އިސްރާޢީލު ސިފައިން ގައްޒާއަށްވަދެ ހިންގަމުންގެންދާ ގަތުލުއާންމަށް ވަރަށް ހޫނު ފާޑުކިއުމެއް ހާމަކުރައްވަމުން އަރަބިންގެ ސިފައިން ގައްޒާއަށް ނުދާނެކަމަށް ޖޯރޑްން ގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.
އިންސާނިއްޔަތަށްޓަކައި ބޭނުންވާ އެހީތައް ފޯރުކޮށް ދިނުމަށްޓަކައި ހަނގުރާމަ ހުއްޓާލުމުގެ ބޯޅަ އޮތީ ފަލަސްތީނު ޙަމާސް ޖަމާޢަތުގެ ކޯޓުގައި ކަމަށާއި ރަހީނުން މިނިވަން ކުރުމަކީ ޝަރުތެއްކަމަށް ވިދާޅުވެ ރައީސް ޖޯ ބައިޑަންގެ މެދުއިރުމަތީ ޚާއްސަ މުޝީރު ބްރެޓް މެކް ގާރޓް ދެއްކެވި ވާހަކަފުޅަށް ތޫނު ރައްދުގައި އައިމަން ސަފާދީ ދިވާޅުވީ އިންސާނިއްޔަތުގެ އެހީތައް ފޯރުކޮށް ދިނުމަށްޓަކައި ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ޝަރުތު ކަނޑަ ނޭޅެނެ ކަމަށެވެ.
ރަހީނުން ދޫކޮށްލައިފިނަމަ ހުރިހާ ދިމާލަކުން އިންސާނީ އެހީތައް ގައްޒާއަށް އޮހިގަންނާނެ ކަމަށާއި ވަރަށް ހެޔޮ ބަދަލު ތަކެއް އަންނަތަން ފެނިގެންދާނެކަމަށް މެކް ގާރޓް ވިދާޅުވުމުން ބޯ ހަމަނުޖެހޭ މީހުންގާތު ތިޔަހެން ބުނަން ސަފާދީ ވިދާޅުވިއެވެ.
އިސްރާއީލުން ގައްޒާގައި 2.4 މިލިއަން މީހުން ރަހީނުކޮށްގެ އުޅޭތާ އެތައް އަހަރެއް ވެގެންދާއިރު އެޙާލަތު ނައްތާލަން ވާހަކަދެއްކިއްޔާ މާރަނގަޅުވާނެއެވެ.
ކޮންމެ ގައުމެއްގެ ރައްޔިތަކު ކަމުގައި ވިޔަސް އޭނާގެ މިނިވަންކަން ނިގުޅައިގަނެ ބަންދުކޮށްގެން ގެންގުޅުމަށް އަހަރެމެން އެއްއިރެއްގައިވެސް ތާއީދެއް ނުކުރަމެވެ. އަދި އިސްރާއީލުގެ ލަގަން ދޫވެގެން މިއުޅެނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ އެއްބައިވަންތަކަން ކަށަވަރު ކުރެވިފައި އޮންނާތީ ކަމަށާއި އިސްރާއީލުގެ ތުންމަޅިއަށް ބާރުކުރަން ހުޅަނގުގެ ގައުމުތައް ނުކުޅެދިފައިވާ ކަމަށެވެ.
އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތަކުގެ ކުޑަމިންވަރެއް އެހެންގައުމަކުން ހިންގައިފިނަ ހުޅަނގުގެ ގައުމުތައް ކެކިގެން އަރާގަންނަގޮތް މުޅި ދުނިޔެއަށް އޮތީ ހާމަކޮށް ފެންނާށެވެ.
ސަފާދީގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވެފައިވަނީ އިސްރާއީލުގެ ޙަމަލާތަކަކީ އެ ގައުމުގެ ދިފާޢުގައި ދެމުންގެންދާ ޙަމަލާތަކެއް ކަމަށް ދުލުކުރިން ބުނާ ގައުމުތަކުންވެސް ގެންދަނީ އިސްރާއީލުގެ ޖަރީމާތައް ހައްދު ފަހަނަޅާފައިވާކަމަށް އިއުތިރާފު ވަމުންނެވެ.
އަދި މިހާރު ފެންނަމުންދާ ޙަގީގަތަކީ އިސްރާއީލުން ބޯލަނބަންޖެހޭ އެއްވެސް ގާނޫނެއް ނެތްކަމަށާއި އިސްރާއީލަކީ ގާނޫނު ނުވަތަ ގާނޫނުން މަތީގައިއޮންނަ ގައުމެއް ކަމަށެވެ. އަދި ބައިނަލް އަގްވާމީ ގާނޫނުތަކާއި ގަރާރުތަކަށް އިސްރާއީލުގެ ބޯ ލެންބޭނެ ބާރެއްވެސް ދުނިޔޭގައި ނެތްކަމަށެވެ.
އެހެން ގޮތަކަށް ބުނާނަމަ ބައިނަލް އަގްވާމީ ގާނޫނުތަކާއި ގަރާރުތައް އޮތީ އިސްރާއީލުގެ ކުރިމަތީ ނުކުޅެދޭ ހާލުގައި ކުޑަކަކޫ ޖަހައިގެންނެވެ.
އެދެބޭފުޅުންގެ ކޯޅުން މެދުވެރިވެގެން ދިޔައީ ބަޙްރައިންގައި ހިނގަމުންދިޔަ ސަލާމަތާ ބެހޭ ސަމިޓުގައި އަރަބިލީޑަރުން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ވާހަކަ ތަކުރާރު ކުރަމުން ގެންދިއުމުންނެވެ. އަރަބި ކޮންމެ ލީޑަރަކުވެސް ވިދާޅުވަމުން ގެންދެވީ ބާރުގެ ބޭނުންކޮށްގެން އިސްރާއީލަކަށް އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދުވަހަކުވެސް ކަށަވަރު ނުކުރެވޭނެ ކަމަށެވެ.
ހަމައެއާއިއެކު ޔޫރަޕިއަން ޔުނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ ޖޯސެފް ބޯރެލްވެސް ވިދާޅުވަމުން ގެންދެވީ އިންސާނިއްޔަތަށް ބިރުވެރިކަން އުފެއްދުން އެއީ އިންސާފުކަމަށް ނުބެލެވޭނެ ކަމަށާއި އިސްރާއީލުން ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގައި ޝަރީއަތަށް ކުރިމަތިލާންވެސް ޖެހިދާނެކަމަށެވެ.އެހެންނަމަވެސް މި ހަނގުރާމަ ނިމުމަށްފަހު ގައްޒާ ޙަވާލުކުރެވޭނީ ފަލަސްތީނުގެ ސަރުކާރަށެވެ.
މެކް ގާރޓްގެ ވާހަކަފުޅުގައި ހަމާސްއަކީ އައި. އެސް. އައި. އެސް. ފަދަ ޖަމާއަތެއް ކަމަށް ބުނުމުން ސަފާދީ ވިދާޅުވީ ކުރިމަތިވެގެން މި އުޅެނީ ޙަމާސްއިން އުފެއްދި ޙާލަތެއް ނޫން ކަމަށާއި ޙަމާސް އުފެދުނީ މިޙަލަތުގެ ސަބަބުންކަން ހުޅަނގުގެ ގައުމުތަކުން ގަބޫލު ނުރަނީ ކީއްވެގެންކަން އޮޅުން ފިލުވަދިނުމަށެވެ.
އިސްރާއީލުން ކިތަންމެ ވަރަކަށް ބޮން އެޅިޔަސް ޙަމާސްގެ ފިކުރު ބަދަލެއް ނުކުރެވޭނެއެވެ. އަދި އެފިކުރު ނައްތައެއްވެސް ނުލެވޭނެއެވެ.
އަރަބިންގެ ސިފައިން ގައްޒާއަކަށް ނުފޮނުވާނަމެވެ. މިއީ އަހަރެމެންގެ ނިންމުމެވެ. އިސްރާއީލުން ބޭނުންވާ ގޮތަކަށް ގައްޒާ ބިމާ ހަމަކޮށްލާށެވެ. އަހަރެމެން އެތަން ސާފުކުރަން ދާނެމެވެ. އެކަމަކު ގައްޒާގައި ދިރިއުޅޭ ރައްޔިތުން އެބިމުން ފައްސާނުލެވޭނެއެވެ. އެކަންކުރުމުގެ ފުރުސަތު އަހަރެމެން އިސްރާއީލަކަށް ނުދޭނަމެވެ. މިއީ އަކީ ވާހަކަދެއްކުމުގެ ބަހުރުވަ ބަދަލު ކުރަންވީ ވަގުތެއް ނޫނެވެ. އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާ އިތުރު ތަޢާރުފަކަށް ބޭނުންނުވާވަރަށް އެއޮތީ ހާމަކޮށް ފެންނާށެވެ. ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކާށެވެ.
މި ބައްދަލު ވުމުގައި ބަޙްރައިންގެ ވަލީއަޙްދު ޙަމާސްގެ ކިބައިން އެދިވަޑައިގަތީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފާ ތިބި ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން މިނިވަންކުރުން ޝަރުތުކޮށް ރަހީނު ކޮށްފައި ތިބި އަންހެނުންނާއި ކުޑަކުދިން މިނިވަންކޮށް ދިނުމަށެވެ.