިންފްެރާންސްޓްރަކްޗާ މިނިސްޓްރީން ޚާއްޞަ މަޝްވަރާ ބައްދަލުވުމެއްވެސް ބޭއްވިއެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާޚަރަދު ކޮށްގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔައަހަރުގެ ޖުލައި މަހުގެ ކުރީ ކޮޅުގައެވެ. އަދި ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ. އެމަސައްކަތް ސެޕްޓެމްބަރު މަހުގެ ނިއަލަށް ނިންމަން ކުރީގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ވެރިކަން ނިމުނީ އެމަސައްކަތް ނުނިމިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް