އިންޑިއާގެ 800 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ އާދާރްއާއި ޕާސްޕޯޓް މައުލޫމާތު ހިމެނޭގޮތަށް ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލައި ޑާކްވެބްގައި ބީލަމަށް ލައިފިއެވެ.
އިންޑިއާގެ ބޮޑު ޑާޓާ ލީކެއްގެ މައުލޫމާތު ސަމާލުކަމަށް ގެނެސްފައިވަނީ އެމެރިކާއަށް ނިސްބަތްވާ ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމުގައިވާ، ރީސެކިއުރިޓީއިންނެވެ. އެގޮތުން، އެކުންފުނިން ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާ ރައްޔިތުންނަށް ނިސްބަތްވާ ”ޕާސަނަލީ އައިޑެންޓިފަޔަބްލް އިންފޮމޭޝަން (ޕީއައިއައި)“ ތަކެއް އޮކްޓޯބަރު މަހުގެ ކުރީކޮޅު ޑާކްވެބްގައި ވިއްކަން ޖަހާފައި ހުރިކަމަށެވެ.
”pwn0001“ ގެ ނަމުން ޑާކްވެބްގެ ބްރީޗް ފޯރަމްގައި ހަރަކާތްތެރިވާ ޔޫޒަރ އެއް، އާދާރްއާއި އިންޑިއާ ރައްޔިތުންތަކެއްގެ ޕާސްޕޯޓް ޑާޓާސެޓެއް 80،000 އެމެރިކާ ޑޮލަރަށް ވިއްކާލުމަށް މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އެގޮތުން، މިމައްސަލައިގެ ތަހުގީގުގެ ތެރެއިން ހޯދިފައިވާގޮތުގައި، ލީކުވެފައިވާ މައުލޫމާތަކީ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސާޗް (އައިސީއެމްއާރް) އިން ކޯވިޑް-19 ގެ އާލަމީ ވަބާ ފެތުރެމުންދިޔަ ދުވަސްވަރު އެއްކޮށްފައިވާ މައުލޫމާތުތަކެކެވެ. މި މައުލޫމާތު ވިއްކަން މަސައްކަތްކުރި ފަރާތުން ވަނީ ހެކީގެ ގޮތުގައި އެޑާޓާ ސެޓުން ހަތަރު ސާމްޕަލް ފްރެގްމެންޓް އާންމުކޮށްފައެވެ. އެގޮތުން، އާންމުކުރި އެއް ސާމްޕަލް ސެޓުގައި 100،000 ރައްޔިތުންގެ މައުލޫމާތު ހުރި އިރު، މި މައުލޫމާތުވަނީ ސޯޝަލް ވިއުގަ، ”އެކްސް“ ގައިވެސް ދައުރުކޮށްފައެވެ
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އައިސީއެމްއާރުން މިހާރުވަނީ އިންޑިއާގެ ކޮމްޕިއުޓަރ އެމަރޖެންސީ ރިސްޕޯންސް ޓީމް (ސާރޓް-އިން) އަށްވެސް މިކަން އަނގާފައެވެ. އަދި ލީކުވެފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިންޑިއާގެ ސިއްހަތާއި ބެހޭ ވުޒާރާއިންވަނީ ބުނެފައެވެ.