އަރަބި ލީގު އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ސަމިޓުގައި އަރަބި ގައުމުތަކުން ބަލައިގަތުމަށް ހުށައެޅި ފަސް މާއްދާއެއްގެ މައްސަލާގައި ދެބަސްވުން އުފެދިއްޖެއެވެ.
އެގޮތުން، 11 ގައުމަކުން މި މާއްދާތައް ބަލައިގަތް އިރު، 4 ގައުމަކުން ވަނީ އެމާއްދާތަށް ބަލައިނުގަންނާނެކަމަށް ބުނެފައެވެ.
އަރަބި ލީގާއި އޯއައިސީ ގުޅުވާލައިގެން ބޭއްވި ބައްދަލުވުމުގެ ބައިވެރިން ބަލައިގަތުމަށް ހުށައެޅުނު ފަސް މާއްދާއަކީ،
އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށް އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތައް ބޭނުންކުރުން މަނާކުރުން
އިސްރާއީލާއެކު އަރަބި ގައުމުތަކުން ބާއްވަމުން އައި އެންމެހާ ޑިޕްލޮމެޓިކް، އިޤްތިޞާދީ، ސަލާމަތީ އަދި އަސްކަރީ ގުޅުންތައް މެދުކަނޑާލުން
ތެޔޮ މެދުކަނޑާލާނެކަމުގެ ބިރުދައްކައިގެންނާއި، އަރަބި ގައުމުތަކަށް ލިބިފައިވާ ނުފޫޒު ބޭނުންކޮށްގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ބާރުއެޅުން
އަރަބި ވައިގެ ސަރަހއްދުގައި އިސްރާއީލުގެ ވައިގެ އުޅަނދުތައް އުދުއްސުން މަނާކުރުން
ނިއު ޔޯކާއި، ވޮޝިންގްޓަނާއި، ބްރަސަލްސްއާއި، ޖެނީވާއާއި، ލަންޑަން އަދި ޕެރިސްއަށް ގޮސް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުމަށް ގޮވާލައި، އަރަބި ސަމިޓުގެ ފަރާތުން ވާހަކަދެއްކުމަށްޓަކައި އަރަބި ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލުން
މި މާއްދާތައް ބަލައިގަނެފައިވަނީ، ފަލަސްޠީނާއި، ސީރިއާއާއި، އަލްޖީރިއާއާއި، ޓުނީޝިއާއާއި، އިރާޤާއި، ލުބުނާނާއި، ކުވައިތާއި، ޤަތަރާއި، އޮމާނާއި، ލިބްޔާގެ އިތުރުން ޔަމަނުންނެވެ.
މި މާއްދާތައް ބަލައިނުގަންނަން ނިންމި ގައުމުތަކުގެ ނަންތައް ވަކިން ލިޔެފައިނުވާއިރު، ވަކި ގޮތަކަށް ވޯޓުނުދޭ ގައުމުތައްވެސް ފާހަގަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އަރަބި ގައުމުތަކުގެ ތެރެއިން އެމާއްދާތައް ބަލައިގަތް ގައުމުތަކުގެ ލިސްޓުގައި ނަން ނުހިމެނޭ ގައުމުތަކުގެ ތެރޭގައި މިޞްރާއި، އެކުވެރި އަރަބި އިމާރާތާއި، ސައުދީ އަރަބިއާއާއި، ޖޯޑަން ހިމެނެއެވެ.