ސީ. އެން. އެން. ގެ ޚަބަރުތަކަށް ބަލާއިރު އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ޙަމަލާތައް ހުއްޓާލަން ގޮވާލަމުން ކުރަމުންގެންދާ މުޒާހަރާތައް ދުނިޔޭގެ ބޮޑެތި ޝަހަރުތަކުގެ މަގުތައް ފުރާލައިފިއެވެ. އޭގެ ތެރޭގައި ނިއުޔޯކާއި ލަންޑަން އަދި އިސްތަންބޫލާއި ބަޣްދާދާއި ރޯމް ފާހަގަކޮށްލެވޭ ކަމަށް ބުނެއެވެ.
އިސްރާއީލުން ބުނެފައިވަނީ އެއްވެސް އެނގުމަކާނުލައި ޙަމާސްގެ ހަނގުރާމަވެރިން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ތެރެއަށް ވަދެގަނެ ދޮޅުހާހެއްހާ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކޮށްގެން ގެންދިއުމުން އިސްރާއީލުން ދޭންފެށި ރައްދުގެ މިއީ ދެވަނަ މަރުޙަލާ ކަމަށެވެ.
އިނގިރޭސި ވިލާތުގެ ލަންޑަންގެ މަގުތަކަށް އެތައް ސަތޭކަ ހާސް ބަޔަކު ނިކުމެ އިސްރާއީލާއި ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދާއިރު އެމީހުން އަތުގައި އިނގިރޭސި ވިލާތުގެ ސިޔާސީ ބޭފުޅުންނަށް އަމާޒު ކޮށް “ އަހަރެމެންގެ ނަމުގައި ކަލޭމެން ބޭނުންހާ ކަމެއް ނުކުރެވޭނެއޭ “ ބުނުންފަދަ ލިއުންތައް ހާމަކޮށްފައި ވެއެވެ.
އަދި އަހަރެމެން ބޭނުންވަނީ ހަމަ ވަގުތުން ހަނގުރާމަ ހުއްޓާލަން ކަމަށްވެސް އެމީހުން ގޮވަމުން ގެންދެއެވެ. ފުލުހުން ބުނެފައިވަނީ މުޒާހަރާގައި ބައިލައްކައާއި ހަތްދިހަހާސް މީހުން ބައިވެރިވެފައި ވާކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންނަމަވެސް މިދިޔަ ހަފުތާގައި އެއްލައްކަ މީހުންނަށްވުރެން ގިނައިން މުޒާހަރާ ތަކުގައި ވަނީ ބައިވެރި ވެފައެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންގޮސްފައި ވަނީ “ އަހަރެމެން ފަހަތަށް ކޮށްޕަން ހިފިވަރަކަށް އަހަރެމެންގެ އަދަދު ގިނަވާނެއެވެ. އަހަރެމެންގެ އަޑު ހިމޭން ކުރަން މަސައްކަތްކުރި ވަރަކަށް އަހަރެމެންގެ އަޑު ގަދަވެގެން ދާނެއެވެ.
މުޒާހަރާ ތަކުގެ ތެރެއިން އަންހެނަކު ރޮއިޓާރސް އަށް ވާހަކަ ދައްކަމުން ބުނެފައިވަނީ ފާއިތުވެގެން މިދާ ދެހަފުތާގައި ގައްޒާގައި އެތައް ކުޑަކުދިންނެއް މަރާލައިފައިވާ ވީޑިއޯތައް އޮތީ ފެނިފައެވެ. އެތައް ކުޑަކުދިންނެއް މަރުވަމުން ދާތަން އޮތީ ފެނިފައެވެ.
އެކަންހުއްޓުވަން އަހަރެންނަށް ކުރެވެން އޮތް ކަމަކީ ހަމައެކަނި މި މުޒާހަރާގައި އަހަރެންގެ އަޑުވެސް އުފުލުމެވެ. އެ މަންޒަރުތައް ފެނުމުން އަހަރެންގެ ހިތް ފަޅައިގެން ދާވަރު ވެއެވެ. ހިތާމައަކީ މިގައުމުގެ ފުލުހުންވެސް އަހަރެމެންގެ ޝުއޫރުތައް ފާޅުކުރުމަށް ހުރަސް އަޅައި ސިޔާސީ ވެރިންގެ ބީރު ކަންފަތް ތަކަށް އަޑުއިއްވަން ކުރާ މަސައްކަތުގެ މަގު ބަންދު ކުރަމުން ގެންދިއުމެވެ.
ލަންޑަނުގައި މުޒާހަރާ ކުރަމުން ގެންދާ މީހުންގެ މައިގަނޑު ތީމަކީ ގައްޒާއަށްޓަކައި ބްރޫކްލީން ފުރާލާށެވެ. މުޒާހަރާ އިންތިޒާމް ކުރި ”ވިތިން އަވަރ ލައިފް ޓައިމް“ އިން ރާވާފައި އޮތީ ބްރޫކްލީން މިއުޒިއަމުން ފަށައިގެން ބާރކްލޭ ސެންޓަރުންލާފައި އައިސް ބްރޫކްލީން ބްރިޖާހަމަޔަށް މުޒާހަރާ ނިންމާލުމަށެވެ.
ޙަމާސްއިން އިސްރާއީލަށް ޙަމަލާ ދިންދުވަހު ރައީސް ބައިޑަން ބުނެފައިވަނީ އިސްރާއީލަށް ތާއީދު ކުރުމުގައި އޭނއަކީ ފަރުބަދައެއް ކަމަށާއި ގުޑުވާވެސްނުލެވޭނެ ކަމަށެވެ. ރައީސް ބައިޑަންގެ އެންމެ ގާތް ވާގިވެރިއަކީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސްނަކް އެވެ.
އިސްތަންބޫލްގެ މަގުތަކަށް އެއްވި މީހުންނާ މުޚާތަބު ކުރައްވައި ރައީސް އުރުދުޣާން ވިދާޅުވީ އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ޙަމަލާތައް ހުއްޓުމުގެ ކުރިން ގެއަށް ނުވަނުމަށާއި އިސްރާއީލުގެ އުދުވާނަކީ އެހެންގޮތެއް ނެތިގެން އަމިއްލަ ދިފާއުގައި ކުރާ ހަނގުރާމައެއް ނޫންކަން ހިތުގައި ބިންވަޅު ނެގުމަށެވެ.
ފަލަސްތީނުގެ ބިންތަކުގައި މުޒާހަރާ ކުރަމުން ގެންދާ މީހުންގެ އާދޭހަކީ އިސްރާއީލުގެ އުފެއްދުންތައް ބަލައި ނުގަތުމެވެ. އެއިން އެއްވެސް އެއްޗަކަށް އިސްލާމީ ދުނިޔޭގެ ވިޔަފާރިން ޖާގަ ނުދިނުމެވެ.
ފަލަސްތީނު ރައޔިތުންގެ މި އާދޭހުގެ އަޑު އިވޭ އިސްލާމީ ގައުމެއްގެ ވެރިޔަކު ހުރިކަމަކަށް ނުވެއެވެ. އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައިވެސް ރައްޔިތުން ބަނޑަށް މަރުވެދާނެ ކަމަށް ބިރުން ވެރިކަމުގެ ފަރާތުން މި އާދޭހުގެ އަޑު އަހަން ބޭނުން ނުވާކަހަލައެވެ.
އިސްރާއީލުގެ އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 7980 މީހުން ޝަހީދު ކޮއްލެވިފައި ވާއިރު ވިހިހާސް މީހުންވަނީ ޒަޚަމް ކޮށްލާފައި ވެއެވެ.
މެދު އިރުމަތީގެ ގައުމުތަކުގ ެތެރޭން މިސްރާއި ޖޯރޑަން އަދި ޔަމަނާއި އިރާގާއި ލެބަނަންގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުން ގެންދާ މުޒާހަރާތައް ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް މެދުއިރުމަތީގައި ބާރުހުރި ބަހެއް ބުނެވިދާނެ ހުރިހާ އަރަބިންތިބީ ބިމަށް ތުން ހަރާލައި ގެންނެވެ. ހަމައެފަދައިން ދުނިޔޭގެ ސުލްޙައަށް އުފައްދާފައިވާ އ. ދ. ގެ ބައްދަލުވުން ތަކުގައި އިސްރާއީލުގެ ސަފީރު ފުންމަ ފުންމައިގެން ގޮސް ކިޔޭ ނުކިޔޭ އެއްޗެއް ނޭންގޭ ހިސާބަށް ދިޔައިމާވެސް ބޮޑެތި ބާރުތަކުން ތިބޭނީ ޙަމާސްގެ ޙަމަލާ ކުށްވެރި ކޮށްލަ ކޮށްލައެވެ.
އިސްރާއީލުން އ. ދ. ގެ ގަރާރުތަކަށް ދެފައިން އަރާ ފަލަސްތީނު އަޅުވެތިކޮށް ކޮންމެ ދުވަހަކު މަރަމުންގެންދާ ފަލަސްތީނީންގެ ވާހަކަ ދައްކަން ކެރޭ ބޮޑަކު ނެތެވެ.
ސަންދާނުގެ ކުރީގެ ލިއުމެއްގައި ދައްޖާލު އިންސާފަކީ މިއީ ކަމަށް ލިއެފައި އޮތީ ހަމަރަނގަޅަށެވެ. ދައްޖާލަށް ފެންނާނީ އެއްލޮލުން ކަމުގައި ދަންނަބޭކަލުން ވިދާޅުވަމުން ގެންދަވާ އަޑު ވަރަށް ގިނައިން ވަނީ އިވިފައެވެ.