އެކުވެރި އަރަބި އިމާރާތުގެ ކާމިޔާބީގެ ދަތުރުން ގިނަ ފިލާވަޅުތަކެއް

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތީ ދުބާއީއަށް ހަލަބޮލި ދުވަސްކޮޅެކެވެ. އެކުވެރި ދައުލަތުގެ މޫސުމާއި ބެހޭ މަހާސިންތާގައި ބައިވެރިވުމަށް އެތައް ހާސް ޑިޕްލޮމެޓުންނާއި، އެކްޓިވިސްޓުންނާއި، ވިޔަފާރިވެރިން އެގައުމަށް ދިއުމަށްވަނީ ހަމަޖެހިފައެވެ. ތަފާތު ފިކުރުތަކާއި، މަސްލަހަތުތަކަށް ތަބައަވާ ފަރާތްތައް އެއްކޮށް، ޒުވާބުކޮށްގެންނަމަވެސް މޫސުމާއިބެހޭ މައްސަލަތަކަށް ހައްލުހޯދުމަށް އެފަރާތްތައް ގުޅިގެން މަސައްކަތްކުރުވުމުގައި ޔޫއޭއީގެ ހުނަރުވެރިކަން މުޅި ދުނިޔެއަށް ފެނިގެންދާނެއެވެ. އޔޫއޭއީއަށް ސަމާލުކަން ދޭންވީ ހަމައެކަނި މިހެން ވެގެނެއް ނޫނެވެ. ވަރުގަދަ ބާރުތަކެއްގެ މައްޗަށް އެކުލެވޭ ދުނިޔެއެއްގައި ކުރިއަރައިދާނެ ގޮތުގެ މަގުޗާޓެއް ދައްކުވައިދޭ ގައުމަކަށްވެސް ވާތީއެވެ.

ދުނިޔޭގެ އާބާދީގެ އެންމެ 0.1 އިންސައްތަ މީހުން ދިރިއުޅޭ ޔޫއޭއީގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އުޅެނީ 0.5 އިންސައްތައިގައެވެ. އެހެންނަމަވެސް، ދުނިޔޭގެ ތެލުގެ 10 އިންސައްތަ ތެލަކީ އެގައުމުން ގެންނަ ތެޔޮކަމުގައި ވުމާއެކު، ޔޫއޭއީއަކީ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ކުރިއަރަމުން އަންނަ ގިނަ ގައުމުތަކެކޭ އެއްފަދައިން ޔޫއޭއީވެސް އަންނަނީ އިޤްތިޞާދީ އަދި ސިޔާސީ ބައިބައިވުމުގެ މައްސަލަތަކާއި ކުރިމަތިލަމުންނެވެ. އެގޮތުން، ޔޫއޭއީ އަކީ އެމެރިކާގެ ގާތް އެކުވެރިއެއް ނަމަވެސް، ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިއަކީ ޗައިނާއެވެ.

ޔޫއޭއީގެ އާބާދީގެ ބޮލަކަށް ޖެހޭ އުފެއްދުންތެރިކަން އިނގިރޭސިވިލާތާއި ފްރާންސްގެ އުފެއްދުންތެރިކަމަށްވުރެ އިތުރުއިރު، ގިނަ ބަޔަކު ދެކެނީ އެއީ ދެކުނުގެ ބައެއްގެ ގޮތުގައެވެ. އަދި ޔޫއޭއީ އޮންނަނީ އިންޑިއާއާއި އެފްރިކާގެ ވިޔަފާރިވެރީންގެ ވިޔަފާރި ހަބަކަށް ހަދާފައެވެ. އެއީ މެދުއިރުމަތީގެ ”ސިންގަޕޫރު“ ކަމަށް ބުނެވިދާނެއެވެ. މިގޮތުން، ދުނިޔޭގެ ބާރުތައް އެއްބާރު އަނެއްބާރާއި ތަޅާފޮޅައި، މެދުއިރުމަތީގައި ހަނގުރާމަ ފެތުރެމުންދާ މި ދަނޑިވަޅުގައިވެސް ޔޫއޭއީގެ ކުރިއެރުމަކަށް ހުރަހެއް ނެތެވެ. ތެޔޮ ފިޔަވައި އެހެން ގޮތްގޮތުން ލިބޭ އާމްދަނީ ކޮންމެ އަހަރަކު 6 އިންސައްތައިން އަންނަނީ އިތުރުވަމުންނެވެ. މިއީ އިންޑިއާއަށް ހެއުހަބަރަކަށް ވީނަމަވެސް، ހުޅަނގުގެ ގައުމުތަކާއި ޗައިނާއަށް ގާތްކުރެވޭ ރޭޓެއްވެސް ނޫނެވެ. ޗައިނާގެ ވިޔަފާރިވެރީންނާއި، އިންޑިއާގެ ޝަހުސިއްޔަތުތަކާއި، ރަޝިއާގެ ބިލިއަނަރުންގެ އިތުރުން، ހުޅަނގުގެ ބޭންކަރުން ހިމެނޭހެން ހުނަރުވެރީންނާއި މަހުޖަނުން ބައިބަޔަށް ޔޫއޭއީއަށް އެތެރެވަމުންދާއިރު، ނިމިދިޔަ އަހަރުތެރޭގައި ގްރީންފީލްޑް ޕްރޮޖެކްޓުތަކަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އިންޑިއާ ފިޔަވައި އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓްތައް ކަށަވަރުކޮށްފައިވަނީ ޔޫއޭއީއިންނެވެ. ސިންގަޕޫރުފަދައިން ޔޫއޭއީއަކީވެސް އެސަރަހައްދުގެ ފަޚުރެވެ. ސިންގަޕޫރު ކުރިއަރައިގެން ގޮސްފައިވަނީ ބައިނަލްއަޤްވާމީ އިޤްތިޞާދުގެ ރަންޒަމާނުގައި ކަމުގައިވީނަމަވެސް، އެކުވެރި އަރަބި އިމާރާތް ކުރިއަރަމުން މިއަންނަނީ ބައިނަލްއަޤްވާމީ ހަމަނުޖެހުމާއި ތަޅާފޮޅުމުގެ ތެރޭގައެވެ. އަދި ފެންނަ ފެނުމަށް އެގައުމުގެ މަޤްޞަދަކީ އިޤްތިޞާދީ ކުރިއެރުން އެކަންޏެއް ނޫނެވެ. ބައިނަލްއަޤްވާމީ މަސްރަހުގައި ސިޔާސީގޮތުން ފައިތިލަ ސާބިތުކުރުމަށްވެސް އެގައުމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ޔޫއޭއީގެ ކާމިޔާބީގެ އިތުރުން ނާކާމިޔާބީތަކަކީވެސް، ކުރިއަރަމުން އަންނަ ގައުމުތަކަށް އިބްރަތްތެރި ފިލާވަޅުތަކެކެވެ. މިގޮތުން އެއް ފިލާވަޅަކީ، އިޤްތިޞާދީގޮތުން އެގައުމެއްގެ އަތުގައި އޮތް އެންމެ ބާރުގަދަ ހަތިޔާރުތަކުގެ ބޭނުންހިފުމެވެ. އިޤްތިޞާދީ ނިންމުންތަކުގެ ސަބަބުން ގެއްލެނިވި ނަތީޖާތައް ޔޫއޭއީއިންވެސް ވަނީ ދެކެފައެވެ. އޭގެ އެއް މިސާލަކީ ދަރަނިވެރިވެ ދުބާއީގެ ބިނާރާއިގުޅޭ މަސައްކަތްތައް ކުރަން އުޅުމުން އައި އިޤްތިޞާދީ ހީނަރުކަމާއި އެކަމުން އަރައިގަތުމަށް 2009 ވަނަ އަހަރު ކުރަން މަޖުބޫރުވި މަސައްކަތެވެ.

