ހަމާސްއިން އަސީރުކުރި މީހުން ރޭޕުކޮށް ޖިންސީ އަނިޔާކުރިކަމަށް ބުނެ އިސްރާއީލުގެ ހިޞާރުވެރިން ދައްކަނީ ދޮގު ވާހަކަތަކެއްކަމަށާއި، އެއީ މުޖާހިދީންނާއި މެދު ނަފްރަތު އުފައްދާ، އަސީރުންނާއިމެދު ކަންތައްކުރި އިންސާނީ އަދި އަޚްލާޤީ މިންގަނޑު ފަސްއަޅައި ފޮރުވުމަށް ކުރާ މަސައްކަތެއްކަމަށް ޣައްޒާގެ ހަމާސް މުޖާހިދުން ބުނެފިއެވެ.
ހަމާސްއިން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ދޮގުތައް ގަބޫލުނުކުރާކަމަށާއި، ހުޅަނގުގެ މީޑިއާތަކާއި ގުޅިގެން ޒަޔަނިސްޓުން ފަތުރާ ދޮގުތަކާއި، ކުރަމުންގެންދާ ހަގީގަތެއްނެތް ދައުވާތައް ހަރުއަޑުން ކުށްވެރިކުރާކަމަށެވެ. އެގޮތުން، މިހާރު ފަތުރަމުންދަނީ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ”އަލް އަގްސާ ފްލަޑް“ ގެ ހަނގުރާމާގެ ދުވަހު މުޖާހިދުން އިސްރާއީލުގެ އަންހެނުންނަށް ޖިންސީގޮތުން އަނިޔާކޮށް ރޭޕުކުރިކަމަށް ބުނެކަމަށް ހަމާސް އިން ބުނެފައިވެއެވެ. ހަމާސްއިން އިތުރަށް ބުނީ މިފަދައިން ފަތުރާ ވާހަކަތަކަކީ ޒަޔަނިސްޓުންގެ ޕްރޮޕަގަންޑާ މެޝިނުން ފަތުރާ ވާހަކަތަކެއް ކަމަށާއި، މި ދައުވާތަކުގެ އެއްވެސް ހަގީގަތެއް ނެތްކަމާއި، އެއްވެސް ހެއްކެއް ނެތްކަމަށެވެ.
ކުޑަކުދީންގެ ކަރުބުރިކޮށް މަރާފައިވާ ކަމަށާއި، ރެއިމް ސެޓްލްމަންޓުގެ ކޮންސެޓަކަށް ދިޔަ ބަޔަކަށް ހަމަލާދިންކަމަށާއި، އަލް-ޝިފާ ހޮސްޕިޓަލުގެ އިމާރާތްތައް އަސްކަރީ ބޭނުންތަކަށް ބޭނުންކުރަމުން އަންނަ ކަމަށްބުނެ ހިޞާރުވެރީން ފެތުރި ވާހަކަތަކަކީވެސް ހަމަ މިފަދަ ދޮގުތަކެއްކަމަށް ހަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ހަމާސްއިން އިތުރަށް ބުނީ މުޖާހިދުން އެމީހުންގެ އަސީރުންނާއި ދޭތެރޭގައި ރަހުމާއި ހަމްދަރުދީއާއި އިންސާނިއްޔަތުކަމާއެކު ކަންތައް ކޮށްފައިވާ ގޮތުގެ ވާހަކަތައް ދޫކޮށްލެވުނު އަސީރުން ހިއްސާކުރަން ފެށުމުންނާއި، އެމަންޒަރުތައް ދުނިޔެއަށް ފެނުމުން ނާޒީ ޒަޔަނިސްޓުންނަށް ކެތްނުކުރެވުނީ ކަމަށެވެ. އަދި ހިޞާރީން ހަދާހާ ދޮގެއްގެ މަޅީގައި ނުބެދުމަށް މީޑިއާތަކަށް ގޮވާލާކަމަށާއި، ލިބޭ ކޮންމެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހުގައި ނޫނީ ޝާއިއުނުކުރުމަށް ގޮވާލާކަމަށް ހަމާސްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
One Response
އެމެރިކާއިން ނަހަދާނެ އެންމެތެދެއްވެސް. އަދި އޭނާގެ ނހަލާލ ދަރި އިޒްރޭލްވެސް ނުހަދާނެ ތެދެއް. ދުނިޔެ ކެވޭތޯ އުޅޭ ދެ ޓެރަރިސްޓް ދެ ގައުމުތިއީ. އެހެންމީހުން ޓެރަރިސްޓުންނޭ ގޮވަމުން މުޅިދުނިޔޭގައި ހަނގުރާކުރާ ބައިގަނޑު. ތި ޔަހޫދީ އަދި އެމެރިކާ ސަރުކާރަށް ހަލާކު ހުއްޓެވެ. ވަރަށް ނުލަފާ މައްކާރު ބައެކެވެ.