ކިއުބާގެ ރައީސް އިރާނަށް ވަޑައިގަނެފި

Loading

December 5, 2023
profile
Facebook
Twitter
WhatsApp

ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާކުރުމަށްޓަކައި ކިއުބާގެ ރައީސް މިގޭލް ޑިއޭޒް-ކެނެލް އިރާނަށް ވަޑައިގެން އެގައުމުގެ ސުޕްރީމް ލީޑަރ އަލަތުﷲ ޙަމަނައީ އާއި ބައްދަލު ކުރައްވައިފިއެވެ. ް

ކިއުބާގެ ރައީސްގެ މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ޓެކްނޮލޮޖީ، ސިއްހީ، އެގްރިކަލްޗަރ، ހަކަތައާއި މައިނިންގް، މުވާސަލާތީ އަދި މެޑިސިންގެ ދާއިރާއިން ފަހުމުނާމާތަކުގައި ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާތަކުގައި ސޮއިކޮށްފައިވަނީ ރައީސް ޑިއޭޒް-ކެނެލްއާއި އިރާނުގެ ރައީސް އިބްރާޙިމް ރައީސީގެ ހާޟިރުގައެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސީ ވިދާޅުވީ އެމެރިކާގެ އެދުންތަކަށް ނުލެނބުމުން އިރާނާއި ކިއުބާއާއި ދެކޮޅަށް ސޭންކްޝަންތައް ނެރެފައިވާކަމަށާއި، އެފަދަ ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް އެކުލަވާލުމުގެ ބޭނުމަކީ ސޭންކްޝަންތަކުގެ ސަބަބުން ނުކުންނަ ފިއްތުންތަކަށް ލުއި ހޯދުންކަމަށެވެ. އިރާނުގެ ރައީސް ވިދާޅުވީ ޣައްޒާގެ ހާލަތާމެދު ހިތާމަކޮށް ފަލަސްޠީނަށް ތާއީދުކުރުމުގައި އަތްގުޅާލުމުގެ މުހިންމުކަން ފާހަގަކޮށް ދެރައީސުން ވާހަކަދެއްކެވި ކަމަށެވެ. 
ނޫސްވެރިންނާ ވާހަކަދައްކަވަމުން ކިއުބާގެ ރައީސް ވިދާޅުވީ ދެގައުމުގެ ގުޅުންތަކަކީ ޒަމާންވީ ގުޅުމެއްކަމަށާއި، އެއީ އިޚްތިރާމްގެ މައްޗަށް ބިނާވެފައި އޮންނަ ގުޅުމެއްކަމަށެވެ.

އަދި އިރާނަކީ މެދުއިރުމަތީގައި އޮންނަ އެގައުމުގެ އަޚެއްކަމަށާއި، އިރާނުގެ ސިޔާދަތީ ކަންކަމުގައި ގޮތް ނިންމުމުގެ ހައްޤު އޮންނާނީ އިރާނަށްކަމަށް ބުނެ އޭނާ ވަނީ އެމެރިކާއަށް ފާޑުވިދާޅުވެފައެވެ. ކިއުބާގެ އިސްވެރިންގެ ވަފްދަކާއެކު ރައީސް ޑިއޭޒް-ކެނެލް އިރާނުގެ ވެރިރަށް ތެހްރާންއަށް ވަޑައިގަތީ ހޯމަދުވަހުގައެވެ.

މިއީ ފާއިތުވި 22 އަހަރުދުވަހުގެ ތެރޭގައި ކިއުބާގެ ރައީސެއް އިރާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ކުރިން، އެމެރިކާގެ ފިއްތުންތަކާއި އެމްބާގޯތަކާއި ދެކޮޅަށް އެއްބައިވެ ގުޅުންތައް ބަދަހިކުރުމަށް އެދެގައުމުން އައީ މަޝްވަރާކުރަމުންނެވެ.

Loading

One Response

  1. ތިވަނީ ރަނގަޅަށް. ކިއުބާގެ ގޮނޑުދޮށަށް އީރާނުގެ މިސައިލް ގެންގޮސް ހަރުކުރަންވީއެވެ. އޭރުން އެމެރިކާ އަށް އެނގޭނެ ޔޫކުރޭނުގެ ރަޝިޔާ ބޯޑަރުގައި އެމެރިކާގެ މިސައިލްތައް ޒެލެންސްކީ ލައްވާ ބެހެއްޓީމާ ޕުޓިން އަށް ވީގޮތާއި އޭނާ ކަންކުރިގޮތް. ހުރިހާ ދިމާލަކަށް އެމެރިކާއިން އިނގިލި ކޮއްޕަންޏާ މިހާރަކު އެހެން ގައުމުތަކެއްވެސް މަޑަކުން ނުތިބޭނެ. މިއީ 1941 އެއް ނޫންދޯ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް