ގައްޒާގެ ގަތުލުއާންމުގައި ބައިވެރިވެފައިވާތީ ރައީސް ބައިޑަން ޝަރީއަތުގެ ކުރިމައްޗަށް

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމުގައި ބައިވެރިވަމުން ގެންދާތީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ދިފާއީ ވަޒީރު ލޯއިޑް އައިސްޓަން އަދި ޚާރިޖީ ވަޒީރު ބްލިންކަން ޝަރީޢަތުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް ނިންމައިފިއެވެ.                                             

އަލްޖަޒީރާގެ ޚަބަރުގައި ބުނެފައިވަނީ އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު މަސްދުވަހަށް ވުރެން ދިގުލާ ދާއިރުވެސް އެމެރިކާ ސަރުކާރުން އެކަން ހުއްޓުވަން މަސައްކަތް ކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރުދީ ހަތިޔާރާއި ފައިސާގެ އެހީތައް އެމެރިކާއިން އިސްރާއީލަށް ދެމުން ގެންދާތީއާއި އެ ތިންބޭފުޅުން އެކަމުގައި ޢަމަލީގޮތުން ބައިވެރިވެވަމުން ގެންދާތީ ފެޑެރަލް ކޮމްޕްލެއިން ( ޕީ. ޑީ. އެފް. ) އެއް ހުށައަޅާފައިވާ ކަމަށެވެ.                                                         

ނިއު ޔޯރކުގެ ސެންޓަރ ފޯރ ކޮންސްޓިޓިއުޝަނަލް ރައިޓްސް ގެ ގުރޫޕުން ފަލަސްތީނުގެ އިންސާނީ ޙައްގުތަކާބެހޭ ޖަމްއިއްޔާތަކުގެ ނަމުގައި ހުށައެޅި މި ޝަކުވާގައި ބުނެފައިވަނީ ޙިސޯރުކޮށް އަޅުވެތިކޮށްފައިތިބި ބައެއްގެ މައްޗަށް ހިންގަމުން ގެންދާ މި ގަތުލު އާންމު ކުރިއަށް ގެންދިއުމަށް ބާރުއަޅައި އެމެރިކާ ސަރުކާރުން ހަތިޔާރާއި ފައިސާއާއި އަދި އިރުޝާދުގެ އެހީ ކެނޑިނޭޅި އިސްރާއީލަށް ފޯރުކޮށް ދެމުންގެންދާ ކަމަށެވެ.

އަދި އިސްރާއީލު ސިޔާސީ އިސް ވެރިންވެސް ސާފުބަހުން ގަތުލު އާންމު އިތުރަށް ފުޅާކުރަންވެސް ދަނީ ގޮވާލަމުން ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަކީ އިންސާނުންގެ ސިފައިގާތިބި ޖަނަވާރު ތަކެއްކަމަށްސިފަކޮށްފައި ވާކަމަށް އެ ކޮމްޕްލެއިންގެ ތައާރުފްގައި ބުނެފައިވެއެވެ.

އެ ބަޔާންތަކުން އެމީހުންގެ މަގްސަދަކީ ގަސްދުގައި ގަތުލު އާންމެއް ހިންގުންކަމަށް ހެކި ލިބިދޭ އެތައް ކަމެއް ހާމަވެފައިވާ ކަމަށްވެސް އެ ކޮމްޕްލޭންގައި ބުނެފައިވެއެވެ. 

ދުނިޔޭގެ ކަންކޮޅުތަކުން ވަރަށްގިނަ އަދަދެއްގެ ގާނޫނީމާހިރުންނާއި އިންސާނީ ޙައްގުތަކަށް މަސައްކަތް ކުރަމުންގެންދާ ޖަމާއަތް ތަކުންވެސް ބުނަމުންގެންދަނީ އިސްރާއީލުގެ މި ޙަމަލާތަކަކީ ގަތުލު އާންމެއް ކަމަށެވެ.                               

އިސްރާއީލުގެ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11200 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.           

އޮކްޓޯބަރ 7 ގައި ހަނގުރާމަ ފެށުމާއެކު އެމެރިކާގެ ރައިސްއާއި އަދި ބައެއް އިސް އޮފިޝަލުން ގެންދަނީ ސާފު ބަހުން ގަތުލު އާންމަކަށް ހިތްވަރު ދެމުން އަދި އެކަމަށް ބޭނުންވާނެ ހަތިޔާރާއި މާލީ ތަނަވަސްކަން ހުއްޓުމެއްނެތި ފޯރުކޮށްދެމުން ކަމުގައިވެސް ސެންޓަރ ފޯރ ކޮންސިޓީޓީއުޝަނަލް ރައިޓްސް ( ސީ. ސީ. އާރ. ) ގެ ރިޕޯރޓުގައި ފާހަގަ ކޮށްފައިވެއެވެ.

އެމެރިކާގެ މި އަމަލުގެ ސަބަބުން ގަތުލު އާންމު ފުޅާވެގެން ދާކަމަށްވެސް ސީ. ސީ. އާރ. ގެ ރިޕޯރޓުގައި ފާހަގަ ކޮށްފައި ވެއެވެ. މީގެ އިތުރުން ބައިޑަން އާއި އައުސްޓިން އަދި ބްލިންކަން ގެ ސިޔާސީ ޕްލޭޓްފޯމްތަކުންވެސް ގެންދަނީ މެދުކެނޑުމެއްނެތި އިސްރާއީލުން ހިންގަމުންގެންދާ މިއިން ޒަމާނެއްގައި އިންސާނިއްޔަތު ދެކިފައި ނުވާފަދަ މިގަތުލު އާންމަށް އެއްވެސް ހިފެހެއްޓުމެއް ނެތި ތާއީދުކުރަމުން ބައިވެރިވަމުން ކަމުގައި ވެސް ބުނެފައި ވެއެވެ.

އަދި އެކަމުގައި ބައިނަލް އަގްވާމީ ދުނިޔެއިން ދެކިފާނެ ގޮތަކާއި މެދުވެސް އެއްވެސް ފަރުވާލެއް ނެތިއެވެ.                                                                 

އަލްޖަޒީރާއާއި ވާހަކަދައްކަމުން ސީ. ސީ . އާރ. ގެ ގާނޫނީ ވަކީލާ އަސްތާ ޝަރުމާ ޕޮޚާރެލް ބުނެފައިވަނީ ފެޑެރަލް ގާނޫނާއި ބައިނަލް އަގްވާމީ ގާނޫނުތަކުން މި ހިނގަމުންދާ ގަތުލު އާންމު ހުއްޓުވުމަށާއި އެއްވެސް ސިފައެއްގައި އެކަމަށް އެހީތެރިވުން މަނާކުރުން އެމެރިކާއަށް ލާޒިމްކުރާ ކަމަށާއި އެކަމަކު އެމެރިކާގެ އަމަލުތައް ހުރީ އެ ހުރިހާ ގާނޫނަކަށް ގޮންޖަހާފައިވެސް އިސްރާއީލުގެ ޖަރީމާތަކުގައި ބައިވެރިވުން ކަމަށެވެ. އަދި ހުށްޓުމެއްނެތި އިތުރު ހަތިޔާރާއި މާލީއެހީ ފޯރުކޮށްދެމުން ދާކަން އެނގިފައިވާ ކަމަށެވެ.                    

އެމެރިކާގެ ރައްޔިތަކު ކަމުގައިވާ ލައިލާ އަލް ޙައްދާދު އަލްޖަޒީރާއަށް ކިޔާދީފައިވާ ގޮތުގައި އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދެމުން ގެންދާ ހަތިޔާރާއި މާލީ އެހީ ތަކުގައި އޭނާ އަދާކުރަމުން ގެންދާ ޓެކްސް ފައިސާ ހިމެނިފައިވާނެތީ  މިހާރު އިހްސާސް މިކުރެވެނީ އާއިލާގެ ފަސްމެމްބަރަކު މަރާލަން އަހަރެންނަށް ފައިސާ ދެވުނީ ކަމަށެވެ. މިމޭރުމުން ވިސްނާއިރު އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުން ކުރެވެމުން ދަނީ މީހުންމެރުމަށް ކަމުގައި ނޫނީ ނުބުނެވޭނެއެވެ.                                                       

ޝަރީއަތަށް ހުށައަޅާފައިވާ ސީ. ސީ. އާރ. ގެ ބަޔާނުގައި އެމެރިކާއިން އިސްރާއީލަށް އަހަރަކު ދެމުންގެންދާ 3.8 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ފޮނުވުން ހުއްޓުވައި ދިނުމަށްވެސް އެދިފައިވެއެވެ. މި ރިޕޯރޓާ ގުޅިގެން އަލްޖަޒީރާއިން އެމެރިކާ ސަރުކާރުން މަޢުލޫމާތު ސާފުކުރަން ހުށައެޅުމުން މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.                                                                      

ޔުނައިޓެޑް ނޭޝަންސްގެ ކުރީގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް ކިޔާދީފައިވާ ގޮތުގައި އެ ޖަމްއިއްޔާގެ ތެރޭގައި ފަލަސްތީނާއި އިސްރާއީލުގެ ދެ ދައުލަތާއި ބެހޭ ގޮތުން ދެކެވޭ ވާހަކަ ތަކަކީ ޖޯކެއް ކަމުގައި ބުނެފައި ވެއެވެ.      

އިސްރާއީލުގެ ވެރިންނަކީ ގަތުލު ޢާންމެއް ހިންގާފައިވާ އަދި ހިންގަމުން ގެންދާ ބައެއްކަމަށާއި އެމީހުންނަށް ބައިނަލް އަގްވާމީ އެރެސްޓް ވޯރަންޓް ނެރެދީ އިންޓަރ ނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އެމީހުންގެ މައްސަލް ބަލާ ދިނުމަށްވެސް މިހާރު ވަނީ ހުށައަޅާފައެވެ.                                                  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް