އިޒްރޭލުގެ ޖަރީމާތައް ތަހުގީގުކުރަން ރައީސް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވައިިފި

Loading

Facebook
Twitter
WhatsApp

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވައިފިއެވެ.

ރައީސް މުޢިއްޒު މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައެވެ. އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވަނީ އިޒްރޭލުގެ ދިފާއީ ބާރުން ފަލަސްތީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއް ކަމަށެވެ. އެހެންކަމުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށާއި ފަލަސްތީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ރައީސް ގޮވައިލެއްވިއެވެ.

މީގެއިތުރުން ރައީސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭ ކަމެއް ކަން ފާހަގަ ކުރައްވައި އެ ގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި އެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ގޮވާލައްވައިފައެވެ. އަދި އެކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އިޒްރޭލުގެ ޖަރީމާތައް ތަހުގީގު ކުރުމަށް ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވާފައެވެ.

ފަލަސްތީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ ފަލަސްތީނުގެ މުސްތަގިއްލު މިނިވަން ދައުލަތެއް ގާއިމުކުރެވިގެންކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމަށާއި އެގޮތުން އިޒްރޭލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް ގާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމުގައި ވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަގިއްލު, މިނިވަން ދައުލަތެއް ގާއިމުކޮށްފައިވާ ކަމާއި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން އިޒްރޭލުން ގަބޫލުކުރަންޖެހޭ ކަމުގައި ވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް