ރަޝިއާއިން ޔޫރަޕު ވަށައިގެން އަސްކަރީ ބޭސްތައް ހަދައި ޔޫރަޕު ވަށާލުމަށް ތައްޔާރުވަމުން އަންނަކަން ހާމަވެއްޖެއެވެ.
ރަޝިއާގެ އަސްކަރިއްޔާއާއި ޚަލީފާ ހަފްތާރްގެ ލިބްޔަން ނެޝަނަލް އާމީ (އެލްއެންއޭ) އިން ގުޅުންތައް ވަރުގަދަކޮށް މަޝްވަރާތައް ކުރަން ފަށާފައިވާއިރު, ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެ ފަރާތުން އަންނަނީ ދިފާޢީ އެއްބަސްވުންތަކެއް އެކުލަވާލައި، ސޮއިކުރުމަށް ތައްޔާރުވަމުންނެވެ. މި އެއްބަސްވުމުގެ ސަބަބުން ލިބްޔާގެ އައްސޭރިފަށުގައި ރަޝިއާގެ އަސްކަރީ ބޭސްތައް ރޭނުމުގެ މަގުކޮށިގެންދާނެއެވެ.
ރަޝިއާގެ ނޭވަލް ބޭސްއެއް ލިބްޔާގެ އައްސޭރިފަށުގައި ބިނާކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ރަޝިއާގެ ހަނގުރާމަމަތީ އުޅަނދުފަހަރު އިޓަލީ އަދި ގްރީސްއާއި ގާތުގައި އޮތުމާއެކު، ދެކުނު ޔޫރަޕު ސަރަހައްދުގެ ކޮންޓްރޯލް ރަޝިއާއަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން، ރަޝިއާއަށް އަސްކަރީގޮތުން ޔޫރަޕު ވަށާލެވުނީކަމަށް ގިނަ ފަރާތްތަކަކުން ގަބޫލުކުރެއެވެ.
ޔޫކްރޭނާއެކު ރަޝިއާއިން ކުރަމުންދާ ހަނގުރާމާގައި އެގައުމުގެ ތަޖުރިބާގެ އަލީގައި ރަޝިއާއިން ބުނެފައިވަނީ، ޔޫރަޕުގެ މިނިވަންކަން ގެއްލި، އެ ބައްރުގެ މައްޗަށް ބާރު ހިންގަނީ އެމެރިކާ ސަރުކާރުން ކަމަށެވެ. އެހެންކަމުން، މަޑުމައިތިރިކަމާއެކު ތިބުމުގެ ބަދަލުގައި ރަޝިއާއިން މިހާރު ގެންގުޅޭ ސިޔާސަތަކީ އަސްކަރީގޮތުން ކުރިމަތިކުރެވެން އޮތް ހުރިހާ ފިއްތުމެއް ޔޫރަޕުގެ މައްޗަށް ކުރިމަތި ކުރުވުމެވެ. އަދި ރަޝިއާގެ ބޯޑަރުގައި ނޭޓޯ އޮތުމުގެ ބަދަލުގައި، މިހާރު ނޭޓޯގެ ބޯޑަރުގައި އޮންނާނީ ރަޝިއާއެވެ.
ދުނިޔޭގެ މެޕުގައި ލިބްޔާ އޮންނަނީ މެޑިޓަރޭނިއަން ކަނޑުގެ ވަރަށްވެސް ފުރިހަމަ ހިސާބެއްގައެވެ. އެގޮތުން، ލިބްޔާ އޮންނަ ސަރަހައްދުގެ ސަބަބުން، ރަޝިއާގެ އަސްކަރީ ބޭސްއެއް އެތަނުގައި ބިނާ ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، މެޑިޓަރޭނިއަންގައި ރަޝިއާގެ ނުފޫޒު ވަރުގަދަވެގެން ދާނެކަމަށް ގަބޫލުކުރެވެއެވެ.