މީގެއިތުރުން، ޔޫއޭއީއިން ބްލޮކްޗެއިންއާއި ހެދި އުޅުނު ދުވަސްވަރެއްވެސް މާޒީވެ ގޮސްފައިވާއިރު، އެހެންދާއިރާތަކުން ނިންމި ނިންމުންތަކުގެ މީރުކަން އެގައުމުގެ އިޤްތިޞާދީ މަސްރަހުން މިއަދު ފެންނަން އެބަހުއްޓެވެ. ޔޫއޭއީގެ ބޮޑެތި ބަނދަރުތައް އޮޕަރޭޓުކުރި ފަރާތްތައް މިހާރު އެމީހުންގެ ސައިޓުތައް ހިންގަނީ ލަނޑަނާއި ލުއާންޑާ އަދި މުމްބާއީއާއި މެނީލާފަދަ ހިސާބުތަކުގައެވެ. އެފަދަ އެއް ކުންފުނިން ދުނިޔޭގެ މުދާ ކޮންޓެއިނަރު ޓްރެފިކުގެ ދިހަބައިކުޅަ އެއްބައި ބަލަހައްޓައެވެ. ސާފުހަކަތަ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއްކުންފުނިކަމުގައިވާ، މަސްދަރްއިން ޓެކްސަސްގައި ހުންނަ ވިންޑް ފާމްތަކުން ފެށިގެން އުޒްބަކިސްތާނުގެ ސޯލާ ޕްލާންޓުތަކަށް ދާންދެން އިންވެސްޓުކޮށް ވަނީ ލާރިއަޅާފައެވެ.

ހަމައެއާއިއެކު، ޔޫއޭއީއަކީ ރައުސުލްމާލަށްދަތިވެފައިވާ އެފްރިކާގެ އެންމެ ބޮޑު އިންވެސްޓަރުވެސް މެއެވެ. އެގައުމުގެ އުމްރާނީ އަދި ބިނާރީ މަސައްކަތްތަކުގައި ޔޫއޭއީގެ ދައުރު ބޮޑެވެ. ރައުސުލްމާލު އިތުރުވުމުން އަބޫދާބީގެ އާޓިފިޝަލް އިންޓެލިޖެންސް ދިރާސާވެރީން ކޮމްޕިއުޓިން މަސައްކަތް ހަރުދަނާކޮށް، މެޓައަށްވުރެ ފުރިހަމަ އޯޕެން ސޯސް ލެންގުއެޖް މޮޑެލްއެއް ކަމަށްވާ ”ފެލްކަން“ އުފެއްދިއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ޔޫއޭއީއަކީ އޭއައިގެ ދާއިރާއިން ދުނިޔޭގެ ތިންވަނައަށް އެންމެ މުހިންމު ގައުމެވެ. ފުރަތަމަ އަދި ދެވަނަ ގައުމަކީ އެމެރިކާ އަދި ޗައިނާއެވެ. ޒަމާނުއްސުރެ ޔޫއޭއީގެ ވެރީން އަންނަނީ އެފްރިކާއާއި، އޭޝިއާ އަދި ޔޫރަޕުގެ މެދުގައި އެގައުމުގެ މަގާމު ބޭނުންކޮށްގެން އިޤްތިޞާދާއި، ޓެކްނޮލޮޖީއަށް ބާރުދޭ މުއައްސަސާތައް ގާއިމުކުރަމުންނެވެ. ދެން ނެގެން އޮތް އަނެއް ފިލާވަޅަކީ ބިދޭސީ ހުންރުވެރީންނަށް ޖާގަދިނުމެވެ.

އާބާދީގައި އެންމެ މިލިއަނެއް އޮންނަ ޔޫއޭއީއިން، އެކި ފަންތީގެ ހުނަރުވެރީންނަށް މަރުހަބާކިޔަންޖެހޭއިރު، ދުނިޔޭގެ ގިނަ ބަޔަކު ތިބީ އެގައުމުގެ މުއްސަނދިކަމަށް އެދިއެދިއެވެ. އެކި ދާއިރާތަކުގައި ފުންނާބުއުސް މާހިރުންނާއި ހުނަރުވެރީން ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޔޫއޭއީއިން އިސްކަން ދޭތަން ފެންނަނީ އެގައުމުގައި ދިރިއުޅުމަށާއި ވިޔަފާރިކުރުމަށް ޝައުގުވެރިކުރުވުމަށެވެ. އެގޮތުން، 2019 ވަނަ އަހަރު ތައާރަފްކުރި ގޯލްޑެން-ވިސާ ސްކީމުގެ ދަށުން ގިނަ ދުވަހު އެގައުމުގައި ދިރިއުޅެފައިވާ މަސައްކަތްތެރީންގެ ތެރެއިން ބައެއް ފަރާތްތަކަށް އެގައުމުގެ ރަށްވެހިކަންދެއެވެ. މިއީ ގަލްފުގެ ގައުމެއްގައި މީގެކުރިން ކޮށް އުޅުނު ކަމެއް ނޫނެވެ. އަދި ތެލަށް އިޤްތިޞާދު ބަރޯސާވާ ސައުދީ އަރަބިއާއިން އެކަން ބަދަލުކުރުމަށް މަސައްކަތްކުރަމުން އައުމާއެކު، ކުރިއަށް އޮތް ތަނުގައި، މި ދެގައުމު ފެނިގެންދާނީ ސަރަހައްދީ ވާދަވެރީންގެ ގޮތުގައި ކަމަށް ބެލެވެއެވެ. ވާދަވެރިކަމެއް އުފެދިދާނެކަމުގެ މަލަމަތި ފެންނަމުން ދިޔުމާއެކު، ސިޔާސީ މިނިވަންކަމަށް ހުރަސްއަޅައި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގައި ފަހަތުގައި އުޅޭކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޔޫއޭއީއިން އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން ”ލިބެރަލް“ވާން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޓްރޭޑް ނުވަތަ ވިޔަފާރިން ހޯދޭ މަންފާމަތީން ޔޫއޭއީއިން ހަނދާން ނައްތައެއްނުލައެވެ. ވިޔަފާރިކުރިނަމަވެސް އެހެން ގައުމުތަކުން އިސްކަން ދެމުން އަންނަނީ އިންޑަސްޓްރިއަލް ޕޮލިސީއާއި ޕްރޮޓެކްޝަނިޒަމްގެ ސިޔާސަތުތަކަށެވެ.

ފްރީ ޓްރޭޑުގެ ދުނިޔެއަށް އަލަށް ނިކުތް އިންޑިއާއިން ހެދި އެންމެ ފުރަތަމަ އެއްބަސްވުން ހަދާފައިވަނީ ޔޫއޭއީއާއި އެކުގައެވެ. އަދި މި ދެގައުމުގެ މެދުގައި ހިނގާ ވިޔަފާރި މުއާމަލާތްތައް 16 އިންސައްތަ ވަނީ މައްޗަށް ޖެހިފައެވެ. މިގޮތުން، އިސްރާއީލާއިއެކުގައި ހެދުނު އެއްބަސްވުމުގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ކަށަވަރު ކުރެވުނުއިރު، އިސްރާއީލުގެ ކުންފުނިތަކަށް ރައުސުލްމާލު އުފެއްދުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނެސްދީ ގަލްފުގެ ބާޒާރަށް ރަތްދޫލައިން ވަނީ މަރުހަބާ ކިޔާފައެވެ. ޣައްޒާގެ ހަނގުރާމަ ފެށުމާއެކު ހުޅަނގުގެ މަތިންދާބޯޓުތައް ޓެލްއަވީވަށް ދަތުރުކުރުން ހުއްޓާލާފައިވީނަމަވެސް، އިއްތިހާދާއި، ފްލައިދުބާއީއާއި، އަރަބި އިމާރާތުގެ ދެ ކެރރިއަރު މިހާރުވެސް ގަވައިދުން އަންނަނީ ދަތުރުތައް ކުރަމުންނެވެ. 

