އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ފޯރުކޮށްދެނީ

Loading

Facebook
Twitter
WhatsApp


އެމެރިކާ ސަރުކާރަށް ހަވާލާދީ ވޯލްސްޓްރީޓް ޖާރނަލް އިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައިގާ ބޭނުންކުރުމަށްޓަކައި އީރާނުން ރަޝިޔާއަށް ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ފޯރުކޮށްދޭން ތައްޔާރުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަ ދެއްކެވި އެމެރިކާގެ އޮފިޝަލް ހާމަކުރެއްވިގޮތުގައި މިހާރުވެސް އީރާނުން ރަޝިޔާއަށް ބޮމް ގައިޑެޑް ޑްރޯނާއި އަދި އެތައްބައިވަރު ތަފާތު ހަތިޔާރުތައް ވަނީ ފޮނުވާފައެވެ. ދާދި މިދާކަށްދުވަހު އީރާނަށް ވަޑާއިގެންނެވި ރަޝިޔާގެ ދިފާއީ ވަޒީރުގެ ކުރިފުޅުމަތީގައި އީރާނުން ހާމަކުރި އަބާބީލް މަރުކައިގެ ޑްރޯނާއި ފާތިހް-110 މަރުކާގެ މިސައިލް އަކީ ރަޝިޔާއަށް ފޮނުވާފާނެ ހަތިޔާރަށް ވެދާނެތީ ވޯޝިންގްޓަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ އޮފިޝަލުންވެސް ވަނީ ޔޫކްރެއިނާ ދެކޮޅަށް ބޭނުންކުރުމަށްޓަކައި އީރާނުގެ ބެލިސްޓިކް މިސައިލް ރަޝިޔާއިން ހޯދާފާނެތީ އެކަން ހުއްޓުވޭނެގޮތްތައް ހޯދަންޖެހިފައިވާކަން ހާމަކޮށްފައެވެ.

އެމެރިކާގެ މި ކަންބޮޑުވުމާއި ޖައްވުގައި އުފެދިގެން މިއުޅޭ އަޑުތަކާ ބެހޭގޮތުން ވޯޝިންގްޓަނުގައި ހުންނަ ރަޝިޔާގެ ސަފީރު އޮފީހުން އަދި އ. ދ. ހުންނަވާ އީރާނުގެ ސަފީރު އޮފީހުންވެސް ވާހަކައެއް ނުދައްކައެވެ. އެމެރިކާއިން ގަބޫލުކުރާ ގޮތުގައި އީރާނާއި ރަޝިޔާގެ ގުޅުން މިހާރު އެދަނީ މާބޮޑަށް ބަދަހި ވަމުންނެވެ. ރަޝިޔާއިން ގެންދަނީ އީރާނަށް އެއަރ ޑިފެންސް ސިސްޓަމާއި މިލިޓްރީ އިލެކްޓްރޯނިކްސްގެ ވަސީލަތްތައް ފޯރުކޮށްދެމުންނެވެ.

އީރާނުން މިހާރު ބޭނުންވެގެން އުޅެނީ ރަޝިޔާގެ އެސް. ޔޫ-35 ގެ ހަނގުރާމަމަތީ ބޯޓުފަހަރު ގަތުމަށެވެ. އެކަމަކު އަދި މިހާތަނަށް އެ ވިޔަފާރި އަގުދު ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ރަޝިޔާއިން ގެންދަނީ އީރާނުގެ މިލިޓްރީ ވަރުގަދަ ކުރުމަށްޓަކައި ސައިބަރ ހަނގުރާމައިގެ ޓެކްނޯލޮޖީ އާއި އަތުލާގަނެވިފައިވާ އެމެރިކާގެ ހަތިޔާރުތައް އީރާނުން ދިރާސާކުރުމަށްޓަކައި ފޯރުކޮށްދެމުންނެވެ.   

އީރާނުން މިސައިލް ޕްރޮގްރާމާއި ހަނގުރާމައިގެ ހަތިޔާރުތަރައްގީކުރުމަކީ އެމެރިކާއަށް ބިރެއް ކަމަށް ދެކޭތީ އަރަބިގައުމުތަކަށްވެސް އެއީ ނުރައްކަލެއް ކަމަށް ވިސްނާދީގެން މިހާރު މަސައްކަތްކުރަނީ އެމެރިކާގެ އެއަރ ޑިފެންސް ސިސްޓަމްތައް މެދުއިރުމަތީގައި ގާއިމްކުރުން ކޮންމެހެންވެސް ބޭނުންކަމުގައި އެ ސަރަޙައްދުގެ ލީޑަރުންގެ ބޮލަށް ވަންނާށެވެ. ބޭނުމަކީ ކޮންމެވެސް އެއްޗެކޭ ކިޔައިން އެ ސަރަހައްދުގައި ވަކި ހިއްޕާލުމެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް