މިޞްރަށް ޗުއްޓީއަށް ދިޔަ އިނގިރޭސިވިލާތުގެ ބާންލީއަށް ނިސްބަތްވާ ދެމަފިރިން، ސޫޒަން ކޫޕަރ އަދި ޖޯން ކޫޕަރ، މަރުވެފައިވަނީ ކާބަން މޮނޮކްސައިޑް ގޭސް ވިހަވެގެން ކަމަށް އެ ދެމަފިރިންގެ ކޮރޮނާރ ރިޕޯޓުން ހާމަވެއްޖެއެވެ.
63 އަދި 69 އަހަރުގެ، ސޫޒަން އާއި ޖޯން ކޫޕަރ ބަލިވެފައިވަނީ ހޮޓަލުގައި އެ ދެމީހުން ތިބި ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގައި އާލާވި ބެޑްބަގްސް މެރުމަށްޓަކައި ޕެސްޓިސައިޑް ޖެހުމަށްފަހުގައެވެ.
ބެޑްބަގްސް ނައްތާލުމަށް ބޭނުންކުރި ”ލޭމްބްޑާ“ ނަމަކަށް ކިޔާ ޕެސްޓިސައިޑް ހުރީ ޑައިކްލޯރޯމެތޭންއިން ޑައިލިއުޓް ކޮށްފައި ކަމަށާއި، އެއީ ކާބަން މޮނޮކްސައިޑް އުފައްދާ ކެމިކަލްއެއްކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެ ދެމަފިރިން އަމިއްލަ ކޮޓަރިއަށް އެނބުރި އައިސްފައިވަނީ، ޖެހިގެން ހުރި ކޮޓަރިއަށް ޕެސްޓިސައިޑް ސްޕްރޭކުރުމަށްފަހު އެ ކޮޓަރީގެ ދޮރުގެ ވަށައިގެން މާސްކިންގް ޓޭޕް އަޅާ، ބަންދުކޮށްފައި ހުންނަތާ އެތައް ގަޑިއިރެއް ފަހުންކަމަށް މައުލޫމާތު ލިބެއެވެ.
މި ދެމަފިރިންގެ އަންހެން ދަރިފުޅު، ކެލީ އޯރމެރޮޑްއާއި، އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅު، މޮލީ ވެސް މި ދަތުރުގައި އެ މީހުންނާއެކު މިޞްރަށް ގޮސްފައިވެއެވެ. އެގޮތުން، މާމައާއި ކާފަގެ ކޮޓަރީގައި ނިދަމުން ގެންދިޔަ މޮލީ ބަލިވުމުން، އޭނާގެ މަންމަގެ ކޮޓަރިއަށް މޮލީ ބަދަލުކުރި ކަމަށާއި، ޖެހިގެން އައި ދުވަހުގެ ހެނދުނު ސަޔަށް ޖޯން އާއި ސޫޒަން ނައުމުން ކެލީވަނީ އެ ދެމީހުންގެ ހާލު ބަލާފައެވެ.
އެހެންނަމަވެސް، އެ ދެމަފިރިންގެ ކޮޓަރީގެ ދޮރު ހުޅުވިއިރުވެސް ޖޯން ވަނީ މަރުވެފައެވެ. އަދި ސޫޒަން މަރުވެފައިވަނީ ހަމަ އެ ދުވަހު ހޮސްޕިޓަލްގައެވެ.