އެމެރިކާއިން ޓައިވާނަށް އަސްކަރީ އެހީ ދީ, ހަތިޔާރުން ބަރާކޮށްފި

Loading

Facebook
Twitter
WhatsApp

ޓައިވާނުން އެމެރިކާއިން ތައްޔާރުކުރާ އަސްކަރީ ހަތިޔާރު ގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން 80 މިލިއަން އެމެރިކާ ޑޮލަރު (64.6 މިލިއަން ޕައުންޑުގެ) އެހީ ދިނުމުން ޗައިނާއިން އެކަމާއި ”ދެކޮޅުވެރިވެ ނަފްރަތު“ ކުރާކަމަށް ބުނެފައިވާއިރު، ދުރުން ބަލަން ތިބޭ ބަޔަކަށް މިއީ ހަތިޔާރު ގަތުމަށް ޚަރަދުކުރަން މާބޮޑު އަދަދަކަށް ނުވާނެއެވެ. 

އެއީ އެންމެ ފަހުގެ ފައިޓަރ ޖެޓެއްގެ އަގު ވެސް އަދާކުރެވޭވަރުގެ ފައިސާގެ މިންވަރެއް ނޫނެވެ. ޓައިވާނުން މިހާރުވެސް 14 މިލިއަން ޑޮލަރުގެ އެމެރިކާ ހަތިޔާރު އޯޑަރުކޮށްފައިވާއިރު، އެންމެ 80 މިލިއަން ޑޮލަރުން އިތުރަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

ޓައިވާނަށް އަސްކަރީގޮތުން ލިބޭ ކޮންމެ އެހީތެރިކަމަކަށް ޗައިނާގެ ރައްދަކީ ރުޅިވެރިކަމެވެ. ނަމަވެސް މިފަހަރު ޗައިނާގެ ރައްދު އެހެން ފަހަރުތަކާ ތަފާތެވެ. 

އެގޮތުން، ޓައިވާނަށް އެމެރިކާއިން ދިން 80 މިލިއަން ޑޮލަރަކީ ދަރަނީގެ ގޮތުގައި ދިން ފައިސާއެއް ނޫނެވެ. އެއީ އެމެރިކާ ރައްޔިތުންގެ ފައިސާއިން ދިން މާލީ އެހީއެވެ. މިއީ ފާއިތުވެދިޔަ 40 އަހަރު ތެރޭގައި، އެމެރިކާއިން ގައުމެއްގެ ގޮތުގައި ނުވެސް ބަލާ ތަނަކަށް އަމިއްލަ ފައިސާއިން ހަތިޔާރު ފޮނުވައި އެހީތެރިވާ ފުރަތަމަ ފަހަރެވެ. އެމެރިކާއިން އަސްކަރީ އެހީތެރިކަން ފޯރުކޯށްދެމުންދަނީ އެ ގައުމުން ތައާރަފުކޮށްފައިވާ ފޮރިން މިލިޓަރީ ފައިނޭންސް (އެފްއެމްއެފް) ޕްރޮގްރާމްގެ ދަށުންނެވެ. 

ރަޝިއާއިން ނިމިދިޔަ އަހަރުގެ ތެރޭގައި ޔޫކްރޭނަށް އެރުމާއެކު، ޔޫކްރޭނަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ވަނީ 4 ބިލިއަނަށްވުރެ ގިނަ ޑޮލަރު އެ ގައުމަށް އެހީގެ ގޮތުގައި ފޮނުވާފައެވެ. 

މީގެއިތުރުން، އެފްއެމްއެފްގެ ދަށުން އަފްޣާނިސްތާނާއި، އިރާޤާއި، އިސްރާއީލު އަދި މިޞްރަށް ވެސް އެތައް ބިލިއަން ޑޮލަރެއް އެމެރިކާއިން ވަނީ ފޮނުވާފައެވެ. އެމެރިކާގެ މި ސިޔާސަތުގެ ދަށުން އަސްކަރީ އެހީތެރިކަން ފޯރުކޯށްދެނީ އެކުވެރި ދައުލަތުން ދެނެގަނެފައިވާ ގައުމުތަކަށެވެ. ޓައިވާނަކީ އެކުވެރި ދައުލަތުން ދެނެގަންނަ ގައުމެއް ނޫނެވެ. 

1979 ވަނަ އަހަރު ޑިޕްލޮމެޓިކް ގޮތުން ޓައިވާންގެ ބަދަލުގައި ޗައިނާ ދެނެގަތުމާއެކު، އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކާފައިވަނީ ޓައިވާން ރިލޭޝަންސް އެކްޓްގެ ދަށުންނެވެ. އެމެރިކާއިން މިކަމުގައި ގެންގުޅުނު މައިގަނޑު އުކުޅަކީ، ޗައިނާއިން ދީފާނެ ހަމަލާއަކުން ރައްކާތެރިވުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ޓައިވާނަށް ހަތިޔާރު ވިއްކުމެވެ. އެހެންނަމަވެސް، އެމެރިކާއާއި ޗައިނާއާ ދެމެދުގެ ގުޅުންތަކަށް ބުރޫއު އަރާނެ މިންވަރަށް ހަތިޔާރު ނުވިއްކުމެވެ. އަދި އެތައް އަހަރެއް ވާންދެން އެމެރިކާއިން މިފަދަ މަކަރުވެރި ރޭވުންތެރި ”ތަދުބީރީ އޮޅުވާލުމެއް“ ގެ ދަށުން ޗައިނާއާއި އެކުގައި ވިޔަފާރިކޮށް ގުޅުން ބާއްވާފައިވާއިރު، އެގައުމުން ވަނީ ޓައިވާނުގެ ވަފާތެރި ވާގިވެރިއެއްގެ ގޮތުގައި ދެމިއޮވެފައެވެ. 

ކަންމިހެން އޮތް ނަމަވެސް، ފާއިތުވި 10 އަހަރުދުވަހުގެ ތެރޭގައި ޗައިނާ-ޓައިވާން މައްސަލަ އޮތީ ޗައިނާގެ ކޮޅަށް ބުރަވެފައެވެ. އެންމެ ކުރިން އެމެރިކާއިން ބޭނުންކުރަމުން އައި އުކުޅުތަކުގެ ބޭނުން ކެނޑިއްޖެއެވެ. އެމެރިކާއިން އެގައުމުގެ ސިޔާސަތުތައް ބަދަލުނުވާކަމަށް ބުނި ނަމަވެސް ހަގީގަތުގައި އެސިޔާސަތުތައް ވަނީ ބަދަލުވެފައެވެ. އެމެރިކާގެ ޑިޕްލޮމެޓިކް ވާހަކަތަކާއި އެމެރިކާގެ އަމަލުތަކާއި ދިމާނުވާކަން މީހުންނަށް ނަގައިނުގަނެވޭކަމަށް އެމެރިކާއިން ގަބޫލުކުރިނަމަވެސް، އެކަން ދުނިޔޭގެ އެންމެންނަށް ވެސް ރަނގަޅަށް ދަސްވެއްޖެއެވެ. 

އެމެރިކާގެ ސަރުކާރުން އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާކަމަށާއި، ދިމިގުރާތީ އުސޫލުތަކަށް ތާއީދުކުރާކަމަށް ދައުވާކުރިނަމަވެސް، އެއީ ބުހުތާނު ދޮގުކަން މުޅި ދުނިޔެއަށް ވަނީ ހާމަވެފައެވެ. އިސްރާއީލުން ޣައްޒާގައި ހިންގަމުން އެދާ ޤަތުލުއާންމާއި، އެމެރިކާއިން މި ޤަތުލުއާންމުގައި އިސްރާއީލަށް ދީފައިވާ އެއްބާރުލުމުގެ ސަބަބުން، އެމެރިކާއަކީ އިންސާނުންގެ ފުރާނައަށާއި، ދުނިޔޭގެ ސުލްހަމަސަލަސްކަމާއި މެދު އެއްވެސް ފަރުވާލެއް ބަހައްޓާ ގައުމެއް ނޫންކަން ހާމަވެ، އެމެރިކާގެ ނިފާޤުކަން ބޭޒާރުވެއްޖެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް