އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާފު ދެއްވައި މިނިވަން ކުރެއްވުމުން ރާއްޖެއިން ފުރާވަޑައިގެންފިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ޚިޔާނާތްތެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގ ގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާއަށް އިއުތިރާފުވެވަޑައިގަތުމުން އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮކްޓޫބަރު 2020 ގައެވެ.
ނަމަވެސް ޖަލުގައި ހުންނަވާތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އަދީބު ގެއަށް ބަދަލުކުރީ މެޝިނެއްގެ އެހީގައި ނިދިކުރައްވަންޖެހޭތީ ކަމަށް ބުނެއެވެ. އޭގެފަހުން ހުކުމް ތަންފީޒު ކުރެއްވީ ގޭގައި ހުންނަވައިގެންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަދީބަށް މާފު ދެއްވައި މިނިވަން ކުރެއްވީ ދައުރު ނިމެން ފަސް ދުވަހަށްވެފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި މާފުދެއްވުމާއެކު އަދީބު މިހާރު ވަނީ ރާއްޖެއިން ފުރާވަޑައިގެންފައެވެ. ނަމަވެސް އޭނާ ފުރާވަޑައިގަތީ ކޮން ގައުމަކަށް ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.
One Response
ގާނޫނީ ގޮތުން ކުރީގެ ރައީސަށް ލިބިވަޑައިގެންފައިވާ ބާރެއް ތަންފީޒުކުރެއްވީއެވެ. ހިތާމައަކީ ގާނޫނީގޮތުން ލިބިވަޑައިގެންފައިވާ ބާރުތަކުން އާންމު އާދައިގެ ރައްޔިތުމީހާއާ ދޭތެރޭ ފަރުވާ ކުޑަކުރެވޭ ތަން ފެންނަމުންދިއުމެވެ. ނިކަމެތި ރައްޔިތަކަށް ކުރެވޭ ކުޑަކުޑަ ކުށެއްގެ އަދަބުވެސް ލުއިކޮށްދެއްވުމުގެ ވިސްނުންފުޅު ތަންފީޒުކުރެއްވިކަން ހަމަގައިމުވެސް ނޫސްތަކުން ފެނިފައެއް ނުވެއެވެ.