ފަލަސްތީނުގެ މިނިވަންދައުލަތެއް  ހޯދަން މައިކްރޮސްކޯޕަކުން ބެލިޔަސް ނުފެންނާނެ – ނަތަންޔާހޫ

Loading

November 2, 2023
profile
Facebook
Twitter
WhatsApp

އޮކްޓޯބަރ މަހުގެ 7 ވަނަދުވަހު ފަލަސްތީނުގެ މުޖާހިދުން ޙަމާސްއިން އިސްރާއީލަށް ދިން ކުއްލި ޙަމަލާއަށް ދުނިޔެ ނުރުހުންތެރި ކުރުވަން ބޭނުންކުރާނެ ބާރުގަދަ ލަފުޒުތަކެއް ހޯދާނެ ބަސްފޮތެއް ލިބޭތޯ އިސްރާއީލުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. 

މަރާލާފައިވާ މީހުންގެ ހަށިތައް ތަޙްލީލު ކުރަމުންގެންދާ ތަޖްރިބާކާރުން ބުނަމުންގެންދަނީ މަރާލާފައިވާ 1400 މީހުންގެ ހަށިގަނޑު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މި ޙަމަލާއަށްފަހު އިސްރާއީލުން ހާމަކުރަން ބޭނުންވަނީ ޙަމާސް އަކީވެސް އައި. އެސް. އައި.އެސް. ގެ ފަލްސަފާގައި މަސައްކަތްކުރާ ޖަމާއަތެއްކަން ދުނިޔެއަށް ދެއްކުމަށެވެ.

ސޯޝަލް މީޑިއާ އާއި އަދި އެނޫނަސް ލިބެން އޮތް ކޮންމެ ވަސީލަތެއް އެއީ މަގުމަތީގައި އޮތް ކަރުދާސްގަނޑެއް ކަމުގައިވިޔަސް ބޭނުންކޮށްގެން ހަރުކަށި ފިކުރު ޔަހޫދީންގެޒައްނިސްޓް ބޮޑުވަޒީރު ނަތަންޔާހޫ އާއި އޭނާގެ ސިޔާސީ ބައިވެރީން ގެންދަނީ އެ ޕްރޮޕްގެންޑާގައި ކުލަޖައްސަން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ޙަރަކާތްތެރި ވަމުންގެންދާ އިންސާނީ ޙައްގުތަކަށް މަސައްކަތްކުރާ އެއްވެސް ޖަމާޢަތަކުން އިސްރާއީލުގެ އެ ހާމަކުރުން ގަބޫލެއް ނުކުރެއެވެ. 

އިސްރާއީލުގެ ބައެއް ވެރިންވެސް ޙަމާސް އާއި އައި. އެސް. އައި. އެސް. ގެ ފަލްސަފާ އެއްގޮތްކަމަކަށް ނުދެކެއެވެ. އެހެނީ 2006 ވަނަ އަހަރު އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ބެލުމުގެ ދަށުން ބޭއްވުނު އިންތިޚާބުގައި އިލެކްޝަން ކާމިޔާބު ކޮށްފައިވަނީ ޙަމާސް ޖަމާއަތުން ކަމުގައިވާތީއެވެ. އެފަަހު ފަލަސްތީނުގެ ފަތަޙް ޖަމާއަތާއި އެމެރިކާ އަދި ހުޅަގުން ގުޅިގެން އިޒްެރާއީލު ބޭނުންވާގޮތަށް ޙަމާސް ވެރިކަން ކުރިޔަ ނުދިނީއެވެ.

އެކަމުގެ ސަބަބުން ޙަމާސް އާއި އިސްރާއީލާ ދެމެދު ހިނގި ދެކޮޅުވެރި ކަމުގައި ރަހީނުކުރެވިފައިވާ އިސްރާއީލުގެ މީހުން މިނިވަން ކުރުމުގެ މަޝްވަރާގައި އެންމެ އިސްކޮށްއުޅުނު ގާރޝޮން ބަސްކިން ވެސް ބުނެފައިވަނީ ޙަމާސް އަކީ ފަލަސްތީނަށް ނިސްބަތްކުރެވޭ އިސްލާމީ ބާރުގަދަ ފަލަސްތީނުގެ ރައްޔަތުންގެ ރުހުން ލިބިފައިވާ ޙަރަކާތެއް ކަމަށެވެ. 

