އީރާނުގެ މިލިޓަރީ ތައްޔާރީ ޙާލަތަށް ގެނެސްފާ :
އެން. ބީ. ސީ.ގެ ފަރާތުން އިސްރާއީލާއި ފަލަސްތީނުގެ މުޖާހިދު ޙަމާސްގެ ހަނގުރާމައާއި ބެހޭގޮތުން ހާމަކޮށްފައިވާ ދިރާސާއެއް ސަންދާނުގެ ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ގެނެސްދިނުމަށް މިފުރުސަތުގެ ބޭނުންކުރަމެވެ.
މިއީ ތަޖްރިބާކާރުންގެ ދިރާސާއެކެވެ. މިގޮތަށް ކަންތައް ނުދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކޮންމެ ހަނގުރާމަޔަކީ ކާރިސާއެކެވެ. އޭގެ ގެއްލުން އެންމެ ބޮޑަށް ލިބެނީ ނިކަމެތި އާންމު ރައްޔަތުމީހާއަށެވެ.
ޙަމާސްގެ ހަނގުރާމަވެރިންނާއި ޔަހޫދީ ޒައަނިސްޓް ހަރުކަށީ ފިކުރުގެ ނަތަންޔާހޫގެ ސަރުކާރާއި ދެމެދު ކުރެވެމުން މިދާ ހަނގުރާމަ މެދުއިރުމައްޗަށް ފުޅާވެ އޭގެ ތެރެއަށް އެމެރިކާއިން ވަދެގަނެ އެ ސަރަޙައްދުގެ އެހެން ގައުމުތަކާ ހަމަޔަށް ފުޅާވެގެން ހިނގައިދާނެ ކަމާދޭތެރޭ ހުޅަނގުގެ ގިނަ ގައުމުތަކެއްގެ ލީޑަރުން ބިރު ހީވާން ފަށައިކަމަށް ބުނެފިއެވެ.
ހަމައެއާއެކު ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަމާޒު ކުރެވެމުންދާ އިސްރާއީލުގެ ތަަނެއްދޮރެއް ބެލުމެއްނެތް ޙަމަލާތަކާ ދޭތެރޭ ވިސްނަމުން ގެންދާ މެދު އިރުމަތީގެ ވެރިންނާއި އަދި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ ވެރިންވެސް އިސްރާއީލަށް ނަފްރަތުކުރަން ފަށައިފިއެވެ. މީގެތެރޭގައި ދެކުނު އެމެރިކާގެ ގައުމުތައް ވަރަށް ޚާއްސަ ގޮތެއްގައި ފާހަގަ ކުރަންޖެހެއެވެ. އެގޮތުން އެބައްރުގެ ބައެއް ގައުމުތަކުން ޑިޕްލޮމެޓިކް ގުޅުން ކަނޑާލައި ޔަހޫދީންގެ ސިޔާސީ މީހުން ފޭބުމަށްވަނީ އަންގައިފައެވެ.
މިހާރުވެސް އިރާގާއި ސީރިޔާއާއި އަދި ރެޑް ސީގެ ސަރަޙައްދު ތަކުގައި ތިބި އެމެރިކާގެ ފައުޖުތަކަށް އީރާނަށް ސަޕޯޓްކުރާ ފަރާތްތަކުގެ ޙަމަލާތައް އަންނަނީ އަމާޒު ވަމުންނެވެ.
ހަމައެއާއެކު ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އިންސާނިއްޔަތާ ޚިލާފު ތަފާތު އަނިޔާވެރި ޖަރީމާތައް ހިންގުމުގެ ސަބަބުން ރޮއި ހޭރޭ މަންޒަރުތައް ފެންނަ ވީޑިއޯ ތައް އެން. ބީ. ސީ. އަށްވެސް ވަނީ ލިބިފައެވެ.
އެ ވީޑިއޯތަކުގެ ޙަގީގަތާ ހަމަޔަށް ދިއުމަށްޓަކައި ތަޙުގީގުކޮށް އެކަންކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް އިސްރާއީލުގެ ދިފާއީ ބާރުތަކުން ވަޢުދުވަމުން ގެންދިޔަ ނަމަވެސް އެމެރިކާއާއި ޔޫރަޕް އާންމު ރައްޔަތުންނާއި އަދި އަރަބި ގައުމުތަކުންވެސް އެއީ އަނިޔާވެރި ޔަހޫދީ ޒައަނިސްޓް ސަރުކާރުން ކޮށްފާނެކަމެއް ކަމަށް ގަބޫލެއް ނުކުރެއެވެ.
ހުޅަނގުގެ ލީޑަރުން ފާރަލަމުން ގެންދަނީ ފަލަސްތީނުގެ ވާގިވެރިޔާ، އީރާނުން އެ ހަނގުރާމައިގެ ތެރެއަށް ވަދެފާނެ މިންވަރެއް ބެލުމަށެވެ. އަދި މިހާތަނަށް ހަނގުރާމައިގެ ތެރެއަށް އީރާނުން ސީދާގޮތެއްގައި އެމެރިކާއިން އިސްރާއީލަށް މަދަދުދޭން ވަދެގަނެގެން އުޅޭގޮތަށް އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ހުޅަނގަކަށް ނުލިބެއެވެ.