ޔޫއޭއީއިން ހޯދި ބައެއް ފުރުސަތުތައް ދޯހަޅިވިއެވެ. އެގޮތުން، އެމެރިކާގެ ނުފޫޒު ފިލަމުން ދިޔުމާއެކު، އެކި ގައުމުތަކަށް އޮންނަ ނުފޫޒު ވަރުގަދަކުރުމަށް ދުނިޔޭގެ ބާރުތަކުން މަސައްކަތްކުރާނެކަން ޔަގީނެވެ. ޔޫއޭއީގެ ވެރިކަމާއި ހަވާލުވެހުރި މުޙައްމަދު ބިން ޒައިދު އެކަމަށް މަސައްކަތްކުރާނެކަން އޭނާ ވަނީ ހާމަކޮށްފައެވެ. ކާމިޔާބާއި ކުރިއެރުމަށް އެގައުމުން ކުރާ ބުރަ މަސައްކަތުގެ ސަބަބުން އެގައުމަށް މަންފާ ވަނީ ކޮށްފައެވެ. އެގޮތުން އެފްރިކާއަކީ ވިޔަފާރީގެ ގޮތުން ގާތް އެކުވެރިއަކަށްވާއިރު، ހުޅަނގުގެ ގައުމުތަކުގެ ބާރުދަށްވުމާއެކު، އެކުވެރި ދައުލަތުގެ މޫސުމާއި ބެހޭ މަހާސިންތާގައި ޔޫއޭއީއިން މަސައްކަތްކުރާނީ މުއްސަނދި އަދި ފަގީރު ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އައުމަށެވެ. އެހެންނަމަވެސް، ހަނދާން ބަހައްޓަންޖެހޭ ކަމަކީ މީގެކުރީން ޔޫއޭއީއަށް ވެސް ވަނީ ކުށްކުރެވިފައެވެ. އިސްލާމްދީނާއި ސިޔާސަތު މަސްހުނިވެ އޭގެ ނުފޫޒަށް އޮތް ބިރާއެކު ވިޔަފާރި އެއްބަސްވުންތަކަށް ކޮށްފާނެ އަސަރަކަށް ބަލައި، ޔޫއޭއީއިން އަންނަނީ، ދާފުރްގައި ޤަތުލުއާންމު ހިންގުމަށް ރެޕިޑް ސަޕޯޓް ފޯސަސް ނަމަކަށްކިޔާ ސުދާނުގެ މިލިޝިއާއަކަށް ފަންޑުކުރަމުންނެވެ. މިއުކުޅުތަކަށް މިހާތަނަށް ލިބެމުން އައީ ނާކާމިޔާބީއެވެ. މިފަދައިން، 2019 ވަނަ އަހަރު ލިބްޔާގެ ތްރިޕޯލީއަށް އަރައި ވެރިވެގަތުމަށް މަސައްކަތްކުރި ހަނގުރާމަ ލީޑަރަކަށް ޔޫއޭއީއިން ތާއީދުކޮށް އެއްބާރުލުން ދިންނަމަވެސް، އެކަންވެސް ވީ ނާކާމިޔާބެވެ. އަދި ޔަމަނުގެ ހޫތީ ސިފައިންނާއި ސައުދީއަރަބިއާއާއި ދެމެދު ހިނގި ހަނގުރާމާގައިވެސް، ޔޫއޭއީއިން އެއްބައިވީ ސައުދީ އަރަބިއާ އާއެވެ. ނަމަވެސް ކުރިމަތިލުމުގެ ވަކި ހިސާބަކުން، 2019 ވަނަ އަހަރު ޔޫއޭއީއިން ވަނީ ހަނގުރާމައާއި ދުރަށް ޖެހިފައެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ޔޫއޭއީގެ ވެރިން ވަނީ، ގައުމުގެ އެތެރޭގެ އިޤްތިޞާދީ ބާޒާރާއި ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި، ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. އެތެރޭގެ ވިޔަފާރި ދަށްވުމުން ރައްޔިތުންގެ ނުރުހުމާއި ރުޅިވެރިކަން ބޯމަތިވާނެކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ އިޤްތިޞާދީ މަސްރަޙުގައި ޔޫއޭއީއަށް އެފަދަ އެއްވެސް ބިރެއްނެތެވެ. އަދި އެގައުމުން އެދޭގޮތަކަށް ކަންކަން ނިންމައި، ކަންބޮޑުކަމެއް ނެތި އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަކީ ޔޫއޭއީއަށް އުނދަގޫކަމަކަށް ނުވެއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ކަންތައް ކުރާނެ އައު ގޮތްގޮތް ކޮންމެ ގައުމަކުން ވެސް ހޯދައެވެ. އަދި ކުރިމަތީގައި އޮތް އަލިމަގުގެ ދަޅަތަކާއި، އަނދަވަޅުތަކުގެ ވާހަކަތައްވެސް ޔޫއޭއީގެ މާޒީއިން ވަނީ ދައްކައިދީފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް