ކުރީގެ ރައީސް ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ޒެއިން ޢަބްދު ޔާމީނަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ޒެއިން އަށް ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ މީގެ ދެތިން ދުވަސްކުރިން ގޭތެރެއަށް ވެއްޓިގެންނެވެ.
އެގޮތުން ޒެއިން ގޭތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން އައިޖީއެމްއެޗަށް ގެންދިޔައިރު، މޭގެ ބައެއް ކަށިތަކުގައި ރެނދުލައި ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ވެއްޓެން ދިމާވި ސަބަބެއް އަދި ވީ ގޮތެއް ޒެއިންގެ ހަނދާނުގައި ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ހާމަ ކުރާ ގޮތުގައި އަނިޔާތަކާ ގުޅިގެން ޒެއިންގެ ސާޖަރީއެއް ވެސް ވަނީ ހަދާފައެވެ.
ހަމަ އެހެންމެ އަދިވެސް ޒެއިން އޮންނެވީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ކަމަށާއި މިވަގުތު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް މައުލޫމާތު ލިބެއެވެ.