ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން ވީ ހުރިހާ ވަޢުދެއް ހިމެނޭ ފޮތެއް މާދަމާ ލޯންޗު ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވީ މާލޭ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާއެކު ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކާއި އެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމާ ގުޅޭ ގޮތުން ނޫސްވެރިންގެ ޚިޔާލު ހޯއްދަވާފައެވެ.
ރިޔާސީ ކެމްޕޭނުގެ ހުރިހާ ވަޢުދެއް ހިމެނޭ ފޮތެއް ލޯންޗު ކުރައްވާނެކަން ހާމަކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ހިސާބުން ފެށިގެން އިންތިޚާބުގެ ދެ ބުރުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް އަކުރުން އަކުރަށް އެކުލެވޭ ޚާއްޞަ ފޮތެއް ބުރާސްފަތި ދުވަހު ނެރުއްވާނެ ކަމަށެވެ.
އެ ފޮތުގައި ހުރިހާ ވަޢުދެއްވެސް ހިމަނާފައި ވާނެ ކަމަށާއި މި ފޮތް ނެރުމުގެ ބޭނުމަކީ އެއްވެސް ކަމެއް ފޮރުވަން ބޭނުން ނުވާތީ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ވެފައިވާ ވަޢުދުތަކަކީ އިހްލާސްތެރިކަމާއެކު ހިތުގެ އަޑިން، ކޮށްދިނުމުގެ ނިޔަތުގައި ވެފައިވާ ވަޢުދުތަކެއްކަން ސާބިތުކޮށްދިނުން އެއީ ވެސް އެ ފޮތް ނެރުމުގެ ބޭނުމެއް ކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިންތީޚާބީ ރައީސް ވަނީ މީޑިއާ ހިންގުމަށް ޚާއްސަ މީޑިއާ ވިލެޖެއް މާލެ ސަރަޙާއްދުގައި ތަރައްޤީކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ހަމަ އެހެންމެ ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ހިލޭ ސްކޮލަޝިޕް ދީގެން ކިޔެވޭނެ އިންތިޒާމް ފަހިކޮށްދެއްވާނެ ކަމަށާއި މީޑިއާއަށް އޮތް މާލީ ދަތިކަން ހައްލު ކޮށްދެއްވުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އާ ސަރުކާރުގައި މިނިވަން ނޫސްވެރިކަމަކަށް ޖާގަ ދެއްވާނެ ކަމަށްވެސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
![]()
