ޤަތުލުއާންމު ހުއްދަކުރާ ފަރާތްތައްވެސް ބޮއިކޮޓް ކުރަންޖެހޭ!

Loading

Facebook
Twitter
WhatsApp

”އެޗްޕީ“، ”ޕޫމާ“ އަދި ”މާވެލް“ ފަދަ ބްރޭންޑްތަކަކީ އިސްރާއީލުން ހިންގާ އަސްކަރީ އޮކިއުޕޭޝަނާއި، ނަސްލީ ތަފާތުކުރުމާއި ނަސްލު ނައްތާލުމުގެ ސިޔާސަތުތަކަށް ތާއީދުކޮށް، މާލީ މަންފާ ފޯރުކޮށްދޭ ބްރޭންޑްތަކެކެވެ. ވީމާ، ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އިސްރާއީލުން މިހާރު ކުރިއަށް އެގެންދާ ޤަތުލުއާންމުގެ ޒިންމާ އެފަރާތްތަކުންވެސް ނަގަން ޖެހޭނެއެވެ.

އިސްރާއީލް ބޮއިކޮޓްކުރުމަށް ބައިނަލްއަޤްވާމީގޮތުން ހިންގާ ބޮއިކޮޓް ހަރަކާތް، ބީޑީއެސް މޫވްމަންޓް އިން ބުނާގޮތުގައި، މިފަދަ ކުންފުނިތަކަކީ އިސްރާއީލުން ހިންގާ އަސްކަރީ އޮކިއުޕޭޝަނާއި، ނަސްލީ ތަފާތުކުރުމާއި ނަސްލު ނައްތާލުމުގެ ސިޔާސަތުތަކަށް ތާއީދުކޮށް، މާލީ މަންފާ ފޯރުކޮށްދޭ ކުންފުނިތަކެއްކަމުން، އިސްރާއީލުން އަރައިގަންނަމުން އަންނަ ހަނގުރާމާމަތީ ކުށްތަކުގައި އެ ކުންފުނިތައް ވެސް ޝާމިލުވާކަމަށެވެ. 

5500 ކުޑަކުދީން ހިމެނޭގޮތަށް 13000 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލައި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމަކީ އެފަދަ ކުންފުނިތަކުން ހުއްދަކޮށްގެން ހިންގާ ލާއިންސާނީ އަމަލެކެވެ. އަދި އިސްރާއީލުގެ ސެޓްލަރުންނާއި އަސްކަރީ ސިފައިން ފަލަސްޠީނުގައި ހިންގަމުން އަންނަ ފަސާދައިގެ އެންމެހައި އަމަލުތަކުގެ ޒިންމާގެ ބައެއްވެސް އެކުންފުނިތަކުގެ ބޮލުގައި އެޅޭނެއެވެ.

 އިސްރާއީލުން ބޮމުގެ ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި ނަމަވެސް، އަލުން ފަށާނެކަމަށް ވަނީ ވައުދުވެސް ވެފައެވެ

މިފަދަ ކުންފުނިތަކަކީ އިސްރާއީލުން ވަގަށްނަގާފައިވާ ފަލަސްޠީނު ބިމުގައި އޮތް ގާނޫނާއި ޚިލާފު ސެޓްލްމަންޓުތަކާއި އިސްރާއީލުގެ އަސްކަރިއްޔާއަށް ތާއީދުކޮށް، ފަލަސްޠީނު މީހުންނާއި ދެކޮޅަށް ހިންގާ ސެޓްލަރ-ކޮލޯނިއަލް އަނިޔާވެރިކަން މަތިވެރިކުރާ ކުންފުނިތަކެވެ. މި ކުންފުނިތަކުން އިސްރާއީލުގެ ޝިއާރަށް ދޭ އެއްބާރުލުން މެދުކަނޑުވާލުމަށްޓަކައި އެންމެންގެ އެހީތެރިކަން ބޭނުންވެއެވެ. މިހާރު ފިޔަވަޅު އަޅާށެވެ. ގަތުލުއާންމު ހުއްދަކުރާ ބައެއްގެ ވިޔަފާރީގައި ބައިވެރިނުވާށެވެ. 

އެޗްޕީ ބޮއިކޮޓް ކުރާށެވެ! ޣައްޒާގެ ގަތުލުއާންމުގެ މޭސްތިރިން ކަމުގައިވާ އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި ވަޒީރު ބެޒާލެލް ސްމޮޓްރިޗްގެ އޮފީސްތަކަށް އެޗްޕީ އިންކްއިން ޚިދުމަތްދޭއިރު، ފަލަސްޠީނު ރައްޔިތުން އަޅުވެތިކޮށް ހަނގުރާމަމަތީ ކުށްތައް ހިންގާ އިސްރާއީލު ފުލުހުންނަށްވެސް އެކުންފުނިން ޚިދުމަތްދެއެވެ. މީގެއިތުރުން، ފަލަސްޠީނުގެ ކުޑަކުދިންނާއި ސިޔާސީ ކުށްވެރީންގެ ގޮތުގައި ހައްޔަރުކުރާ ފަލަސްޠީނު ރައްޔިތުންނަށް އަނިޔާކޮށް ލާއިންސާނީ ހާލަތުތަކުގައި ބަންދުކޮށްގެން ގެންގުޅޭ ޖަލުތަކަށްވެސް އެޗްޕީއިން ޚިދުމަތްދެއެވެ. އަދި އިސްރާއީލުން ނަސްލު ތަފާތުކުރުމަށް ބޭނުންކުރާ އައިޑީ ސިސްޓަމް އަކީވެސް އެޗްޕީއިން ފޯރުކޯށްދޭ އެއްޗެކެވެ. 

ވީމާ އެޗްޕީގެ މުދާތައް އެތެރެކޮށް ވިއްކާއުޅޭ ފަރާތްތަކުން އިސްރާއީލަށް ސަޕޯޓުނުކުރާ ބްރޭންޑެއް ހޯދައި، އެޗްޕީގެ ބަދަލުގައި އެތަކެތި ވިއްކުމަށް ގޮވާލަމެވެ. ތިޔަ ފަރާތުން ވިއްކާ މުދަލަކީ އިސްރާއީލާއި ގުޅުން ނޯންނަ ބްރޭންޑުތަކުގެ މުދާކަމުގައި ވާނަމަ ދިވެހީންގެ ފުރިހަމަ އެއްބާރުލުން އެވިޔަފާރިއަކަށް ލިބޭނެކަން ކަށަވަރެވެ. 

ޕޫމާ ބޮއިކޮޓް ކުރާށެވެ! ޕޫމާއަކީ އިސްރާއީލުން ހިންގާ އޮކިއުޕޭޝަނުގައި ބޮޑު މަސްލަހަތެއް އޮންނަ ކުންފުންޏެކެވެ. ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންނަށް ހަމަލާދީ، ހުއްޓުމެއްނެތި ކާޕެޓް ބޮމްބްކުރަމުންދާއިރު، އިސްރާއީލު ސިފައިންނާއި ސެޓްލަރުން އަންނަނީފަލަސްޠީނު މީހުން ޝަހީދުކޮށް، އޮކިއުޕައިޑް ވެސްޓް ބޭންކުގައި ތިބި ފަލަސްޠީނު ރައްޔިތުންވެސް ނައްތާލަމުންނެވެ. އަދި ޕޫމާއަކީ އިސްރާއީލުގެ ފުޓުބޯޅަ އެސޯސިއޭޝަން ސްޕޮންސަރ ކުރާ ކުންފުންޏަކަށްވާއިރު، އިސްރާއީލުން އަންނަނީ އެގައުމުގެ ކުޅުންތެރިން ސެޓްލްމަންޓްތަކުގައި ވަޒަންވެރިކުރުވަމުންނެވެ. 

މާވެލް ބޮއިކޮޓް ކުރާށެވެ! މާވެލްއިން ނެރެން އުޅޭ ކެޕްޓަން އެމެރިކާ ފިލްމުގައި ފީޗަރކުރާ ”ސުޕްރހީރޯ“ އެއް ކަމުގައިވާ ސަބްރާ/ރުތް ބެޓް-ސެރަފް އަކީ އަޕާޓްހައިޑް އިސްރާއީލު ރަމްޒުކުރާ ކެރެކްޓަރއެކެވެ. އެގޮތުން، އެވާހަކާގައި އޭނާއަކީ އިސްރާއީލު ސަރުކާރުގެ އަސްކަރީ ސިފައިންގެ ތެރޭގައި މަސައްކަތްކުރާ މީހެކެވެ. ނަސްލީފިއްތުން ކުރިއަރުވާ މިފަދަ ކެރެކްޓަރއަކަށް އެއްވެސް ގޮތެއްގައި ދިރުންދިނުމަކީ އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތައް ކުރިއެރުވުމުގެ އަމަލެކެވެ. ފަލަސްޠީނު މީހުންނާއި ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުމުގެ އަމަލުތަކާއި، އިސްރާއީލުގެ ޕްރޮޕެގެންޑާ ކުރިއެރުވުމުގައި އަދި ސެޓްލަރ-ކޮލޮނިއަލް އަނިޔާވެރިކަމުގައި މާވެލްއިންވެސް ބައިވެރިވީއެވެ. ވީމާ، މާވެލްގެ މި ފިލްމަށް އައިއެމްޑީބީގައި ދަށް ރޭޓިންގްއެއް ދިނުމަށް ތިބާގެ ހަޔާތުގެ ކުޑަ ވަގުތުކޮޅެއް ހަދިޔާކުރުމަކީ މުހިންމުކަމެކެވެ. 

އެތައް ހާސް ދިވެހީން މި ފިލްމަށް ދަށް ރޭޓިންގް އެއް ދީ، ހަޑި ބަހުރުވައަކުން ނޫންނަމަވެސް އިސްރާއީލުގެ ގަތުލުއާންމާއި ގުޅުވައިގެން ރިވިއުއެއްދީ ޕްރޮޑިއުސަރުންނަށް އެކަން އެންގިދާނެއެވެ. މުހިންމުކަމަކީ، ފިލްމަށް ދިން ދަށް ރޭޓިންގް އަކީ ކޮން ސަބަބަކާއިހުރެ ދިން ރޭޓިންގްއެއްކަން އެންގުމެވެ. 

މީގެއިތުރުން، މީސް މީޑިއާގައި ހިންގާ މި ފިލްމުގެ ޕްރޮމޯޝަންތަކުގައިވެސް ތުއްތު ކުދީން ޝަހީދުކޮށް އިސްރާއީލުން ހިންގާ ގަތުލުއާންމާއި ގުޅުވައިގެން ކޮމެންޓެއް ލިޔެލުމަކީ ކުރެވިދާނެކަމެކެވެ. އިސްރާއީލަކީ ހައްގަށް މަސައްކަތްކުރާ ބައެއް ކަމުގައި ދައްކައިގެން ބޮޑު އާބާދީއަކަށް ހަގީގަތް އޮޅުވައި ނުލެވޭނެކަން އެމީހުންނަށް އަންގަންޖެހެއެވެ. 

އަހަރެމެން އެންމެން ކުރާ މަސައްކަތަކީ އިސްރާއީލުން ޝަހީދުކޮށްލި 5000 އަށްވުރެ ގިނަ ތުއްތު އަދި ކުޑަކުދީންނަށް އިންސާފު ހޯދުމުގެ މަސައްކަތެކެވެ. އެކުދީންގެ އަޑު އިއްވައި، އެކުދީންގެ މައިންބަފައިންގެ އިހުސާސްތަކުގެ އަޑު އިއްވައިދިނުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް