ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުން ގިނަކުރުމަށް ބާރުއެޅުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީއިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް ޕާޓީން ޚާއްސަ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޢިއްޒު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
“މިގޮތުން ޕީޕީއެމް/ޕީއެންސީއިން މަޖިލީހުގެ މަދުވެގެން %20 ގޮނޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލަން.“
މުޢިއްޒު ވިދާޅުވީ މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީއިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދާދިފަހުން ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މުޢިއްޒު ވިދާޅުވީ މަސައްކަތް ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ވީހާވެސް ގިނަ ގޮނޑި ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި އަމާޒަކީ މަޖިލީހުގެ 2/3 ގޮނޑި ހޯދުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.