އައި. އެސް. އައި. އެސް. ގެ ފަލްސަފާއަކީ މުޅި އިސްލާމީ އުންމަތް އެއް ޚިލާފަތެއްގެ ދަށަށް ގެނައުމެވެ. އެ މަގްސަދުގައި އެ ޖަމާޢަތުން ގެންދިޔައީ ބައެއް މުސްލިމުންނާވެސް ހަނގުރާމަ ކުރަމުންނެވެ. ޙަމާސްގެ މަގްސަދަކީ އެމީހުން އަތުން ފޭރިގަންފައިވާ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމެވެ.                                         

ވޯޝިންގޓަން އިންސްޓިޓިއުޓް އޮފް ނިއަރ އީސްޓް ޕޮލިސީގެ ފަރާތުން ވާހަކަ ދެއްކި އާރޯން ޒެލިން  ބުނެފައިވަނީ ޙަމާސް އަކީ ޒަޔަނިސްޓުގެ ވަކިތަކުން ފަލަސްތީނު މިނިވަންކޮށް ވަކި ދައުލަތެއް ގާއިމްކުރަން އީރާނުގެ އެއްބާރުލުމާއި އެކު ޖިހާދުކުރަމުންގެންދާ ޖަމާއަތެއް ކަމަށެވެ. ޙަމާސްއަކީ އިސްލާމީ އަގީދާގެ މަތީގައި ވަރުގަދައަށް ސާބިތުވެއޮތް ޖަމާޢަތެއް ކަމަށެވެ. އިސްލާމް ދީން ގަބޫލު ނުކުރާ މީހެކޭ ކިޔާފައި ދިމާކުރުމެއްވެސް ނުގެންގުޅެއެވެ.       

ހުޅަނގުގެ މިއުޒިކް އަޑުއެހުމާއި ބުރުގާ ނާޅާނެ މީހަކު ބުރުގާނޭޅުމާއި ނަސޯރާއިން އަޅުކަންކުރާނެ ފައްޅި ހުރުމާއި އެތަނުގައި އެމީހުން ބޭނުންގޮތަކަށް އަޅުކަން ކުރުމާއި  މިއީ ޙަމާސްގެ މެންޑޭޓް ތެރޭގައި ހިމެނޭ ކަންތައް ކަމަކަށް އެ ޖަމާޢަތަކުން ނުދެކެއެވެ. ޙަމާސް އިން ދީނީ މިނިވަންކަމާއި ނުބެހެއެވެ. އެޖަމާޢަތުގެ ހަމައެކަނި ބޭނުމަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއި އެހެން މީހުންނާއި ގުޅިގެން ހަމަޖެހޭ ރައްޔަތުންގެ ވެރިކަމެއް ކުރުމެވެ.                                         

އިސްރާއީލުން ފަލަސްތީނަށް ޙަމަލާތައް އޮއްސާލާ ކޮންމެފަހަރަކު އެކަންކުށްވެރި ކުރަމޭ ބުނުން ފިޔަވާ އެހެން ކަމެއް އިސްލާމީ އަރަބި ދުނިޔޭގެ ބާރުހުރި ގައުމުތަކުން ނުކުރެއެވެ. ފަލަސްތީނުގެ މައްސަލަ ދިރާސާ ކުރައްވާ އެންމެ ފުންނާބު އުސް ތަޖްރިބާކާރުން ދެކޭގޮތުގައި އަރަބި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ވާހަކަ ދެއްކުން ފިޔަވައި އެއްވެސް ކަމެއް ނުކުރެއެވެ.

އަރަބި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ފަލަސްތީނުގެ ދައުލަތެއް ވުޖޫދަށް ގެނައުން ބޭނުންވާނަމަ އެކަން ހުއްޓުވޭނެ ބާރެއް ދުނިޔޭގައި ނެތް ކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދަވައެވެ.  

އެހެން ނަމަވެސް ފަލަސްތީނުގެ މައްސަލައަކީ ވެސް ހުޅަނގުން ކުރާ ވިޔަފާރިއެކޭ ނޫނީ ނުބުނެވޭނެއެވެ. އެމެރިކާއަށް އަންނަ ކޮންމެ ރައީސަކު ހުވާކުރުމުގެ ރަސްމިއްޔާތުގައި ކަރުގެ ނާރުތައް ހިލުވާލާފައި ވިދާޅުވަމުން ގެންދަވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުން މެނުވީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދާއިމީ ޙައްލެއް ނުލިބޭނެ ކަމަށާއި އަދި ތިމަން މަނިކުފާނުގެ ފުރިހަމަ ތާއީދު އެކަމަށް ލިބޭނެ ކަމަށެވެ. ރައީސް އޮބާމާ ވެސް ވިދާޅުވީ ހަމަ އެގޮތަށެވެ.

އެއަށްފަހު ދުވަސްކޮޅަކުން އިސްރާއީލު ސިފައިން ލައްވާ ފަލަސްތީނު ފުނޑުފުނޑު ކޮށްލަނީއެވެ. ދެން އަރަބި ދުނިޔޭގެ މުއްސަނދިންގެ އެހީގައި ފލަސްތީނު އަލުން އާރާސްތުކުރަން ފަށަނީއެވެ. އެކަމަށް ބޭނުންވާ ތަކެތި ގަންނާނީ ހުޅަނގުގެ ގައުމުތަކުންނެވެ. 

ކޮންޓްރެކްޓް ދޭނީ ހުޅަނގުގެ ކުންފުނިތަކަށެވެ. ހަލާކޮށްލެވޭ ތެޔޮވަޅުތަށް އޮޕަރޭޝަނަށް ގެނައުމަށް ހުރިހާ ކޮންޓެރެކްޓެއް އެބައިމީހުންގެ ވާގިވެރީންނަށް ލިބިދެއެވެ.

ވަކި ވަރަކަށް އާރާސްތުކޮށް ނިމޭއިރު އެމެރިކާއަށް އެހެން ރައީސަކު އަންނާނެއެވެ. ހަމަ އެވައުދުތައް ތަކުރާރު ކުރާނެއެވެ. ދުވަސްކޮޅަކުން އަނެއްކާ ކޮންމެވެސް ޙާލަތެއް އުފައްދައިގެން އިސްރާއީލުގެ ސިފައިން އަރައި ކުރިން އާރާސްތު ކުރެވުނު ހުރިހާ ތަނެއް އަނެއްކާ ބިމާހަމަކޮށްލާނެއެވެ. އަނެއްކާވެސް އަނެއްފަހަރު އާރާސްތުކުރަން ފަށަންވީއެވެ.                

ފާއިތުވެގެން މިދާ 75 އަހަރުތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުންދަނީ މިދެންނެވުނު މުނާފިގު ގޮތަށެވެ. ހަރުކަށި ހައްދުފަހަނަޅައިފާވާ ޒައަނިސްޓް ނަތަންޔާހޫގެ ބަސްދީގަތުމެއްގައި އޭނާބުނެފައިވާ ފަދައިންނެވެ. ފަލަސްތީނުގެ ދައުލަތެއް ގާއިމު ނުކުރިޔަސް އަރަބިންގެ އެއްބައިވަންތަކަން އިސްރާއީލަށް ލިބޭނެ ކިތަންމެ ގޮތެއް އެބައޮތެވެ.

ފަލަސްތީނަކީ ހަތިޔާރު ގެންގުޅުން މަނާ ސިފައިންގެ ލަޝްކަރަކާއި ފުލުހުންގެ އިދާރާއެއް އޮންނަ އިސްރާއީލުގެ ސްޓޭޓެއްގެ ގޮތުގައި ބޭއްވިދާނެއެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް މައިކްރޮސްކޯޕަކުން ބެލިއަސް ނުފެންނާނެއެވެ. އެއީ މަގޭވައުދުކެވެ. އޭނާ ބުނެފާވެއެވެ!         

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް