ސެމާފޯރ އަށް ފެނިފައިވާ ލިއެކިއުންތަކަކުން ހާމަވެފައިވާ ގޮތުގައި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ އަނިޔާވެރި ގަތުލު އާންމަށް ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގައި ހުންނަ ދެކުނު އެފްރިކާ އެމްބަސީ ބަންދުކުރަން ނިންމާފިއެވެ.
އެގޮތުން އެންމެހާ ސިޔާސީ ގުޅުންތައް ކަނޑާލުމަށް ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް އިން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުން އެބަ ގެންދެއެވެ. އަދި އެ އަނިޔަވެރި ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އިންކާރުކުރަމުން ގެންދާތީ ދެކުނު އެފްރިކާގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދު ކުރަން އެންގުން ނޫން އެހެން ގޮތެއް މިހާރު ދެކުނު އެފްރިކާގެ ސަރުކާރަކަށްވެސް ނެތްކަމަސް ބުނެފިއެވެ.
ދެކުނު އެފަރިކާގައި ވެރިކަން ކުރާ ހިއުމަން ރައިޓްސް ޗެމްޕިއަން ނެލްސަން މަންޑޭލާގެ އޭ. އެން. ސީ. އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ފަލަސްތީނުގައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލު އާންމު ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމާ ހަމަޔަށް ނަސްލީ އިމްތިޔާޒު ވެރިކަންކުރާ ދައުލަތަކާއިއެކު ދެކުނު އެފްރިކާއިން އެއްވެސް ގުޅުމެއް ނުބޭއްވޭނެއެވެ.
މަޢުލޫމާތު ރަނގަޅަށް އެނގޭ ސަރުކާރުގެ އިސް ދެބޭފުޅަކު ހާމަކޮށްފައިވާ ގޮތުގައި ރައީސް ސިރިލް ރާމަފޯސާ މިހާރު ގެންދަވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އިސްރާއީލާއެކު އޮންނަ ހުރިހާ ގުޅުމެއް ކަނޑާލަން އަންގަވަމުންނެވެ.
ދެކުނު އެފްރިކާއަކީ އަބަދުވެސް އިސްރާއީލުން ފަލަސްތީނާމެދު ގެންގުޅޭ ސިޔާސަތަށް ނުރުހުން ފާޅުކުރަމުންގެންދާ ގައުމެކެވެ. ދެކުނު އެފްރިކާ އިން ތަޖްރިބާ ކޮށްފައިވާ ދޮންމީހުންގެ (ވައިޓްމޭން) އަނިޔާވެރި ނަސްލީ އިމްތިޔާޒުގެ ދިގު ދުވަސްތައް އެހެންބަޔަކުވިޔަސް ތަޖްރިބާކުރާތަން ދެކެން އެއްޗެކޭ ނުބުނެ ދެކުނު އެފްރިކާއިން ނޯންނާނެކަމަށް ޚާރިޖީ ވަޒީރު ނަލެންޑީ ޕެންޑޯވެސް ވަނީ ވިދާޅުވެފައެވެ.
One Response
އަހަރެމެންގެ މުސްލިމް ގައުމުތަކުން މިވަރުވެސް ކޮށްލާކަށް ނުކުރެއެވެ. ހިތާމައިގެ ކޮޅެއްނެތެވެ.