ވ.ކަށަވަރުފަޅު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ބުނެފިއެވެ.
މިއަދުން ފެށިގެން ކަށަވަރުފަޅު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖެއްސީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާއާ ހަވާލާދީ އެންވަޔަރަންމަންޓް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ވ.ކެޔޮދޫ ދެކުނުގައި އޮންނަ ކަށަވަރުފަޅުގެ ދެކުނުފަޅީގެ ބޭރު ފަރާތުގައިވާ ފަރުގެ ފާރަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޑައިވް ސައިޓެކެވެ. މި ސަރަހައްދު މަޝްހޫރުވެފައިވަނީ ރީދޫ ކުލައިގެ މަޑު މުރަކައިގެ ބާވަތްތަކާއި ފަރުގެ ފާރުގައި އުފެދިފައިވާ ގޮތުގެ ސަބަބުންނެވެ. މީގެ ސަބަބުން މި ތަން ރަން ކުލައިގެ ފާރެއް ފަދައިން ފެނިގެންދެއެވެ.
މި ސަރަހައްދަކީ އެލިފައިވާ ފަރުގެ ނިޒާމްތަކާއި (އޯވަރހޭންގްސް) ތަކާއި ގިނަ އަދަދެއްގެ އެކި ބާވަތުގެ މުރަކަ އުފެދިފައިވާ ތަނެކެވެ. މި ސަރަހައްދުން ގިނަ އަދަދެއްގެ މަހުގެ އާއިލާތައް ފެނެއެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ފަރު މަހުގެ އާއިލާތައް ްހިމެނެއެވެ. މީގެއިތުރުން މި ސަރަހައްދަކީ ވެލާކަހަނބުގެ ބާވައްތައް ވެސް ގނައިން ފެންނަ ސަރަހައްދެކެވެ. މި މާހައުލަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ އަދި ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ މަސްމަހާއި, ވެލާކަަހަނބު އަދި މުރަކައިގެ ބާވައްތަކުގެ ނަސްލު ރައްކައުތެރިކޮށް މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްކޮށްދޭ މުހިއްމު މާހައުލެކެވެ.
މި ސަރަހައްދުގައި ކުރުން މަނާ ކަންތައްތަކުގެ ތެރޭގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުމާއިއެއްވެސް ބާވަތެއްގެ ކުނި އެޅުމާއިބިން ހިއްކުމާއި ފަޅު ފުން ކުރުމާއިގައު، ވެލި، މުރަކަ، އަކިރި ނެގުމާއި ނަގިލިލުން ހިމެނެއެވެ.
މީގެތުރުން ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމާއި އެއްވެސް ”ޕޮލިއުޓެންޓެއް“ ދޫކުރުން ނުވަތަ/އަދި ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުމާއި އެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރގެ މަސައްކަތްކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ އެންވެރިކަން ފިޔަވައި އެއްވެސް އެއްޗެއް/ދިރުމެއް ނެގުން، މެރުން، ގޯނާކުރުން ނުވަތަ ހިފުމާއި, އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ/އަދި ހާއްޔަށް ގެއްލުން ދިނުމާއި, އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުމާއި,މަސްމަހާމެއްސާއި، ދޫނިސޫފާސޫފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ާކާންއެޅުމާއި އަލިވާ ގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުމާއި އެ ތަނުގައިވާ ދިރުންތަކުގެ އާދަކާަދައަށް ބުރޫއަރާ ގޮތަށް އަޑުގަދަ ކުރުންހިމެނެއެވެ.