އާބަންކޯއާ ގުޅޭ މައްސަލައެއް ބަލަމުންދާތީ އެ ކުންފުނިން ފަސް ކަމެއް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިިފިއެވެ.
މިކަމާ ގުޅޭ ގޮތުން އޭސީސީއިން އާބަންކޯއަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އާބަންކޯއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާތީ ފަސް ކަމެއް ކުރުން ވަގުތީ ގޮތުން މަޑުޖައްސައިލުން އެދޭ ކަމަށެވެ.
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އާތިފަށް އެޑްރެސްކޮށް އޭސީސީއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާގުޅޭ ކަންކަމާއި އީއޯއައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަންކަމާއި ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި ބިން ވިއްކުމާ ގުޅޭ މުއާމަލާތްތަކާއި ޖޮއިންޓް ވެންޗަރ އުސޫލުން ކުރިއަށްގެންދާ ކަންކަމާއި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ އެންމެހާ މުއާމަލާތްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.
އޭސީސީއިން މިގޮތަށް އަންގާފައި މިވަނީ ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މިދިޔަ އާދިއްތަ ދުވަހު އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
އެކަމާ ގުޅިގެން އޭސީސީއިން އެ ދުވަހު ވަނީ ފަރުކޮޅުފުށި ދިގު މުއްދަތަކަށް ކުއްޔަށް ދޭން އުޅޭކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާތީ އެކަމުގެ އެއްވެސް މުއާމަލާތެއް އިންތިގާލީ މަރުހަލާގައި ކުރިއަށް ނުގެންދަން އާބަންކޯއަށް އަންގާފައެވެ.