ފިނި ހަނގުރާމައިގެ ދުވަސްވަރު އެކުލަވައިލި މުއާހަދާ ރޫޅައިލުމުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭ: ރަޝިއާ

Loading

Facebook
Twitter
WhatsApp

ރަޝިއާއިން ފިނި ހަނގުރާމައިގެ ދުވަސްވަރު އެކުލަވައިލި މުއާހަދާ އުވައިލުމަށް ރަޝިއާއިން ނިންމާފައިވާއިރު، އެ މުއާހަދާ ރޫޅުމުގެ ޒިންމާ އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ނަގަން ޖެހޭކަމަށް ރަޝިއާއިން ބުނެފިއެވެ.

”ޓްރީޓީ އޮފް ކޮންވެންޝަނަލް އާމްޑް ފޯރސެސް އިން ޔޫރޮޕް“ ގެ ނަމުން ނަންދީފައިވާ މި މުއާހަދާ ރޫޅާލުމަށްޓަކައި ވްލާޑިމިރް ޕުޓިން ރަޝިއާގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު، މަޖިލީހުގެ ދެ ހައުސްގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ. މިގޮތުން، މިއަހަރުގެ މެއި މަހުގައި ޕުޓިންވަނީ މި ބިލު ތަސްދީގު ވެސް ކުރައްވާފައެވެ. 

1990 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި އެކުލަވާލައި, ސޮއިކުރެވުނު މި މުއާހަދާގެ ދަށުން، ފިނި ހަނގުރާމާގައި ބައިވެރިވި ގައުމުތަކުން ދެ ގައުމު ހިއްސާކުރާ ބޯޑަރުތަކުގައި ނުވަތަ އެފަދަ ބޯޑަރުތަކާއި ގާތުން ހަތިޔާރާއި ބާރުގެ ބޭނުންކުރުން މަނާކުރެއެވެ. އެ މުއާހަދާ ތަސްދީގުކުރެވިފައިވަނީ ސޮއިކުރިތާ ދެ އަހަރު ދުވަސް ފަހުންނެވެ. މިއީ ރަޝިއާއާއި އެމެރިކާ ބައިވެރިވާ ފިނި ހަނގުރާމައިގެ ދުވަސްވަރުގެ މުއާހަދާތަކުގެ ތެރެއިން ފަހުގެ އަހަރުތަކުގައި ރޫޅައިިލި ގިނަ މުއާހަދާތަކުގެ ތެރެއިން އެއް މުއާހަދާއެވެ. 

މި މުއާހަދާގައި ރަޝިއާއިން އެންމެ ފުރަތަމަ އެ ގައުމުގެ ބައިވެރިވުން މެދުކަނޑާލާފައިވަނީ 2007 ވަނަ އަހަރުގައެވެ. އަދި 2015 ވަނަ އަހަރު ރަޝިއާއިން އެ މުއާހަދާއިން ވަކިވާން ބޭނުންވާކަން ވަނީ ހާމަކޮށްފައެވެ.

ރަސްމީ ގޮތުން މި މުއާހަދާއިން ވަކިވުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްފައިވާކަން ރަޝިއާ ސަރުކާރުން އަންގާރަ ދުވަހު ހާމަކޮށްފައިވާއިރު، ރަޝިއާގެ ނިންމުމުގެ ޒިންމާ ނަގަންޖެހެނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ކަމަށް އެ ގައުމުން ބުނެފައިވެއެވެ. އެގޮތުން، މުއާހަދާ ރޫޅިފައިވަނީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ މުއާހަދާ ”ސުންނާފަތި ކުރަނިވި ފިކުރު“ ތަކުގެ ސަބަބުންކަމަށް ރަޝިއާ ސަރުކާރުން ބުނެފައިވެއެވެ. 

”ޔޫރަޕުގައި ކޮންވެންޝަނަލް އާމްސް ކޮންޓްރޯލްކުރުމާއި ގުޅޭގޮތުން ވާހަކަދައްކައި މަޝްވަރާކުރުމުގެ ދޮރުތައް އަބަދުވެސް ހުޅުވާލައިގެން ރަޝިއާއިން ތިބީ. މުއާހަދާ އިއާދަކޮށް އޭގެ މަތީގައި ދެމިތިބުމުގެ ފުރުސަތު އޮތް ނަމަވެސް، އިދިކޮޅުން އެ ފުރުސަތުގެ ބޭނުން ހިފާފައެއްނުވޭ.“ ރަޝިއާ ސަރުކާރުން ބުންޏެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް