ބިޒްނަސް އިންސައިޑަރުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ދަރަނި ފުފެމުންދާ ގޮތާއިމެދު ވޯލްސްޓްރީޓުން ކަންބޮޑުވެ ކަނިބުރައިގެން ހިނގައްޖެއެވެ. މިހާރު ދުނިޔޭގައި އޮތް ޖީ. ޑީ. ޕީ. ގެ ނިސްބަތުން ދަރަނި ސަތޭކަ އިން ސައްތަ އަށްވުރެން މައްޗަށްގޮސްފައިވާ 21 ގައުމުތެރޭގައި އެމެރިކާ ހިމެނިއްޖެއެވެ.
އައި. އެމް. އެފް. ގެ ޑޭޓާ ތަކުގައި އިގްތިސާދީ ގޮތުން އެންމެ ދަށަށް ވެއްޓިފައިވާ ސްރީލަންކާ އާއި ގްރީކާއި އަދި ހަނގުރާމައިގާ އިގްތިސާދު ވީރާނާވެފައިވާ ސޫދާނުގެ ލިސްޓަށް އެމެރިކާވެސް އަރައިފިއެވެ.
އާންމު ރައްޔިތުންގެ ޖީބަށްވަންނަ އެއްޗެއް ނެތުމުގެ ސަބަބުން ޓްރެޝަރީ ބޮންޑުގެ އަގުވެސް ވަރަށްބޮޑަށް ވެއްޓިއްޖެއެވެ. އަދި ޓްރެޝަރީ ބޮންޑުގެ އަގު ވެއްޓުމުގެ ސަބަބުން ސަރުކާރުގެ ދަރަނި ފޫބައްދަން އިންވެސްޓަރުންވެސް ނުލިބޭތާ މަހެއްހާ ދުވަސް ވެއްޖެކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
އެމެރިކާގެ ދަރަނި ބޮޑުވަމުން ދިއުމުގެ ސަބަބުން އިންވެސްޓަރުންވެސް މިހާރު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ޙާލަތު އޮތީ ކުރިމަތި ވެފައެވެ. މިޙާލަތުން އަރާގަތުމަށްޓަކައި ދަރަނި ނެގޭނެ މިންވަރު އިތުރުކުރަން ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ވަނީ ލިބޭނެކަމަށް ވަނީ ބެލިފައެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު އެމެރިކާގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި ނަގަމުން ގެންދާ ދަރަނީގެ މިންވަރު ކޮންމެ އަހަރު ދަނީ އިތުރުވަމުންނެވެ. އެމެރިކާގެ ޓްރެޝަރީގެ ހިސާބުތަކަށްބަލާއިރު 1946 ގެ ޖޫން މަހު 300 ބިލިއަން ޑޮލަރުގައި ހުރި ދަރަނި ފުފެމުންގޮސް މިއަހަރު ސެޕްޓެމްބަރު މަހާއި ހަމަޔަށް އައިއިރު 33 ޓްރިލިއަނަށް އަރައިފިއެވެ.
މީގެ މާނައަކީ އެމެރިކާގެ ދަރަނީގެ ޖުމްލައަކީ ޗައިނާއާއި އިންޑިއާއާއި ޖަރުމަނާއި ޖަޕާނާއި އަދި އިނގިރޭސި ވިލާތުގެ ދަރަނި އެއްކޮށްލީމާ ލިބޭ ޖުމުލައަށް ދަރަންޏަށް ވުރެންވެސް މާބޮޑު އަދަދެކެވެ.އެމެރިކާއަށް ލިބޭ ޢާމްދަނީ އާއި ދަރަނީގެ ނިސްބަތް ފާއިތުވެގެން މިދާ ވިހި އަހަރުދުވަހުގެ ތެރޭގައި އަރައިގެން ދަނީ ޖީ-7 ގެ އެހެން ގައުމުތަކަށް ވުރެން މާ ބާރަށެވެ.
ޖީ-7 ގެ ގައުމުތަކުގެ ގައުމުތަކުގެ ތެރެއިން ލިބޭ އާމްދަނީއަށް ވުރެން ދަރަނި ބޮޑު ދެ ގައުމަކީ ޖަޕާނާއި އިޓަލީއެވެ. އެންމެފަހުން ދަރަނިތައް އަދާކުރެވޭގޮތަކާއި ދޭތެރޭ ވޯޝިންގްޓަންގައިވެސް ޚިޔާލު ތަފާތުވުން އުފެދުނީއެވެ.
އެމެރިކާގެ ރައީސް ރޭގަން އާއި ރައީސް ބުޝްގެ ދައުރުގައި ބައެއް ޓެކްސްތަކަށް ލުއިދިނުމާއި އިރާގު ހަނގުރާމައިގެ ބަހަނާ މިހާރު ދެއްކި ދާނެއެވެ. ގައުމުގެ އިގްތިސާދު ފުނޑިގެންދާއިރު ދޭދޭ ގައުމުތައް ޖެއްސުންފިޔަވައި ކުރަން އެނގޭ އެހެންކަމެއް ނެތޭ ބުނާނެ ހިތްވަރެއް ނުހުރެއެވެ. އެހެންކަމަށް ވުމުން ކޮންމެވެސް ބޮޑު ހަނގުރާމައް ކޮށްލައި އެހަނގުރާމައިގެ ބޮޑު ޚަރަދުތައް ދަރަނީގެ ގޮތުގައި އެގައުމުތަކުގެ ބޮލުގައި އަޅުވަން އެމެރިކާއަށް އެބަޖެހެއެވެ.