އައްޑޫސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަންއެއްގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އިއްޔެގެ ވަގުތެއްގައި ކަނޑުމަތިން އަތުލައިގަތް މި މަސްތުވާތަކެއްޗާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ކޮމިޝަނަރު ވިދާޅުވީ މި އޮޕަރޭޝަން އަކީ ސީދާ ދިވެހި ފުލުހުން ހިންގި އޮޕަރޭޝަން އެއް ކަމަށެވެ.
މި އޮޕަރޭޝަން އަކީ ދިވެހި ފުލުހުން ހިންގި އޮޕަރޭޝަން އެއްކަމަށް ސީޕީ ވިދާޅުވި ނަމަވެސް ޕާކިސްތާން ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި އޮޕަރޭޝަން އަކީ ޕާކިސްތާން ޑްރަގް އިންޓަލިޖެންސްއިން ދިން މައުލޫމާތަކަށް ހިންގި އޮޕަރޭޝަނެކެވެ.
“ އައްޑޫ އޮޕަރޭޝަންގައި 80 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ. މިއީ ސީދާ ދިވެހި ފުލުހުންގެ އިންޓަލިޖެންސްން ހިންގި އޮޕަރޭޝަންއެއް. ތަހުގީގު ކުރިއަށްދާއިރު އެހެން ގައުމުތަކާއެކު ވެސް މަސައްކަތްކުރާނެ. އަޅުގަނޑުމެންގެ މަގްސަދަކީ ޑްރަގް އެތެރެކުރުމަށް ހުރަސްއެޅުން.“ ސީޕީގެ ޓްވީޓްގައިވެއެވެ.
މި އޮޕަރޭޝަނުގައިވަނީ ކުރިންވެސް ޑްރަގް ޑީލަރެއްކަމަށް ކަމަށް ފުލުހުން ތުހުމަތުތައް ކުރާ އިބްރާހިމް ރަޝީދު (އަބުޗާ) އާއި އެކު މަޝްހޫރު ފްޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ހައްޔަރުކޮށްފައެވެ.
މި މަސްތުވާތަކެތި އުފުލި ޑިންގީ ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރުމުން އޭގައި ތިބި މީހުންވަނީ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި އަޅާފައިހުރި ގޯނިތައް ކަނޑަށް އުކާފައެވެ. ކަނޑަށް އުކި ތަކެތި ފުލުހުން ނަގާފައިވާކަމަށް ފުލުހުންނާ ހަވާލާދީ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރި ފުޓްބޯޅަ ކުޅުންތެރިޔާ ބޮންޑާ މިހާރު މަސައްކަތްކުރަމުން އަންނަނީ މަސްވެރިކަމުގެ ދާއިރާގައެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި މައްސަލައިގައި ހައްޔަރުކުރި އަބުޗާ އަކީ މަސްތުވާތަކެތީގެ މައްސަތަކުގައި އަށްފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި މީގެ އިތުރުން އޭނާ އަކީ ރޭޕްކުރުމާއި މާރާމާރީ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކައްވެސް ތުހުމަތުކުރާ މީހެކެވެ.