ވިލިމާލެ ފަރަށް ގެއްލުންވުން: ޖޫރިމަނާ ނުދައްކަން އެފްކޮންސްއިން ކޯޓަށް, ކާމިޔާބެއްނުވި

Loading

Facebook
Twitter
WhatsApp

ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދާ ސާވޭގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ތިމާވެށްޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި ޖޫރިމަނާގެ ދެއްކުން މަޑުޖައްސައިދިނުމަށް އަމުރެއް ނެރެދޭން އެދި އެފްކޮންސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކުންފުންޏާ ދެކޮޅަށް ނިންމައިފިއެވެ.

ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދާ ސާވޭގައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 16 ވަނަ ދުވަހު މެންދުރު ފަހުއެވެ. ޕްލެޓްފޯމް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބަލަން ކުރި ދިރާސާއަށްފަހު އީޕީއޭއިން އެ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެފްކޮންސްއަށް އެންގީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 69.4 މިލިއަން ރުފިޔާ ދެއްކުމަށެވެ. ޖޫރިމަނާ ދައްކަން އެއް މަސްދުވަހުގެ މުއްދަތެއް ދިން ނަމަވެސް އަދިވެސް އެފްކޮންސްއިން ފައިސާއެއް ނުދައްކައެވެ. އޭގެ ބަދަލުގައި އެ ކުންފުނިން އެ އަހަރުގެ ޑިސެމްބަރުގައި އީޕީއޭގެ ނިންމުން މުރާޖައާ ކުރުމަށް އެދި އެންވަޔަރަމަންޓް މިނިސްޓަރަށް ވެސް ހުށަހެޅިއެވެ.

އެއީ ގަވާއިދުގައިވާ ގޮތުން އީޕީއޭގެ ނިންމުންތައް އިސްތިއުނާފުކުރަން މިނިސްޓަރަށް ހުށަހަޅައިފިނަމަ މުރާޖަޢާ ކުރަން ނުވަތަ ލުއިދޭން އެންގެވުމުގެ ބާރު މިނިސްޓަރަށް ލިބިވަޑައިގަންނަވާތީއެވެ. ނަމަވެސް މިނިސްޓްރީއިން ނިންމީ ލުޔެއް ނުދިނުމަށެވެ.

އެގޮތުން ޖޫރިމަނާގެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެދި އެފްކޮންސްއިން ވަނީ ވަގުތީ އަމުރަކަށް އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.

އެފްކޮންސްއިން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ޕްލެޓްފޯމް ފަރަށް އެރީ އެ ކުންފުނީގެ އިިހުމާލަކާ ނުލައި ކަމަށާއި އެ ކުންފުންޏަށް ބާރު ނުފޯރުވޭފަދަ ބިޔަ ރާޅުތަކެއްގެ ސަބަބުން ކަމަށެވެ. އަދި އީޕީއޭއިން ހެދި އެސެސްމަންޓުގައި ވެސް އެ ކުންފުނީގެ އިހުމާލެއް އޮތްކަން ފާހަގަކޮށްފައިނުވާ ކަމަށާއި ޖޫރިމަނާ ކުރީ އެ ކުންފުނިން ކުރިކަމެއް ސާބިތުކޮށްދިނުމަކާ ނުލައި ކަމަށް ވެސް އެފްކޮންސްއިން ބުނެފައިވެއެވެ.

ނަމަވެސް ކޯޓުގައި ދައުލަތުން ބުނީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެންޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށާއި އެފްކޮންސްއަކީ މަޝްހޫރު ކުންފުންޏަކަށްވުމުން އެފަރާތަށް ލިބިދާނެ ކަަމަށް ބުނާ “ރެޕިއުޓޭޝަން ލޮސް“ އަކީ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ފަދަ ހާލަތެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ގާޒީ ޒުލައިިޚާ ޝީޒާ ވިދާޅުވީ މި މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އިންސާފު ގާއިމުކުުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭފަދަ ސަބަބެއް އެފްކޮންސްއިިން ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި އެފްކޮންސްއިން ފާހަގަކުރި އެއްކަމަކީ ޖޫރިމަނާ ދައްކަން ޖެހުމުން އެއްބަސްވުން ބާތިލުކުރުމުގެ އިހުތިމާލެއް އޮތުމާއި ޖޫރިމަނާ ދައްކަން ޖެހުމުން އެ ކުންފުނީގެ ކޭޝްފްލޯއަށް އަސަރު ކުރުން ކަމަށް ނަމަވެސް މި ހާލަތްތައް މެދުވެރިވެދާނެ ގޮތްތަކެއް އެ ކުންފުންޏަށް ބުނެދެވިފައިނުވާ ކަމަށެވެ.

ވިލިމާލެ ފަރަށް އެރި ޕްލެޓް ފޯމު ފުންކޮށް އީޕީއޭއިން ސާވޭ ފެށީ އެއަހަރުގެ ސެޕްޓެމްބަރު 6 ގައެވެ. އެ ސާވޭގައި ބައިވެރިވާން އެފްކޮންސް އަށް ދައުވަތު ދިން ނަމަވެސް އެ ކުންފުނިން އެކަމަށް އުޒުރުވެރިވިއެވެ. އަދި ސާވޭ ނިންމުމަށްފަހު ޖަވާބުދާރީވާން ފުރުސަތު ދިނުމުން އެކަމާ ދެކޮޅު ހަދައި އަމިއްލައަށް ސާވޭކުރަން އެފްކޮންސްއިން އެދުނެވެ.

ސާވޭއަށްފަހު އީޕީއޭއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުން ފަރުގައި ބޮޑެތި ވަޅުގަނޑުުތައް ހެދިފައިހުރިއިރު އެއް ވަޅުގަނޑު އެހެން ވަޅުގަނޑުތަކަށްވުރެ ފުނެވެ. ޑައިވަރަކު އެ ވަޅުގަނޑަށް ފައިބައި ހުރިއިރު އޭނާގެ އިސްކޮޅަށްވުރެ އެ ވަޅުގަނޑު ފުނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް