1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އިސްކޮށްހުރި ހ.ހާޖަރާގޭ ލުޠުފީ ޖަލު ހުކުމް ތަންފީޒު ކުރުމުގެ ތެރެއިން ފިލައިގެން ދިޔަ މައްސަލާގައި ކުރި ހުކުމް ތަންފީޒުކޮށް ނިމި މިއަދު މިނިވަންވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ލުޠުފީގެ މައްޗަށް ފުރަތަމަ އިއްވީ މަރުގެ ހުކުމް ކަމަށްވީ ނަމަވެސް އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ލުޠުފީގެ އެ އަދަބު ލުއިކޮށްދެއްވައިި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލު ކުރެއްވިއެވެ. އެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010 ގައި ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވުމުން އޭނާ ފިލިއެވެ.
ފިލައިގެން އުޅުމަށްފަހު 2019 މެއިި 01 ގައިި ލުޠުފީ އަމިއްލައަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވީ, އޭރު އެ ގައުމުގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ވިސާ ނެތް މީހުންނާމެދު ވަރަށް ހަރުކަށިކޮށް އަމަލުކުރަމުންދާތީ އެކަމާ ގުޅިގެންނެވެ. އެއާއެކު އެ އަހަރުގެ ޖުލައިމަހުގެ 9 ވަނަ ދުވަހުގެރޭ ލުޠުފީ ރާއްޖެ ގެނައެވެ.
ލުޠުފީ ރާއްޖެ ގެނައުމަށްފަހު, 2021 މާޗު 10 ގައި އޭނާގެ މައްޗަށް 07 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެއީ އޭނާ ފިލިކަމުގެ ދައުވާއަށް އިއުތިރާފުވުމުންނެވެ.
ކަރެކްޝަނުން ބުނީ ނޮވެމްބަރު 3 ގެ ބަޣާވާތާ ގުޅިގެން ލުޠުފީގެ މައްޗަށް ކުރި 25 އަހަރުގެ ހުކުމް މިދިޔަ ޖޫން މަހު ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ. އަދި ލުޠުފީ މިހާރު ތަންފީޒު ކުރަމުންދަނީ އޭނާ ފިލި މައްސަލައިގައި ކުރި ހުކުމް ކަމަށާއި އެ ހުކުމް ތަންފީޒުކޮށް ނިމި މިއަދު އޭނާ މިނިވަންވާނެ ކަމަށެވެ.
ލުޠުފީއަކީ ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އެންމެ އިސް މީހާއެވެ. މި ހަމަލާ ދިނުމުގައި ދިވެހިންގެ ތެރެއިން ބައިވެރިވި ބާޣީންގެ ތެރޭގައި, ސ.ހިތަދޫ/ޕެރިސްހޮލިޑޭ, އަޙްމަދު ނާޞިރާއި, ސ.ހިތަދޫ/ޒަމާނީގެ, ޝާހިދާއި, ހ.ކަރޯގެ, ޢައްބާސް އިބްރާހީމް (ކަރޯ އައްބާސް), މ.ދުއްލިސާގެ, އިބްރާހިމް ނަޢިމާއި (ޕައިލޮޓް ނަޢީމް), މ.ދީފުރަމްއާގެ, ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި, މއ.ތިނަދޫގެ, ޢުމަރު ޖަލާލު ހިމެނެއެވެ. ލަންކާގެ “ޕްލޮޓް“ ޖަމާއަތާއި ގުޅިގެން އެ ދުވަހު ދިން ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލިއެވެ.
One Response
އެވަރުނުރަންކާމީހަކުދޫކުރާކައްނުވާނެ އޭނަގެއުމުރުހުސްވާދެންޖެހޭނީބާވަން