އިންޑިއާގެ ސިފައިން ރާއްޖޭގައި ސްޓޭޝަންވެގެން މަސައްކަތް ކުރަން ތިބިކަން ޔަގީންވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.
އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް އިއްޔެ ވިދާޅުވީ އިންޑިއާ ސިފައިން ތިބި ސީދާ އަދަދު ޔަގީން ނުވި ނަމަވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ސްޓޭޝަންވެގެން މަސައްކަތް ކުރަން ތިބިކަން ޔަގީންވާ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ސީދާ އަދަދުު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި އިންތިޚާބީ ރައީސްގެ އޮފީހާ ހިއްސާކޮށްފައިނުވާ ކަމަށެވެ.
ފިރުޒުލް ވިދާޅުވީ އެކި ދިމަދިމާއިން ފާހަގަވެފައި ހުރި އަދަދުތަކެއް އެބަހުރި ކަމަށާއި އެ އަދަދުތައް ކްރޮސް ޗެކްކޮށް ވެރިފައިކުރަންޖެހޭނެ ކަމަށެވެ.
ފިރުޒުލްގެ މި ވާހަކަތަކާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ހޯދައިލަން މަސައްކަތް ކުރި ނަމަވެސް އަދި ލިބޭ ގޮތެއް ނުވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެކަމަށް ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ދާދިފަހުން ވިދާޅުވީ އިންޑިއާ ސިފައިން ބާލަން ފަސޭހައެއް ނުވާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާއާއެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އެކަން ހާސިލުވާނެ ކަމަށާއި ނަތީޖާ ނެރެދެވޭނެ ކަމަށެވެ.
![]()
