މަޝްހޫރު ރޭޓިންގް އޭޖެންސީ، މޫޑީސް އިން އެމެރިކާގެ މާލީ ހާލަތު ދަށްވާނެކަމަށް ލަފާކޮށް، ހުކުރު ދުވަހު، އެމެރިކާގެ ކްރެޑިޓް ރޭޓިންގް ”ސްޓޭބަލް“ އިން ”ނެގެޓިވް“ އަށް ބަދަލުކޮށްފިއެވެ.
އެ ކުންފުނިން ބުނެފައިވަނީ އެމެރިކާގެ ފިސްކަލް ޑެފިސިޓް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި، އެ ގައުމުން ނަގާ ދަރަނި ދެއްކުމަށް ވެސް ދަތިވާނެ ކަމަށެވެ. އެހެންނަމަވެސް މޫޑީ އިން ވަނީ އެމެރިކާގެ ”އޭއޭއޭ“ ކްރެޑިޓް ރޭޓިން ދަމަހައްޓާފައެވެ. މިގޮތުން، ފިޗްއިންވެސް މިއަހަރު އެމެރިކާގެ ރޭޓިން ދަށްކޮށްފައިވާއިރު، ފިޗްއިން އޮގަސްޓް މަހުގައިވަނީ އެމެރިކާގެ ކްރެޑިޓް ރޭޓިންގް ”އޭއޭއޭ“ އިން ”އޭއޭ“ އަށް ދަށްކޮށްފައެވެ.
މޫޑީސްއިން ބުނެފައިވަނީ، އެމެރިކާގެ އިންޓްރެސްޓް ރޭޓްތައް އިތުރުވެފައިވާއިރު، ސަރުކާރުގެ ޚަރަދުތައް މަދުކޮށް ފައިސާވަންނަ ދޮރުތައް އިތުރުކުރެވިފައިނުވާތީ، އެމެރިކާގެ ފިސްކަލް ޑެފިސިޓް ހުންނާނީ ވަރަށް މަތީގައި ކަމަށް ލަފާކުރެވޭކަމަށާއި، އެ ގައުމުގެ ކޮންގްރެސްތެރޭގައި ސިޔާސީ ބައިބައިވުން ބޮޑުވެފައި އޮތުމަކީވެސް މާލީ ހާލަތު ރަނގަޅުވުމަށް އޮތް ހުރަހެއްކަމަށެވެ.
އެމެރިކާ ސަރުކާރުން މޫޑީސްގެ ރިޕޯޓަށް ރައްދުދެމުން ބުނެފައިވަނީ އެމެރިކާގެ އިޤްތިޞާދު އޮތީ ވަރުގަދަކޮށް ކަމަށާއި މޫޑީސްއިން އެމެރިކާގެ އޭއޭއޭ ރޭޓިންގް ދަމަހައްޓާފައިވާއިރު، މާލީ ހާލަތު ދަށްވާނެކަމަށް ކުރި ލަފާލަކީ ރަނގަޅު ލަފައެއް ކަމަށް ނުދެކޭ ކަމަށެވެ.
ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ނިމުނު ބަޖެޓު އަހަރުގެ ތެރޭގައި، އެމެރިކާ ސަރުކާރުގެ ބަޖެޓް ޑެފިސިޓް އޭގެ ކުރީ އަހަރުގައި 1.38 ޓްރިލިއަން ޑޮލަރުގައި ހުރުމަށްފަހު، 1.7 ޓްރިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.