ނޭޓޯގެ ގުޅިފައިވާ ލަޝްކަރުތަކުގެ ކުރީގެ ކޮމާންޑަރ ޖޭމްސް ސްޓާވްރިޑިސް އަށް ޙަވާލާދީ ރިޕޯރޓް ކޮށްފައިވާ ގޮތުގައި މިހާރުފެންނަ މަންޒަރުތަކުން އެމެރިކާ އާއި އީރާނުގެ ސީދާ ކުރިމަތި ލުމަކަށް މިވަނީ ސިޑި އެލުވާފައެވެ.
އެހެންނަމަވެސް އެމް. އެސް. އެން. ބީ. ސީ. ( މައިކްރޯސޯފްޓް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޮމްޕެނީ ) އަށް އޭނާ ދިން ބަސްދީ ގަތުމެއްގައި ބުނެފައިވަނީ އެމެރިކާއާއި އީރާނުގެ ސީދާ ކުރިމަތި ލުމަކަށް މަގު ކޮށެމުންދާނަމަވެސް އެއިން އެއްވެސް ގައުމަކުން އެފަދަ ކުރިމަތިލުމަކަށް ދާކަށް ބޭނުމެއް ނުވާނެއެވެ.
އަދި އަމުދުން އީރާނުގެ އިގްތިސާދީ ޙާލަތުވެސް ވަރަށް ދަށުގައި ގިނައަހަރުތަކެއް ހޭދަކުރަން ޖެހިފައި ވުމުގެ ސަބަބުން އެމެރިކާއާއި އެކު ސީދާ ކުރިމަތި ލުމަކަށް ދިއުން ބޭނުމެއް ނުވާނެއެވެ. އަދި އީރާނަކީ އެ ސަރަޙައްދުގައިވެސް ޙަގީގީ ބައިވެރިން މަދު ގައުމެކެވެ.
ހަމައެއާއެކު އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތި ވެފައިވަނިކޮށް ރައީސް ބައިޑަންވެސް އެފަދަ ޅައެއްޗެއް އަޅާކަށް ބޭނުމެއް ނުވާނެއެވެ.
މިޙާލަތުގައި އެ ދެގައުމުގެ ސީދާ ކުރިމަތިލުމަކަށް ދިހައެއް އިންސައްތައިގެ ފުރުސަތު އޮތް ކަމަށް ބަލައިފިނަމަ ކުރިމަތިލާން ޖެހޭނެ ޙާލަތާމެދު ވިސްނާ ފިކުރުކުރަން ޖެހެއެވެ. ދިހައެއް އިން ސައްތައިގެ ފުރުސަތަކީ އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެން މާ މަތީ އިންސައްތައެއްވެސް މެއެވެ.
އީރާނުން އެމެރިކާގެ މަސްލަޙަތަށް ޙަަމަލާ ދީފިނަމަ އެމެރިކާއިން ރައްދު ދޭނެއެވެ. އެހާތަނުން ހިޒްބު ﷲ ހަނގުރާމައިގެ ތެރެއަށް ވަންނާނެއެވެ. އަދި އިސްރާއީލަށް އަމާޒުކޮށް ޙަމަލާތައްދޭން ފަށާނެއެވެ. މިދިޔަ ހަފްތާގައި އެކަނިވެސް މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަޙަތު ތަކަށް ތަފާތު ތޭރަ ޙަމަލާ ދީފައިވެއެވެ.
އޮކްޓޯބަރ 18 ގައި ސީރިޔާގެ އަލް ތަންފްގައި ހުންނަ އެމެރިކާގެ ސިފައިންގެ މަރުކަޒަށް ދިން ޑްރޯން ޙަމަލާގައި އެމެރިކާ ސިފައިންގެ 20 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ.
އޭގެ އިތުރުން އިރާގުގެ އަލް އަސަދު އެއަރބޭސްގައި ހުރި އެމެރިކާ ސިފައިންގެ މަރުކަޒަށް އަމާޒުވު ޑްރޯން ޙަމަލާގައި ސިފައިންގެ އިތުރު ހަތަރު މީހަކު ޒަޚަމް ވިއެވެ.
މިޙަމަލާތަކަކީ ޙަމާސް އާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމަ އާއި ގުޅުން ހުރި ޙަމަލާތަކަކަށްވެސް ވެދާނެއެވެ. މީގައި ބިރުގަންނަން ޖެހެނީ ފުރުސަތުގެ ބޭނުންކޮށްގެން މިހާރު ޙަމާސް އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ މުޅި މެދު އިރުމައްޗަށް އީރާނުން ފަތުރާލާފާނެތީ ކަމަށް އޭނާ ބުނެފާވެއެވެ.
އެހެނަސް ޙަގީގަތަކީ މެދުއިރުމަތީގެ އެތަކެއް ގައުމެއްގައި އެމީހުންގެ މިލިޓަރީ މަރުކަޒުތައް ބިނާކޮށް ހަތިޔާރު ޖަމާކޮށް އީރާނަށް ފުރަށްސާރަކޮށް ބިރުދެއްކުމާއި ހަނގުރާމައެއް ކުރުމަށް އެމެރިކާއިން ވަނީ ކެތްމަދުވެފައެވެ.
2 Responses
ދުނިޔޭގެ ހަކަތައިގެ މައިމަރުކަޒަކީ މެދުއިރުމަތި ކަމަށްވެފައިވާއިރު އެމެރިކާގެ ދަރަނިތައް ފޫބައްދަން އެ ސަރަހައްދު އަތުލުމަށްވުރެން މޮޅު ވިޔަފާރިއެއް ނޯންނާނެއެވެ. މިހާރު އެ ސަރަހައްދުގައި އެމެރިކާގެ ނުފޫޒު ނެތީ ހަމައެކަނި އީރާނުގައެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް އެކަމަށް މަގު ކޮށާނެއެވެ.
ސަޅި ފޮޓޯތަކަކާއި ވީޑިއޯއެއް. އަދިކިރިޔާ ސަންދާނުން ނޫސްވެރިކަން ތިޔަ ފެއްޓީ. މައުލޫމާތު ފަތުރަން ޖެހޭނީ ހުރިހާފަރާތެއްގެ ވާހަކަތަކަށްވެސް ފުރުސަތު ދީގެން ކިއުންތެރިންނަށް ހަގީގަތް ހާމަކޮށްދީގެން.