ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚިދުމަތާއި އައިވީއެފް ޚިދުމަތް އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސައި އާސަންދަ އާއި ގުޅޭ އުސޫލުތައް އެގޮތަށް އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ ކެބިނެޓާއެކު ބޭއްވި ބައްދަލުވުމަށްފަހު، ނިންމެވި ނިންމުންތައް ހިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ބޯންމެރޯ ޓްރާންސްޕްލާންޓް ޚިދުމަތް އާސަންދައިގެ ތެރެއިން ހިލޭ ހެދޭނެ ގޮތަށް ހަމަޖައްސަން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން ބޯންމެރޯ ޓްރާންސްޕްލާންޓާއި ގުޅޭ ފަރުވާތައް ކަވަރު ކުރެވޭނެ ހޮސްޕިޓަލްތަކާއި އެފަދަ ފަރުވާތައް ކުރެވޭ ގޮތަށް އާސަންދަ އުސޫލުތައް އިސްލާހު ގެނައުމަށްފަހު ގެޒެޓް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ބޯންމެރޯ ހަދަންޖެހޭ ކުދިން އެކަމުގެ ފަރުވާ ހޯދަމުންދާ ހޮސްޕިޓަލުން ބައެއް ފަރުވާ ނުލިބޭތީ އެހެން ހޮސްޕިޓަލަކަށް ބަދަލުވާންޖެހޭ ވަގުތު އިތުރަށް ދައްކަންޖެހޭ ފައިސާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ބޭރުގެ ހޮސްޕިޓަލްތައް އަލުން ގްރޭޑްކުރުމަށްވެސް ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ޚިދުމަތުގެ އިތުރުން އާސަންދައިގެ ދަށުން އައިވީއެފް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތްތައްވެސް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚިދުމަތާއި އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އާއި އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް އާސަންދަ އިން ހެދޭ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
![]()