އެހެންނަމަވެސް އިސްރާއީލުގެ ބެލުމެއްނެތް އަނިޔާވެރި ޙަމަލާތައް ހުއްޓުވާ ނުލެވިއްޖެނަމަ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިން އިސްރާއީލަށާއި އަދި އެމެރިކާގެ އަމާޒުތަކަށް އިތުރު ޙަމަލާތައް ދެމުންގެންދާނެ ކަމުގެ އިންޒާރު އީރާނުގެ ޚާރިޖީ ވަޒީރު ވަނީ މީޑިޔާގައި ތަކުރާތު ކުރައްވާފައެވެ.
މެދުއިރުމަތީގެ ހަނގުރާމަވެރި ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް ނިކުތުމާއިއެކ މިހާރު ޙަމާސް އަށް ތާއީދު ނުކުރާ އަރަބި ގައުމުތަކުގެ ވިސްނުން ފަލަސްތީނަށްޓަކައި ބަދަލުވެގެން ދިއުމަކީ ވަރަށް ގާތްކަމެއް ކަމުގައި ދެކެއެވެ.
މިހާރު މެދުވެރިވެފައިވާ ހާލަތަށް ބަލާއިރު ކޮންމެ ވަގުތެއްގައިވެސް ހަނގުރާމަ ކޮންޓްރޯލް ނުކުރެވޭ ވަރަށް ފާލުން ނެއްޓިގެން ހިގައިދާނެއެވެ. މިކަމަށް މަގުފަހިކޮށްދޭނެ އެތައް ސަބަބުތަކެއް މިހާރުވެސް ފެންނާން އެބަހުރިކަމަށް ހުޅަނގުގެ އޮފިޝަލުން ގެންދަނީ ބުނަމުންނެވެ.
އީރާނުން ތަމްރީނު ކޮށްފައިތިބި އަދި އީރާނުން ފުރިހަމައަށް ތާއީދުކޮށް އެހީތެރިވެދޭ ހަނގުރާމަވެރިންގެ އެތައްޖަމާޢަތްތައް މެދު އިރުމަތީގައި ޙަރަކާތްތެރި ވަމުން ގެންދެއެވެ. އެގޮތުން އެމީހުން ބޭނުންވާނެ ގިނަ ހަތިޔާރުވެސް އީރާނުން ފޯރުކޮށްދެއެވެ.
އީރާނުން ވާގިވެރީން ބޭނުންކުރާ ތަންތަންކަމަށް ބުނެ އެމެރިކާ އާއި އިސްރާއީލުން ވަނީ ސީރިޔާގެ ދިމިޝްގާއި ހަލަބުގެ އެއަރޕޯރޓަށް ޙަމަލާދީ ރަންވޭތައް ހަލާކު ކޮށްލާފައެވެ. އިސްރާއީލުން ޙަމަލާތައް ދެމުންގެންދަނީ އޮކްޓޯބަރ މަހުގެ 7 ވަނަދުވަހު ހަމާސްއިން ދިން ހަމަލާގައި ޔަހޫދީންގެ 1400 މީހުން މަރާލިކަމަށްބުނެ ރަތަށް އަރައިގެން ކަމަށް ބުނެއެވެ. ނަމަވެސް ކޮންމެ އަހަރެއްގައިވެސް އިސްރާއީލުން ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުކޮށްލާކަމީ ދެބަސްވެވެންނެތް ޙަގީގަތެކެވެ.
ހަމާސްގެ ބައެއް އިސްބޭފުޅުން މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ އިސްރާއީލޭ ކިޔާ ގައުމު އެ ސަރަހައްދުން ބޭރުކުރެވެންދެން ހަނގުރާމަކުރުން ނުހުއްޓާނެކަމަށެވެ. އެހެނީ އިސްރާއީލް އުފެދި ބިޔަވެފާވަނީ އަހަރެމެންގެ ބިމުގައިކަމަށް ވާތީައެވެ.
އިޒްރާއީލް އަކީ މުޅި މެދުއިރުމަތީގެ ހަލާކު ކަމަށެވެ. ހަމަ އެހެންމެ އަނެއްކޮޅުން އިސްރާއީލުން ހުވާކޮށްފައި ބުނަމުން ގެންދަނީ ފަލަސްތީނު ބަލިކުރާނެކަމަށާއި އެމީހުންގެ ފުލް ކޮންޓްރޯ ދަސުގައި ބާއްވާނެކަމަށެވެ.
އަދި ޙަމާސް އެއްކޮށް ވުޖޫދުން ފޮހެލާނެ ކަމަށެވެ. އިސްރާއީލުގެ އުދުވާނު ލޮލަށްފެނި ތަޖްރިބާ ކުރެވެމުން ދާއިރެއްގައި އިސްރާއީލުގެ ރައީސް ކިތަންމެ ވަރަކަށް އަޑަށް ބާރުލާފައި އަހަރެމެން މިތިބީ އިންސާފުގެ މަގުގައޭ ބުނެ ބީ. ބީ. ސީ. ގައި އެ ދެއްކި ވާހަކަތަކަށް އ. ދ. ގެ އިންސާނީ ޙައްގުތަކާއިބެހޭ އިދާރާއާއި އަދި އިންސާނީ ޙައްގުތަކަށް މަސައްކަތްކުރާ އެހެނިހެން މަދަނީ ޖަމްއިއްޔާތަކުން ރުހުމުގެ ލޯލުން ބެލޭނެ ޖާގައެއް ނެތްކަމަށް ބުނެއެވެ.
ޙަމާސްގެ ޙަމަލާތައް ކުށްވެރި ކުރުމާއިއެކު އެއަށްވުރެން ބޮޑަށް އިސްރާއީލުގެ ހަމަލާތަކާއި ޖަރީމާތައް އެންމެންހެން ގެންދަނީ ކުށްވެރި ކުރަމުންނެވެ. އިސްރާއީލުގެ ނުބައި ނުލަފާކަން ނުފެންނަކަމަށް ހަދައިގެންތިބެނީ އެމެރިކާ އާއި ޔޫރަޕުގެ ގިނަ ގައުމުތަކުގެ ވެރީންނެވެ.
އިސްރާއީލުގެ އަމިއްލަ ހާމަކުރުން ތަކަށް ބަލާއިރުވެސް ބުނެފައިވަނީ އޮކްޓޯބަރު މަހުގެ 19 ވަނަދުވަހާ ހަމަޔަށް 7000 ވައިގެ ޙަމަލާ ގައްޒާއަށް އޮއްސާލި ކަމަށެވެ.
މިއީ އެމެރިކާއިން އަފްޣާނިސްތާނަށް ނުވަތަ އިސްލާމިކް ސްޓޭޓާ ދެކޮޅަށް މުޅި އެހަނގުރާމައިގާ ދީފައިވާ ވައިގެ ޙަމަލާތަކަށް ވުރެންވެސް ގިނަ އަދަދެކެވެ. މި ޙަމަލާތަކުގެ އަމާޒަކަށް ވެފައިއޮތީ ވޯޝިންގްޓަން ޑީ. ސީ. ސައިޒުގެ ކުޑަކުޑަ ޝަޙަރެއްގައި ދިރިއުޅެމުން ގެންދާ 2 މިލިއަނަށް ވުރެންގިނަ އާންމު ރައްޔިތުންނާއި އެމީހުންގެ މުދަލާއި ގެދޮރެވެ. އިސްރާއީލު ސިފައިންގެ ބުނުން ތެދުކުރުމަށްޓަކައެވެ. “ ގައްޒާއަކީ ހަނަފަސް ބިމަކަށް ހަދާލާނަމެވެ ”. އަނިޔާ އާއި ބޭ އިންސާފުގެ ކޮޅެއް ނެތެވެ. އެހެނަސް އެހެން ގައުމުތަކަށް ޑިމޮކްރެސީ ކިޔަވައިދީ އެހެން ގައުމުތަކުގައި ޢަދުލު އިންސާފު ނެތިގެން ކިޔަވައިދީ ވަކާލާތުކުރާ އެމެރިކާއަށް އިސްރާއީލުން އެއްވެސް ގޯހެއް ހަދާފައެއް ނެތެވެ.
އެމިރޭޓްސް އިން އ. ދ. އަށް ކަނޑައަޅުއްވާފައިހުރި ސަފީރު ލާނާ އުސައިބާ އިންޒާރު ދެއްވާފައިވާ ފަދައިން މިހާރުން މިހާރަށް ހަނގުރާމަ ހުއްޓުވާ ނުލެވިއްޖެނަމަ ދެން ކުރިމަތިލާން ޖެހޭނީ ވާހަކަދައްކައިގެން ގޮތެއް ނިންމުން މާލަސްވެއްޖެ ހާލަތަކާއެވެ. ހަނގުރާމައިގެ ބެރު ޖަހަމުންގެންދާއަޑު ހައްތާވެސް އެދަނީ ގަދަވަމުންނެވެ.
ހަމައެއާއެކު އީރާނުގެ ރައީސް ރައީސީ ގަބޫލުފުޅު ކުރައްވާގޮތް ހާމަކުރައްވަމކުން މިއަދު ވިދާޅުވެފާވަނީ އިސްލާމް ދީނުގެ ޢަދުއްވުން އެވަނީ ބަޓަންއަށް ފިއްތާލާފައެވެ. އެހަރެމެންނަށް އެކަން އޮޅިފައި ތިބެގެން ނުވަނެއެވެ. އަހަރެމެންގެ ލަޝްކަރު އޮތީ ތައްޔާރީ ޙާލަތަށް ގެނެވިފައި ކަމަށެވެ.