އިސްރާއީލާއާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަގުރާމަ ހުއްޓާލެވޭނެ މަގެއް ހޯދުމަށް ގަތަރުން މެދުވެރިއެއްގެ ބައި އަދާކުރި މަޝްވަރާތަކުގައި ވަގުތީގޮތުން 4 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެކަމަށް އިސްރާއީލު ސަރުކާރުންނާއި ފަލަސްތީނުންް ކަށަވަރުކޮށް ދީފިކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.
މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފާތިބިފަލަސްތީނުގެ 150 މީހުން (އަންހެނުންނާއި ކުޑަކުދިން) މިނިވަން ކުރެވޭނެ ކަމަށާއި ފަލަސްތީނުގެ ޙަމާސްއިން ހިފާއްޓާފައިތިބި މީހުންގެ ތެރެއިން 50 މީހުން (އަންހެނުންނާއި ކުޑަކުދިން) ދޫކޮށްލެވޭނެކަމަށް ވެއެވެ.
މީގެ އިތުރުން ޙަމާސްއިން މިނިވަންކޮށްދޭ އިސްރާއީލުގެ ކޮންމެ 10 މީހަކަށް އެއްދުވަސް ހަނގުރާމަ ހުއްޓާލުންވެސް މި މަޝްވަރާތަކުގައި ވަނީ އެއްބަސްވެފައެވެ.
މިއެއްބަސް ވުމާމެދު އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުން ނެގި ވޯޓުގައި 38 މެމްބަރުންގެ ތެރެއިން 3 މެމްބަރުން ތާއީދެއް ނުކުރިއެވެ. އެއީ ގައުމީ ސަލާމަތާބެހޭ ވަޒީރު އިތާމާރް ބެން ގްވިރ އާއި ފާރ-ރައިޓްގެ އިތުރު 2 މެމްބަރެކެވެ. 2.3 މިލިއަން މީހުން ދިރިއުޅެމުން ގެންދާ ގައްޒާގެ ބޮޑުބައެއް އިސްރާއީލުގެ ހަމަލާތަކުގައި ވަނީ ސުންނާފަތި ކޮށްލައި ހުސްބިމަކަށް ހަދާލާފައެވެ.
އަދި އެ އަނިޔާވެރި ޙަމަލާތަކުގައި ފަލަސްތީނުގެ 14100 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޙަމާސްގެ މުޖާހިދުން މަދުވެގެން 1200 އިސްރާއީލީން ވަނީ މަރާލާފައެވެ. މި މަޝްވަރާ ތަކުގައި ބައިވެރިވި ގަތަރާއި އެމެރިކާއާއި މިސްރުން އަދި އިސްރާއީލާއި ޙަމާސް އިން ބުނެފައިވަނީ މިއީ ކުރިޔަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.
ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލް ސާނީ އާއި މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީސީ މި މަޝްވަރާތައް ކާމިޔާބު ކުރުމަށްޓަކައި ކުރެއްވި މަސައްކަތަށް ތައުރީފްކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ޝުކުރު އަދާކޮށްފައިވެއެވެ.
ސިންގަޕޯރުގެ ގައުމީ ޔުނިވަރސިޓީގެ މެދު އިރުމައްޗާބެހޭ އިންސްޓީޓީއުޓުގެ އޮނަރަރީ ފެލޯ ޖޭމްސް ޑޮރްސޭ ބުނެފައިވަނީ މި މަޝްވަރާތައް ކާމިޔާބު ކުރުމަށްޓަކައި އެމެރިކާއިން ގޮތްދޫނުކޮށް ހިފޭއްޓި ހިފޭއްޓުން ފާހަގަކުރެވޭ ކަމަށާއި އަދި ކޮންމެވެސް މިންވަރެއްގެ އަމިއްލަ ވަންތަ ފަލަސްތީނުގެ ވަގުތީ ސަރުކާރެއް ނޫނަސް މިހާރަށްވުރެން ރަނގަޅު ދާއިމީ ޙައްލެއް ގެނައުމަށް އެމެރިކާއިން ގެންގުޅޭނެ ސިޔާސަތެއް ފެނިގެން ދާކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހަމަލާތައް ހުއްޓާލެވޭނެ ކަމަށާއި މިހާރު އެއްބަސްވެފައިވާ މުއްދަތު އިތުރު ވެގެން ދިއުމުގެ ފުރުސަތު ހުޅުވިފާ އޮތްކަމަށް ގަތަރުން ބުނެފާ ވެއެވެ. އެހެންނަމަވެސް މިހާރުވެސް ނަތަންޔާހޫ ބުނަމުން ގެންދަނީ “ އަހަރެމެން މި ތިބީ ހަނގުރާމައިގެ މައިދާނަށް ނިކުމެ ކަމަށާއި މިތަނުން އެނބުރިދާނީ އަހަރެމެންބޭނުން ކަންތައް ހާސިލު ކޮށްފައި އަދި ރަހީނުކޮށްފާތިބި އަހަރެމެންގެ ހުރިހާ މިޙުން މިނިވަންކޮށް އަދި ކުރިއަށް އޮތްތަނުގައި އިސްރާއީލަށް ހަމަލާދެވޭވަރުގެ އެއްވެސް ބާރެއް ގައްޒާގައި ނޯންނާނެ ވަރު ކޮށްފާ ކަމަށެވެ.
ބައިނަލް އަގްވާމީ ތަޖްރިބާކާރުން ދެކޭގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫގެ އެ ހުވަފެނުގައި ކުލަޖެހޭތަން ފެނުން ވަރަށް ދުރެވެ. ސަބަބކީ ހަނގުރާމަ ހުއްޓާލެވިފައި އޮންނަ މުއްދަތުގެ ތެރޭގައި ގައްޒާއަށް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. ހަމައެއާއެކު އަލުން ހަނގުރާމަ ނުފެށުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރާނެކަމަށް އޮސްޓްރޭލިޔާގައި ހަރަކާތްތެރިވާ މިނިވަން ނޫސްވެރިކަމުގެ ގާނޫނީ ވަކީލު އެންތަނީ ލޯވެންސްޓެއިން ބުނެފައިވެއެވެ.
ހަމާސްގެ ރަހީނުންގެ ގޮތުގައި އިސްރާއީލުގެ 237 މީހުންނާއި އަދި އެހެން ގައުމުތަކުގެ އެތައް ބައިވަރު މީހުން ތިބިކަމަށް ލަފާކުރެވެއެވެ. ރައީސް ބައިޑަން އުންމީދުކޮށްގެން ހުންނަވަނީ ހަނގުރާމަ ހުއްޓާލެވޭ މުއްދަތުގައި ރަހީނު ކޮށްފައިތިބި އެމެރިކާގެ ރައްޔިތުން މިނިވަން ކޮށްދޭނެ ކަމަށެވެ. މީގެކުރިންވެސް އެމެރިކާގެ މުސްކުޅި އަންހެނަކާއި އަދި އެހެން ދެމަޔަކު ހަމާސްއިންވަނީ ދޫކޮށްލާފައެވެ. އަދި އިސްރާއީލުންގެ ހަމަލާތަކުގައި ބައެއް ރަހީނުން މަރުވެފައިވާ ކަމަށްވެސް ހަމާސްއިން ބުނެފައި ވެއެވެ. އަދި ހަމާސްއަށް ތާއީދުކުރަމުންގެންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެފައިވަނީ އެމީހުންގެ ބެލެހެއްޓުމުގެ ދަށުގައިހުރި އިސްރާއީލުގެ މީހަކު އިއްޔެ މަރުވެފައިވާ ކަމަށެވެ. މިގެކުރިން އިންސާނިއްޔަތަށްޓަކައި އެ އަންހެންމީހާ މިނިވަންކުރަން އަހަރެމެންބޭނުން ވިއެވެ.
އެކަމަކު އިސްރާއީލުގެ ލަޝްކަރު ގައްޒާގެތެރޭގައި ހަރަކާތްތެރި ވަމުން ދިއުމާއެކު އޭނާ މިނިވަން ނުކުރެވުނީއެވެ.