އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފައްދާ ޕްރޮޖެކްޓެއް އިފްތިތާހުކޮށްފި

Loading

Facebook
Twitter
WhatsApp

ސޯލާ ހަކަތައިން ކަރަންޓް އުފައްދަން ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ”މަގޭ ސޯލާ“ ގެ ނަމުގައި ޕްރޮގްމެއް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މިއަދު އިފްތިތާހުކޮށްފި އެވެ.

ރޭޑިއޯ ބިލްޑިންގުގައި މިއަދު މެންދުރުފަހު ބޭއްވި ހަފުލާގައި މި ޕްރޮޖެކްޓް އިފްތިތާހު ކޮށްދެއްވީ އާ ސަރުކާރުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޠާރިގް އިބްރާހީމެވެ.

މި ޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގުމަށް ރާވާފައި ވަނީ ދިވެހި ސަރުކާރާއި ޔުޓިލިޓީ ކުންފުނިތަކާ އަދި ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެންނެވެ.

އެގޮތުން މިއަދު އިފްތިތާހު ކުރި މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ގޭބިސީތަކަށް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ ތިން މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދޭނެއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ އެ ތިން މެގަވޮޓުގެ ސޯލާ ޕީވީ ގޭބިސީތަކަށް ފޯރުކޮށްދިނުމަށްޓަކާ، ސަރުކާރުން މިއަދު ވަނީ އެ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އާއްމުކޮށް ބީލަމަށް ހުޅުވާލައިފައި  ކަމަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް، ސޯލާ ޕީވީ ގަތުމުގެ އިންތިޒާމު އިންސްޓޯލްމަންޓް މެދުވެރިކޮށް ހަމަޖައްސައިދޭނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމްގެ އެންމެފަހު ނަތީޖާ އަކީ އާންމު ފަރުދުން ކަރަންޓް ބިލަށް ކުރާ ހަރަދު ވެސް ކުޑަކުރެވުން ކަމަށެވެ.

ސޯލާ ޕީވީ ނިޒާމުތަކަކީ އުމުރު ދިގު ނިޒާމުތަކެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރި ގޮތަށް ބަލާއިރު މިފަދަ ނިޒާމަކަށް އެއްފަހަރާ އަގު އަދާ ކުރުމަކީ އާންމު ފަރުދުންނަށް ދަތި ކަމެކެވެ. 

މިއަދު އިފްތިތާހުކުރި ޕްރޮގްރާމް ރާވާފައި ވަނީ މިފަދަ ދަތިތަކަށް ލުޔެއް ހޯދައިދީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތަށެވެ. އަދި ސޯލާ ނިޒާމު ހަރުކުރުމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް