މިދިޔަ ފަސް އަހަރު ވެރިކަން ކުރި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ޕަބްލިކް އިންކުއަރީއެއް ހެދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި އެދެން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައިވަނީ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކާގުޅޭ އިންކުއަރީ މަޖިލީހަށް ހުށަހަޅައިގެން ބެލުމަށެވެ.
އޭގެތެރޭގައި ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭކަމާއި އެ މީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގައިލަން ރާވަމުންދިޔަ ކަމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކައިލި ވާހަކައާއި ދައުލަތް ޝާމިލްވެގެން ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތަކުގެ ވާހަކަ ހިމެނެއެވެ.
މީގެއިތުރުން ގަރާރުގައި ވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ވިލަރެސް ކުރުމަށް ކޮމިޓީއަކާއި ސަރުކާރު ޒިންމާދާރުކުރުމަށް ކޮމިޓީއެއް އެކުލަވައިލަން ނިންމައިފައެވެ.
ރޭގެ ޖަލްސާގައި މި ގަރާރު ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.